މުޅި ދުނިޔެއަށް ކުރިމަތިވެފައި އޮތް ކޮވިޑް-19 އިން އަރައިގަތުމަށްޓަކައި އެކިކަހަލަ ފިޔަވަޅުތައް ދަނީ އަޅަމުންނެވެ. އެގޮތުން ކޮވިޑް-19 އަށް ފައްސިވާ ބައެއް މީހުންގެ ކޮންޓެކްޓް ޓްރޭސިންގެ ތެރެއިން ބަލިމީހާއާއި ދިމާވެފައިވާ މީހުން ކަރަންޓީން ކުރުމަކީ މިހާރު ކަނޑައެޅިފައިވާ އުސޫލުގެ ތެރެއިން ކުރަމުން އަންނަ ކަމެކެވެ. ބައެއް މީހުންނަށް ސެލްފް އައިސޮލޭޝަން ނުވަތަ ކަރަންޓީންގައި ތިބެންޖެހުމަކީ މާބޮޑު ކަމެއް ނޫނެވެ. ނަމަވެސް އަނެއްބައި މީހުންނަށް މިގޮތަށް މީހުންނާއި ދުރުގައި އެކަނި އުޅެންޖެހުމަކީ ވަރަށް ހިތްދަތިވެ މާޔޫސްކުރުވާ ކަމެކެވެ. އަޅުގަނޑުމެންގެ ތެރެއިން ގިނަމީހުންނަކީ އިޖުތިމާޢީ ގުޅުންތަކަށް ވަރަށް އިސްކަންދޭ ބައެކެވެ. އަބަދުވެސް އާއިލާއާއި ރަހުމަތްތެރިންނާއެކު އުފާވެރި މަޖާ ވަގުތުކޮޅެއް ހޭދަކޮށްލުމަކީ އުފާވެރި ދުޅަހެޔޮ ދިރިއުޅުމަކައްޓަކައި ކޮންމެހެން މުހިންމު ކަމެއްކަމުގައި އެބައިމީހުން ދެކެއެވެ. އަދި ޙާއްސަކޮށް ގިނަވަގުތު ގެއިން ބޭރުގައި ވަގުތު ހޭދަކުރަން ބޭނުންވާ މީހުންނަށް ހޯމް އައިސޮލޭޝަންގައި ތިބެން ޖެހުމަކީ ވަރަށް އުނދަގޫ ކަމަކަށްވާނެއެވެ. އެހެންކަމުން އެފަދަ ޙާލަތެއް ތަހައްމަލްކުރަމުންދާ ފަރާތްތަކަށް އެކަނިވެރިކަމުން އަރައިގަންނަން ކުރެވިދާނެ ފަސް ކަމަކަށް މިލިޔުމުގައި ބަލާލާނަމެވެ.
އެންމެ ފަހުގެ މަޢުލޫމާތަށް އަހުލުވެރިވުން
ސެލްފް އައިސޮލޭޝަން ނުވަތަ އެކަހެރިވުމަކީ މިފަދަ ޙާލަތްތަކުގައި އަޅުގަނޑުމެންގެ ލޯބިވާ ފަރާތްތަކުގެ ލާބައާއި މަންފާއަށްޓަކައި ކުރަން ޖެހިއްޖެނަމަ ކުރުން މުހިންމުކަމެކެވެ. ނަމަވެސް މިކަމުގެ ސަބަބުން ހެޔޮއެދޭ ފަރާތްތަކާއި ބައްދަލުނުވެ އެކަނިވެރިކަން އިންތިހާއަށްދެއެވެ. އެހެންނަމަވެސް މިފަދަ ވަގުތުތަކުގައި އަބަދުވެސް ކޮވިޑް-19 އާއި ބެހޭ އެންމެ ފަހުގެ މަޢުލޫމާތު ހޯދާ ސިއްޙީ މާހިރުންގެ ލަފާއާއި އިރުޝާދުތަކަށް ބޯލެނބުމަކީ ތިމާގެ ސިކުނޑި ތާޒާކޮށްދީ ކަންކަމާމެދު ޕޮޒިޓިވްކޮށް ވިސްނުމަށް ބާރަކަށް ވެގެންދާނެ ކަމެކެވެ. ހަމައެއާއެކު ތިމާގެ އާއިލާއާއި ރަހުމަތްތެރިންނާއި ފޯނުން ގުޅާލާ، މެސެޖްކޮށް އަދި ވީޑިއޯކޯލްގެ ޒަރިއްޔާއިން އެމީހުނާއެކު އުފާވެރި ވަގުތުކޮޅެއް ހޭދަކޮށްލާށެވެ.
ކޮންމެވެސް ކަމަކަށް ސިކުނޑި މަޝްޢޫލުކުރުވުން
މާބޮޑަށް އެކަނިވެރިކަން އިހުސާސްވުމުގެ ސަބަބުން ބައެއްފަހަރު މީހާ ވަރަށްބޮޑަށް ބަލިކަށިކޮށްލައެވެ. މިކަހަލަ ވަގުތުތަކުގައި އެކަނިވެރިކަމުން ދުރުވުމަށްޓަކައި ތިމާގެ ސިކުނޑި ކޮންމެވެސް ކަމަކަށް އެންގޭޖްކުރުމަކީ މުހިންމުކަމެކެވެ. ތިމާ އެންމެ ކުރާހިތްވާ ކަންކަން މިސާލަކަށް، ލަވައެއް އަޑުއަހާލުން، ކޮންމެވެސް އެއްޗެއް ލިޔެލުން، ރެސިޕީއެއް ބަލައިގެން ކާއެއްޗެއް ތައްޔާރުކޮށްލުން، ސިކުނޑި ތާޒާ ކޮށްލާ ކަހަލަ ފިލްމެއް ބަލާލުން، ކަސްރަތުކޮށްލުން އަދި އޮންލައިންކޮށް ކުރިޔަށްދާ ކޮންމެވެސް ކްލާހެއްގައި ބައިވެރިވުން ކަހަލަ ކަންކަމުގައި މަޝްޢޫލުވެވިދާދެއެވެ.
އުފާވެރި ވަގުތުތަކާއިމެދު ވިސްނުން
ބައެއް ދިރާސާތަކުން ދައްކާގޮތުގައި ތިމާ ލޯބިވާ ފަރާތްތަކާއިއެކު ހޭދަކުރެވިފައިވާ އުފާވެރި ވަގުތުތަކާއި ކޮށްފައިވާ މަޖާ ކަންތައްތައް ހަނދާން ކުރުމަކީ ތިމާގެ އެކަނިވެރިކަން ފިލާ ލޯބިވާ ފަރާތްތަކާއެކު ވެވޭ ކަމުގެ ފޮނި އިހުސާސްކުރެވޭ ކަމެކެވެ. އެގޮތުން އެފަދަ ވަގުތުތަކުގައި ކެމެރާގައި ރައްކާކޮށްފައިވާ ފޮޓޯތަކާއި ވީޑިއޯތައް ބަލާލާ އެހަނދާންތައް އައުކޮށްލުމަކީ މިފަދަ ޙާލަތެއްގައި އެކަނިވެރިކަންފިލާ ނަފްސު އުފާވެރިކުރުވާނެ ކަމެކެވެ. އަދި ތިމާއަކީ ތިމާ ލޯބިވާ ފަރާތްތަކަށް ކިހާ މުހިންމު މީހެއްކަން އިހްސާސްވާނެ ކަމެކެވެ.
ހެޔޮއެދޭ މީހުންނާއި އޮންލައިންކޮށް ބައްދަލުކުރުން
ކިތައްމެ ދުރުގައި ތިބެންޖެހުނު ކަމުގައިވިޔަސް އެކަކުއަނެކަކާއި ބައްދަލުކޮށް ވާހަކަދައްކާލާ ހެދުމަކީ މިހާރު ދާދިފަސޭހަ ކަމެކެވެ. އެހެންކަމުން މިގޮތަށް ކަރަންޓީންގައި ތިބޭ ފަރާތްތަކަށް އެމީހުންގެ ގާތްތިމާގެ މީހުންނާއި ވާހަކަދައްކާލާ ހާލުއަޙުވާލު ބެލުމަކީ ފަސޭހަކަމެކެވެ. އެގޮތުން އެކަނިވެރިކަން އިހްސާސްވިޔަ ނުދިނުމަށްޓަކައި ގާތްމީހުންގެ ލިސްޓެއް ހެދުމަށްފަހު އެމީހުންނާއި ބައްދަލުކުރާނެ ގޮތުގެ ތާވަލެއް ހަދާށެވެ. އަދި ތިމާ އެންމެ ލޯބިވާ ތަރުތީބުން ކޮންމެ ދުވަހަކުވެސް އެއްބަޔަކަށް ވީޑިއޯ ކޮންފަރެންސް ހެދިދާނެއެވެ އަދި މިފަދަ ވަގުތުތަކުގައި އެންމެން އެއްކޮށް ގޭމެއް ކުޅެލުން ނުވަތަ ފިލްމެއް ބަލާލުންފަދަ ކަމެއް ކުރެވިދާނެއެވެ. މިގޮތައް ކޮންމެދުވަހަކު ބައިގަޑިއިރުވަރު ލޯބިވާ ފަރާތްތަކާއިއެކު ހޭދަކޮށްލެވުމުން ހިތަށްހަމަޖެހުންލިބި އެކަނިވެރިކަންފިލާނެއެވެ.
އަމިއްލަ ނަފްސަށާއި އެހެންމީހުނަށް އޯގާތެރިވުން
އެކަނިވެރިވާ ވަގުތުތަކުގައި ވަރަށްގިނަ ނުބައި ވިސްނުން ތިމާގެ ސިނކުޑިއަށް ވާސިލްވާނެއެވެ. ނަމަވެސް އެފަދަ ނުބައި ވިސްނުންތަކުން ދުރުވާން މަސައްކަތްކުރާށެވެ. މިސާލަކަށް، ތިމާއަށް ޙާސިލްނުވެ އޮތްކަމެއް، ތިމާއަތުގައި ނެތް އެއްޗެއް ނުވަތަ ތިމާ އެންމެ ބޭނުންވި އެއްޗެއް ނުލިބުން ފަދަ އެތައް ވިސްނުމަކުން ސިކުނޑި ހާސްކުރުވާ ފަހަރު އަންނާނެއެވެ. ނަމަވެސް އެފަދަ ވަގުތުތަކުގައި ވީހާވެސް ރަނގަޅަށް ތިމާގެ ވިސްނުން ބަހައްޓާ ތިމާއަށް ޙާސިލްވެފައިހުރި ކަންކަން ބަލައިގަންނާށެވެ. އަދި ހާސިލްނުވެހުރި ކަންކަން ޙާސިލްކުރަން އަދި ވަގުތުއޮތްކަން ތިމާގެ ސިކުނޑިއަށް ވިސްނަދޭށެވެ. އަދި ކަރަންޓީންގެ ދުވަސްތައް ނިމުމުން ތިމާގެ ގާތްމީހުންނަށް ވީހާވެސް ހެޔޮކޮށް ކަންކަން ކުރުމަށް އަޒުމްކަނޑައަޅާށެވެ. އަދި މިފަދަ ދަނޑިވަޅެއްގައި ތިމާއަށް ގޯސްކޮށްކަމެއް ކުރެވިފައިވާނަމަ މާފަށްއެދި އެމީހަކާ ދެމެދު އޮތް ގުޅުން އިތުރަށް ހަރުދަނާ ކުރަން މަސަތްކަތް ކުރާށެވެ.
