ދިރިއުޅުމަށްޓަކައި ކުރި ހުރިހާ މަސައްކަތްތަކެއް ދޫކޮށްލައި، އަމިއްލަ ވަޒަނަށް ދޫކޮށް ދިއުމަށް ފޮށިތަންމަތި ބަނދެގެން ތިބިއިރު އަހްމަދީގެ އާއިލާ މެމްބަރުންގެ ލޮލުން ފެންނަމުން ދިޔައީ އުއްމީދެވެ. މުސްތަޤްބަލަށް ދެކޭ ފޮނި ހުވަފެނެވެ. ނަމަވެސް އަފްޣާނިސްތާން ދޫކޮށް އެމެރިކާއަށް ހިޖުރަކުރަން ތައްޔާރުވެފައި ތިބި މި އާއިލާއަށް ދެން ފެނުނީ އެމެރިކާގެ ޑްރޯންތަކުން ފޮނުވާލި މިސައިލް ހަމަލާތައް އައި ތަނެވެ. މިދިޔަ އާދިއްތަ ދުވަހު ދިން މި ހަމަލާތަކަކީ އެމެރިކާއިން ގަބޫލުކުރާގޮތުގައި އަފްގާނިސްތާނުގައި ހަރަކާތްތެރިވާ އައި.އެސް. ޖަމާއަތަށް ދިން ހަމަލާއެކެވެ.

އައިމަލް އަހްމަދީގެ އާއިލާ މެމްބަރުން ވަކިވެގެންދިޔަކަން އަދިވެސް އޭނާ އަކަށް ގަބޫލެއް ނުކުރެވެއެވެ. އޭނާއަށް ބޮޑު ބޭބެ ކިޔާ ލޯބި ލޯބި ކުޑަކުދިންތައް ގެއްލުނުއިރު، އައިމަލް އެންމެ ހިތާމަ ކުރަނީ އެ ގައުމުގެ މީޑިއާތަކުންވެސް އެއީ ޓެރަރިސްޓުންގެ ގޮތުގައި ބަލަމުންދާތީއެވެ. ވަކިވެދިޔަ މެމްބަރުންގެ ކުދިކުދިވެފައިވާ ހަށިގަނޑުގެ ބައިތައް އެއްކުރަމުން ދިޔައިރު، ހުއްޓުމެއްނެތި އަފްގާނިސްތާނާއި ބައިނަލްއަޤްވާމީ މީޑިއާތަކުން ރިޕޯޓްކުރަމުން ދިޔައީ އެމެރިކާއިން ކާމިޔާބު ކަމާއި އެކު އައި.އެސް. ގެ ބޭސްއަކަށް ހަމަލާދިންވާހަކައެވެ.

އަހްމަދީ ކިޔާދިން ގޮތުގައި އޭނާގެ 40 އަހަރުގެ ބޭބެ އިންޖިނިއަރެއްގެ ވަޒީފާ އަދާކޮށް ނިންމުމަށްފަހު އަނބުރާ ގެއަށް އައީ އޭގެ ކުޑަ އިރުކޮޅެއް ކުރިންނެވެ. އަދި އެމެރިކާއަށް ދާން ތައްޔާރުވެފައިވާތީ، ބޭބެ ވަނީ ބޭބެގެ ދަރިންނަށް ކާރު ދުއްވަންވެސް ދަސްކޮށްދީފައެވެ. އެމެރިކާގެ މި ހަމަލާ ދިން އިރު، ކާރުގެ ތެރޭގައި ކުޑަ ކުދިންތައް ވެސް ދަތުރަށް ތައްޔާރުވެފައި ތިއްބެވެ. ބޭބެގެ އެދުމުގެ މަތިން، ކާރު އައިމަލްގެ ގޭގެ ގަރާޖަށް ވެއްދީ ބޭބެގެ އެންމެ ދޮށީ ދަރިފުޅެވެ. ކާރު ވަދެ ހުއްޓުނުވަގުތަކީ ރޮކެޓް ހަމަލާ ދޫކޮށްލި ވަގުތެވެ.

މާލަސްތަކެއް ނުވެ، އަވަށްޓެރިންނާއި ހިސާބުގަނޑުގައި ތިބި މީހުން ފެށީ އަލިފާން ނިވުމުގެ މަސައްކަތެވެ. އެވަގުތު ހަރަކާތްތެރިވި ބައެއް މީހުންނަށްވަނީ ނަފްސާނީގޮތުން ވެސް އަސަރުކޮށްފައެވެ. ބައެއްމީހުން ކިޔާދިންގޮތުގައި ކުޑަކުދިންނާއި ބޮޑެތި މީހުންގެ ހަށިގަނޑުގެ ބައިތައް ފާރުތަކުގައި ވެސް ވަނީ ތަތްލަވާފައެވެ. އަދި އެތަނުން އެއްކުއްޖެއްގެ ހަށިގަނޑުން ފެނުނީ ހަމައެކަނި އެ ކުއްޖާގެ ފައި ކަމަށްވެސް ވަނީ ބުނެފައެވެ.

އެމެރިކާގެ ފަރާތުން ވަނީ މި ހަމަލާގައި އާއްމުންނަށް އަނިޔާވިތޯ ނުވަތަ ނޫންތޯ ޔަގީންކުރުމަށް ތަހުގީގެއް ފަށާފައިވާ ކަން ހާމަކޮށްފައެވެ. އަދި ހަމަލާދިނީ އައި.އެސް. ގެ ފަރާތުން ކާރެއްގައި ބޮން ހަރުކޮށްގެން ގޮއްވާލަން އުޅޭކަމުގެ މައުލޫމާތު ލިބިގެން ކަމަށް ވަނީ ބުނެފައެވެ. އަފްޣާނިސްތާނުގެ ގިނަ ބަޔަކު ދަނީ މިކަމަށް ވަރަށް ބޮޑަށް ފާޑު ކިޔަމުންނެވެ. ބައެއް މީހުން ބުނާގޮތުގައި އެމެރިކާގެ ސިފައިން 20 އަހަރު އެ ގައުމުގައި ހޭދަކުރިއިރު އެއްވެސް ބަދަލެއް ނާދެއެވެ. އެ 20 އަހަރު ފެށިގެން ދިޔައީވެސް ޑްރޯންގެ ހަމަލާތަކުންނެވެ. އަދި ނިންމާލީވެސް ހަމަ އެ ފަދަ ހަމަލާއެއްގައި ކުށެއްނެތް އާއްމުންތަކެއް މަރާލުމަށް ފަހުއެވެ.

އެމެރިކާއިން އެންމެ ފުރަތަމަ ޑްރޯން ހަމަލާއެއް އަގްފާނިސްތާނުގައި ދީފައިވަނީ 2001 ވަނަ އަހަރުގެ އޮކްޓޯބަރ މަހުއެވެ. އެ ހަމަލާއަކީ ތާލިބާނުގެ ލީޑަރެއް މަރާލުމަށް ދިން ހަމަލާއެއް ކަމުގައި އެމެރިކާއިން ބުނިކަމުގައި ވިއަސް، މިއަދާ ހަމައަށް ދާންދެން އެ ހަމަލާގައި މަރުވީ ކިތައް މީހުން ކަމެއް އަދި ކޮން ބައެއް ކަމެއްވެސް ނޭނގޭކަމަށް އަފްގާނިސްތާނުގެ ރިޕޯޓަރެއް ވަނީ ބުނެފައެވެ.