މަސްތުވާތަކެތީގެ ވަބާގައި ޖެހިފައިވާ މީހުންނަށް އެކަމުން ދުރުކޮށްދިނުމަށް ވެދޭ އެހީއެއްގެ ގޮތުން ފައިސާ ދިނުމަށް އެމެރިކާގެ ކެލިފޯނިއާއިން ނިންމައިފިއެވެ.

އެ ސްޓޭޓުން ވަނީ މީގެ އަހަރުތަކެއް ކުރިން އަސްކަރީ ދާއިރާގައި އުޅެފައި ތިބި މީހުން މަސްތުވާތަކެތި ބޭނުންކުރުން ހުއްޓާލާ ނަމަ ފައިސާ ދޭނެކަމަށް ވެސް ބުނެފައެވެ. ކެލިފޯނިއާއިން ފައިސާ ދޭން ހުށަހަޅައިގެން މަސްތުވާތަކެތީގެ ވަބާއިން މީހުން ދުރުކުރުމަށް މަސައްކަތް ކުރަން ނިންމާފައިވަނީ އެ ވަބާއިން އާންމުން ސަލާމަތްކުރުމަށް އޮތް އެންމެ ކާމިޔާބު ގޮތް ކަމުގައި ކެލިފޯނިއާގެ އިސް އޮފިޝަލުންނަށް ފެންނަނީ އެ ގޮތް ކަމަށް ވާތީއެވެ.

މި ފުރުސަތުގެ ދަށުން ފައިސާ ދިނުމަށް ހުށަހަޅާފައިވަނީ ވަކި މުއްދަތެއްގެ ތެރޭގައި ޑްރަގް ޓެސްޓް ކުރާއިރު، ނައްސި ނަތީޖާ ލިބޭ ކޮންމެ ފަހަރަކަަށް ވަކި ވަރެެއް ދޭގޮތަށެވެ. އަދި މަސްތުވާތަކެތީގެ ވަބާއިން ދުރުވުމަށް ކުރިޔަށްގެންދާ ތެރަޕީ ނިންމާލާއިރު، ޑްރަގް ޓެސްޓުގެ ހުރިހާ ޓެސްޓަކުން ނައްސި ނަތީޖާ ލިބިފައިވާ މީހުންނަށް 100 އަށް ވުރެ ގިނަ ޑޮލަރު ދޭން ނިންމާފައިވާ ކަމަށް ބުނެފައިވެއެވެ.

މި އުކުޅު ބޭނުންކޮށް ކެލިފޯނިއާގައި މަސްތުވާތަކެތީގެ ވަބާއިން މީހުން ސަލާމަތްކުރުމަށް އެ ގައުމުން މަސައްކަތް ކުރަން ފަށާފައިވަނީ އޯވާޑޯޒް ވެގެން މަރުވާ މީހުންގެ އަދަދު އިތުރުވާން ފެށުމުން ކަމަށް ރިޕޯޓުތައް ބުނެއެވެ.