އިޓާލިއަން ސެރިއޭގައި ރޭ އަމިއްލަ ދަނޑުގައި އެމްޕޮލީއާ ދެކޮޅަށް ޔުވެންޓަސް ކުޅުނު މެޗުން 1-0 އިން ބަލިވެއްޖެއެވެ.
މިއީ އެމްޕޮލީގެ ތާރީޚުގައި ލީގުގައި ޔުވެންޓަސް އަތުން މޮޅުވި ދެވަނަ ފަހަރެވެ. ޔުވެންޓަސް އަތުން ލީގުގައި އެ ޓީމު އެންމެ ފަހުން މޮޅުވީ 1999 ވަނަ އަހަރު އެވެ. އަދި މިއީ މި ފަހަރުގެ ސީޒަނުގައި ލީގުގައި ޔުވެންޓަސް އަށް މޮޅެއް ނުހޯދި ނިންމާލަންޖެހުނު ދެވަނަ މެޗެވެ. ފުރަތަމަ މެޗުގައި ރަށުން ބޭރުގައި އުދިނޭޒީއާ ދެކޮޅަށް ކުޅުނު މެޗު ނިމުނީ ދެ ޓީމު 2-2 އިން އެއްވަރުވެގެންނެވެ. ރޭގެ މެޗަކީ ޕޯޗުގަލްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ ނެތި ޔުވެންޓަސް ކުޅުނު ފުރަތަމަ މެޗެވެ.
ޔުވެންޓަސްގެ އެލިއާންޒް ސްޓޭޑިއަމްގައި ރޭ ކުޅުނު މި މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު، 21 ވަނަ މިނެޓުގައި އެމްޕޮލީ އަށް ކާމިޔާބުކޮށްދިނީ ލިއޮނާޑޯ މަންކޫސޯ އެވެ. މިހާރު އުމުރުން 29 އަހަރުގެ މަންކޫސޯ އަކީ 18 މަސް ދުވަހު ޔުވެންޓަސްގައި ހުރި ނަމަވެސް ރަސްމީ މެޗެއްގައި އެ ޓީމަށް ކުޅުމުގެ ފުރުޞަތު ނުލިބުނު ކުޅުންތެރިއެކެވެ.
މި މެޗުގައި ޔުވެންޓަސް އަށް އެއްވަރުކޮށްދޭން އިޓަލީގެ އުއްމީދީ މިޑްފީލްޑަރު މެނުއެލް ލޮކަޓެއްލީ އަށް ވަނީ ރަނގަޅު ދެ ފުރުޞަތެއްލިބި ބޭކާރުވެފައެވެ. އޭނާ ފޮނުވާލި ދެ ބޯޅަ ވެސް ދިޔައީ ގޯލްގެ ދަނޑިކައިރިން ބޭރަށެވެ.
ލީގުގައި ރޭ ކުޅުނު އެހެން މެޗުތަކުގެ ނަތީޖާއަށް ބަލާއިރު ޓޮރީނޯ އަތުން 2-1 އިން ފިއޮރެންޓީނާ މޮޅުވިއިރު، އެޓަލާންޓާގެ ދަނޑުގައި ބޮލޯނިއާއާ ދެކޮޅަށް ކުޅުނު މެޗު ނިމުނީ ދެ ޓީމަށް ލަނޑެއްނުޖެހި 0-0 އިން އެއްވަރުވެގެންނެވެ. ލާޒިއޯ އިން އަމިއްލަ ދަނޑުގައި 6-1 އިން ސްޕެޒިއާ ބަލިކުރިއިރު، އިޓަލީގެ ފޯވާޑް ޗީރޯ އިމޯބިލޭ ހެޓްރިކް ހެދިއެވެ. އެ ޓީމުގެ އަނެއް ލަނޑުތައް ޖަހައިދިނީ ފެލިޕޭ އެންޑަސަން އާއި އެލްސެއިދް ހީސާޖް އަދި ލުއިސް އަލްބާޓޯ އެވެ.
މި މުބާރާތުގައި މިރޭ ކުޅޭ މެޗުތަކުގެ ތެރޭގައި، ނަޕޯލީއާ ޖެނޯއާ ބައްދަލުކުރާ މެޗާއި، އޭސީ މިލާންގެ ދަނޑުގައި ކަލިއާރީއާ ދެކޮޅަށް ނިކުންނަ މެޗު އަދި އަލަށް ޕްރޮމޯޓުވި ސަލާނިޓާނާގެ ދަނޑުގައި އޭއެސް ރޯމާ ކުޅޭ މެޗު ފާހަގަކޮށްލެވެއެވެ.
