ޕޯޗުގަލްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ، 13 އަހަރަށްފަހު މެންޗެސްޓާ ޔުނައިޓެޑާ ގުޅުމަށްފަހު ބުނީ އެނބުރިއައުން ހާއްސަކުރަނީ އެ ޓީމުގެ ކުރީގެ ކޯޗު ސާރ އަލެކްސް ފާގަސަން އަށް ކަމަށެވެ.

މިހާރު އުމުރުން 36 އަހަރުގެ ރޮނާލްޑޯ، ކުރީގެ ކްލަބު ޔުވެންޓަސް ދޫކޮށްލުމަށްފަހު ޔުނައިޓެޑާ ގުޅެން ނިންމިކަން އިއުލާންކުރީ މިދިޔަ ހުކުރު ދުވަހު އެވެ. ޔުނައިޓެޑާއެކު ރޮނާލްޑޯ ވަނީ ދެ އަހަރު ދުވަހުގެ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ. އަދި މި ކޮންޓްރެކްޓްގެ ދަށުން އޭނާ ބޭނުންނަމަ އިތުރު އެއް އަހަރަށް އެއްބަސްވުން އާކުރުމުގެ ފުރުޞަތު ލިބިގެންވެއެވެ.

މިދިޔަ ތިން ސީޒަނުގައި ޔުވެންޓަސް އަށް ކުޅުނު ރޮނާލްޑޯ ގަތުމަށް ޔުނައިޓެޑުން 15 މިލިއަން ޔޫރޯ (17 މިލިއަން ޑޮލަރު) އެ ކްލަބަށް ދޭނެއެވެ. އަދި ފަހުން ބޯނަހުގެ ގޮތުގައި 8 މިލިއަން ޔޫރޯ (9 މިލިއަން ޑޮލަރު) ދިނުމަށް އެއްބަސްވެފައިވެއެވެ.

ރޮނާލްޑޯ މިއަދު އިންސްޓަގްރާމުގައި ލިޔެފައިވާ ޕޯސްޓެއްގައި ވަނީ ޔުނައިޓެޑާ މެދު އޭނާގެ ހިތުގައި އޮތް ލޯތްބަކީ ނިމުމެއް ނޯންނާނެ ކަމެއް ކަމަށާއި، އަލުން އެ ކްލަބަށް އައުމަކީ ހުވަފެނެއް ހަގީގަތަކަށްވުން ކަމަށެވެ. އަދި އެ ޓީމުގެ ޖާޒީގައި އަނެއްކާވެސް ކުޅެން ނިކުތުމަށް ކެތްމަދުވެފައިވާ ކަމަށް ވެސް ރޮނާލްޑޯގެ ޕޯސްޓުގައިވެއެވެ.

ރޮނާލްޑޯގެ ވިދުން ގަދަވީީ ޕޯޗުގަލްގެ ސްޕޯޓިން ލިޒްބަންގައި ހުއްޓާ 2003 ވަނަ އަހަރުގައި އޭރު ޔުނައިޓެޑްގެ ކޯޗަކަށް ހުރި ފާގަސަންގެ އެދުމުގެ މަތީން އެ ކްލަބަށް ގެނައުމުންނެވެ. ޔުނައިޓެޑުން ރޮނާލްޑޯ ގަތީ ސްޕޯޓިން އަށް 19 މިލިއަން ޔޫރޯ ދައްކާފައެވެ. އެފަހަރު ޔުނައިޓެޑަށް ކުޅުނު 292 މެޗުގައި 118 ލަނޑުޖަހާފައިވެއެވެ. ޔުނައިޓެޑާއެކު ހޭދަކުރީ ހަ އަހަރުގެ ތެރޭގައި ނުވަ މުބާރާތް ކާމިޔާބުކުރިއެވެ.

އޭގެފަހުން، 2009 ވަނަ އަހަރު ސްޕެއިނުގެ ރެއާލް މެޑްރިޑަށް ބަދަލުވީ 94 މިލިއަން ޔޫރޯގެ ޓްރާންސްފާ ފީ އަކަށެވެ. އެ ކްލަބަށް ކުޅެދިން 438 މެޗުގައި 450 ގޯލްޖަހާފައިވާއިރު، އިތުރު 132 ލަނޑުޖެހުމަށް އެހީތެރިވެދީފައިވެއެވެ. އެ ޓީމާއެކު ހަތަރު ފަހަރު ޔުއެފާ ޗެމްޕިއަންސް ލީގު ކާމިޔާބުކުރިއިރު، ތިން ފީފާ ކްލަބް ވޯލްޑްކަޕާއި، ޔުއެފާ ސުޕަ ކަޕް ދެ ފަހަރު ހޯދާފައިވެއެވެ. އަދި ސްޕެނިޝް ސުޕަ ކަޕާއި، ސްޕެނިޝް ކަޕް ވެސް ދެ ފަހަރު އުފުލާލިއެވެ.

އަދި އޭގެފަހުން، 2018 ވަނަ އަހަރު ޔުވެންޓަސް އަށް ބަދަލުވެ، އެ ޓީމަށް ކުޅުނު 134 މެޗުގައި 101 ލަނޑުޖަހާފައިވާއިރު، އިޓާލިއަން ސުޕަ ކަޕާއި ލީގު ދެފަހަރު ކާމިޔާބުކުރިއިރު، އިޓާލިއަން ކަޕް އެއްފަހަރު އުފުލާލައިފައިވެއެވެ.

އަލުން ޔުނައިޓެޑްގެ ޖާޒީގައި ރޮނާލްޑޯ ފެނިގެންދާނެ ފުރަތަމަ މެޗަކީ އިނގިރޭސި ލީގުގައި އަންނަ ސެޕްޓެންބަރު މަހުގެ 11 ވަނަ ދުވަހު އޯލްޑް ޓްރެފޯޑްގައި ނިއުކާސަލް ޔުނައިޓެޑާ ދެކޮޅަށް ކުޅޭ މެޗެވެ.