ހިޔާ ސޯޝަލް ހައުސިން ސްކީމްގެ ދަށުން ފްލެޓް ލިބުނު ފަރާތްތަކަށް ފަސޭހަކަމާ އެކު ފައިނޭންސިން ފޯރޮކޮށްދިނުމަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ތައާރަފް ކުރި ހޯމް އިމްޕްރޫވްމަންޓް ލޯނާއި ފައިނޭންސިންއަށް ހެޔޮ ބަދަލުތަކެއް އެ ބޭންކުން ގެނެސްފިއެވެ. 

ބީއެމްއެލްއިން އިއްޔެ ގެނައި ބަދަލާއެކު، ކަސްޓަމަރުންނަށް މިހާރު އިތުރު ފަރާތަކާއެކު ލޯނަށް އެދި ހުށަހެޅޭނެކަމަށް އެ ބޭންކުން މައުލޫމާތު ދެއެވެ. 

އެގޮތުން ލޯނަށް ހުށަހަޅާ ފަރާތަކީ އާމްދަނީ ލިބޭ ފަރާތަކަށް ވާންވާނެކަމަށާއި އާމްދަނީގެ ގޮތުގައި މުސާރަ، ކުލި، އަދި ވިޔަފާރިން ލިބޭ އާމްދަނީ ގެ އިތުރުން އެހެނިހެން އާމްދަނީވެސް ލޯނަށް ހުށަހަޅާއިރު ބަލައިގަންނާނެކަމަށާއި ލޯނުގައި ބައިވެރިވާ އިތުރު މީހުންނަކީ ލޯނު ނަގާ ފަރާތް ނުވަތަ ފްލެޓްގެ ވެރިފަރާތާ އާއިލީ ގޮތުން ގުޅުން ހުރިފަރާތެއް ކަމުގައި ވާންވާނެ ކަމަށްވެސް ބީއެމްއެލްއިން ބުންޏެވެ.

ހިޔާ ފްލެޓް ލިބުނު ފަރާތްތަކަށް ތައާރަފް ކުރި ހޯމް އިމްޕްރޫވްމަންޓް ލޯނުގެ އިތުރުން ފްލެޓް އަދި ރޯ ހައުސް ގަނެފައިވާ އަމިއްލަ ފަރާތްތަކަށް އެ ގަނެފައިވާ ތަނުގެ ފިނިޝިން މަސައްކަތަށާއި ފަރުނީޗަރު ގަތުމަށް ބޭންކުން ތައާރަފް ކުރި ހޯމް އިމްޕްރޫވްމަންޓް ލޯން ޕްލަސް ގެ ފައިނޭންސިންއަށްވެސް ބަދަލު ގެނެސްފައިވާ އިރު ބީއެމްއެލްއިން ބުނީ، އައު ފްލެޓްތަކުގެ ފިނިޝިން އަދި ފަރުނީޗަރު ބޭނުންތަކަށް ކަސްޓަމަރުންނަށް 25،000 ރުފިޔާއިން ފެށިގެން 150،000 ރުފިޔާ އާ ހަމަޔަށް ލޯނު ދޫކުރާނެއެވެ. އަދި ހޯމް އިމްޕްރޫވްމަންޓް ލޯން ޕްލަސް ގެ ދަށުން ޝަރުތު ހަމަވާ ފަރާތްތަކަށް 25،000 ރުފިޔާ އިން ފެށިގެން 300،000 ރުފިޔާ އާ ހަމަޔަށް ލޯނު ދޫކުރުމަށް ހަމަޖެހިފައިވާ ކަމަށް ބީއެމްއެލްއިން ބުންޏެވެ. 

ރަހުނަކާ ނުލާ ދޫކުރާ އެހެން ލޯނުތަކަށްވުރެ ކުޑަ އިންޓްރެސްޓް ރޭޓެއް ކަމަށްވާ 12 ޕަސެންޓުގައި ދޫކުރާ  ހޯމް އިމްޕްރޫވްމަންޓް ލޯން އަދި ހޯމް އިމްޕްރޫވްމަންޓް ލޯން ޕްލަސް އަނބުރާ ދެއްކުމަށް ފަސް އަހަރުގެ މުއްދަތެއް ލިބޭނެކަމަށް ބީއެމްއެލްއިން ބުންޏެވެ.

މި ބަދަލުތައް ބީއެމްއެލް އިސްލާމިކް ގެ ހޯމް އިމްޕްރޫވްމަންޓް ފައިނޭންސިން އަދި ހޯމް އިމްޕްރޫވްމަންޓް ފައިނޭންސިން ޕްލަސް އަށް ވެސް ގެނެސްފައިވާކަމަށް ބީއެމްއެލުން ބުންޏެވެ.