2022 ވަނަ އަހަރު ގަތަރުގައި ބާއްވާ ފީފާ ވޯލްޑް ކަޕްގެ ކޮލިފައިންގައި ރޭ ފަހަތުންއަރައި ރިޕަބްލިކް އޮފް އަޔާލެންޑް އަތުން 2-1 އިން މޮޅުވި މެޗުގައި ވައްދާލި ދެލަނޑާއެކު، ޕޯޗުގަލްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ ވަނީ އީރާންގެ ކުރީގެ ފޯވާޑް އަލީ ދާއީ ގާއިމްކޮށްފައި އޮތް ލަނޑުޖެހުމުގެ ރެކޯޑް މުގުރާލައިފައެވެ.

ރޭގެ ނަތީޖާއާއެކު ގްރޫޕް އޭ ގެ އެއްވަނައިގައި ޕޯޗުގަލް އޮތީ ކުޅުނު ހަތަރު މެޗުން 10 ޕޮއިންޓް ހޯދައިގެންނެވެ. އެއް މެޗު މަދުން ކުޅެގެން ދެވަނައިގައި އޮތް ސާބިއާ އަށް ލިބިފައިވަނީ ހަތް ޕޮއިންޓެވެ. ތިންވަނައިގައި އޮތް ލަގްޒެމްބާގަށް ތިން މެޗުން ހަ ޕޮއިންޓް ލިބިފައިވާއިރު، ފުލުގައި އޮތް އަޔާލެންޑާއި އަޒަރުބައިޖާނަށް ޕޮއިންޓެއްނުލިބެއެވެ.

މީގެކުރީން، ގައުމީ ޓީމަށް އެންމެ ގިނަ ލަނޑުޖަހައިދިނުމުގެ ރެކޯޑް އޮތް އަލީ ދާއީ ވަނީ 1993 އިން 2006 ވަނަ އަހަރުގެ ނިޔަލަށް އީރާނަށް ކުޅެދިން 149 މެޗުގައި 109 ގޯލް ކާމިޔާބުކޮށްފައެވެ. ރޮނާލްޑޯ މި ރެކޯޑް މުގުރާލީ ޕޯޗުގަލް ގައުމީ ޓީމަށް ކުޅުނު 180 މެޗުން 111 ލަނޑުޖަހައިގެންނެވެ.

ޕޯޗުގަލްގެ އެސްޓާޑިއޯ އަލްގާވޭގައި ރޭ ކުޅުނު މި މެޗުގެ ފުރަތަމަ ހާފުގެ އެންމެ ފަހު މިނެޓުގައި ލީޑްނެގީ އަޔާލެންޑުންނެވެ. ޖެމީ މެކްގްރާ ނެގި ކޯނަރަކުން އެ ޓީމަށް މިލަނޑުޖަހައިދިނީ ޖޯން އީގަން އެވެ. އޭގެކުރީން، މެޗުގެ ކުޅުން ފެށިތާ 10 ވަރަކަށް މިނެޓުގެތެރޭގައި ޕޯޗުގަލް އަށް ލީޑްނަގައިދޭން އެ ޓީމުގެ ކެޕްޓަން ރޮނާލްޑޯ އަށް ވަނީ ރަނުގެ ފުރުޞަތެއްލިބި ބޭކާރުވެފައެވެ. ޕޯޗުގަލްގެ މިޑްފީލްޑަރު ބްރޫނޯ ފެނާންޑޭސް އަށް އަޔާލެންޑްގެ ޖެފް ހެންޑްރިކް ކުރި ފައުލަކަށް ރެފްރީ ދިން މި ޕެނަލްޓީ ރޮނާލްޑޯ ފޮނުވާލުމުން އަޔާލެންޑްގެ ކީޕަރު ގަވިން ބަޒޫނޫ މަތަކުރިއެވެ.

ދެވަނަ ހާފު ފެށިގެން ޕޯޗުގަލްގެ ކުޅުން ރަނގަޅުކުރިއިރު، އަޔާލެންޑަށް ވަނީ ފަރަގު ފުޅާކޮށްދޭން ރަނގަޅު ފުރުޞަތެއްލިބި ބޭކާރުވެފައެވެ. ބްރައިޓަން އަށް ކުޅެމުން އަންނަ ފޯވާޑް އާރޮން ގޯލާއި ހަ ޔާޑު ކައިރިން ފޮނުވާލި ބޯޅަ ދިޔައީ ހުރަސްދަނޑިމަތިން ބޭރަށެވެ. މުޅި މެޗުގައި ވެސް ޕޯޗުގަލް ޓީމުގެ ކުޅުންތެރިން އުފެއްދި ގިނަ ހަމަލާތަކެއް ނާކާމިޔާބުކޮށްލުމުގައި އަޔާލެންޑްގެ އުމުރުން 19 އަހަރުގެ ކީޕަރު ބަޒޫނޫ މޮޅުކުޅުމެއްދެއްކިއިރު އެ ޓީމުގެ ޑިފެންސްލައިނުންވަނީ ބުރަ މަސައްކަތްތަކެއްކޮށްފައެވެ.

ބޮސްނިއާގެ ފޯވާޑް އެޑިން ޖެކޯ (ކ) ފްރާންސް ގޯލަށް ބޯޅަ ފޮނުވާލަނީ. --ފޮޓޯ: ޔުއެފާ

މި މެޗުން ޕޯޗުގަލް ބަލިވާން ދަނިކޮށް ރޮނާލްޑޯ މެޗުގެ ނަތީޖާ އަނބުރާލީ ފަހު ހަ މިނެޓުގެ ތެރޭގައެވެ. ގޮންކާލޯ ގުއޭޑޭޝް ނަގައިދިން ހުރަހަކުން ލިބުނު ބޯޅައެއް ބޮލުން ގޯލްގެ ތެރެއަށް ފޮނުވާލައިގެން ޕޯޗުގަލް އަށް އެއްވަރުކޮށްދިން ލަނޑު، ރޮނާލްޑޯ ޖެހީ މެޗުގެ ފުރިހަމަވަގުތު ހަމަވާން މިނެޓަކަށްވެފައިވަނިކޮށެވެ. އަދި އޭގެފަހުން، މެޗުގެ އިތުރުވަގުތުގެ އެންމެ ފަހު މިނެޓުގައި ރޮނާލްޑޯ، ޕޯޗުގަލް މޮޅުވި ލަނޑުޖަހައިދިނީ ޔާއޯ މާރިއޯ ނެގި ހުރަހަކުން ލިބުނު ބޯޅައެއްގައި ބޮލުން ގޯލްގެ ދުރުކަނަށް އަމާޒުކޮށްލައިގެންނެވެ. އެ ޓީމުގެ ދެވަނަ ލަނޑުޖެހުމަށް އުފާ ފާޅުކުރުމުގެ ގޮތުން ރޮނާލްޑޯ ވަނީ ޖާޒީ ބާލާފައެވެ. މިއާއެކު، ކޮލިފައިންގައި ޕޯޗުގަލް ދެން ކުޅުމަށް ހަމަޖެހިފައިވާ މެޗުގައި އަޒަރުބައިޖާންގެ ދަނޑުގައި އެ ޓީމާ ދެކޮޅަށް ކުޅޭ މެޗުގައި ރޮނާލްޑޯ އަށް ދެ ކާޑު ހަމަވުމުގެ ސަބަބުން ނުކުޅެވޭނެއެވެ.

ކޮލިފައިންގައި ރޭ ދުނިޔޭގެ ޗެމްޕިއަން ފްރާންސުން ވަނީ އަމިއްލަ ދަނޑުގައި 1-1 އިން ބޮސްނިއާ އެންޑް ހާޒެގޮވީނާއާ އެއްވަރުވެފައެވެ. މެޗުގެ 36 ވަނަ މިނެޓުގައި ފްރާންސްގެ މިޑްފީލްޑް ތެރެއިން ގެއްލުނު ބޯޅައެއްގެ ފައިދާނަގައި ބޮސްނިއާ އަށް މިލަނޑުޖަހައިދިނީ އެ ޓީމުގެ ކެޕްޓަން އެޑިން ޖެކޯ އެވެ. ޖެކޯ މިލަނޑު ކާމިޔާބުކުރީ ޕެނަލްޓީއޭރިޔާ ބޭރުން ފޮނުވާލި ބާރު ހަމަލާއަކުންނެވެ. އޭގެ ތިން މިނެޓުފަހުން، ފްރާންސަށް އެއްވަރުކޮށްދިނީ އެންޓޮއިން ގްރީޒްމަން އެވެ. ރެފްރީ މި ލަނޑު ޤަބޫލުކުރަން ނިންމީ ވީއޭއާރްގެ އެހީ ހޯދުމަށްފަހު އެވެ. މި ހާފުގައި ފްރާންސަށް ލީޑްނަގައިދޭން ޕީއެސްޖީގެ ތަރި ކިލިއަން އެމްބާޕޭ ފޮނުވާލި ބޯޅައެއް ގޯލްގެ ދަނޑިއަށް އަމާޒުވެފައިވެއެވެ.

މި މެޗުގެ ދެވަނަ ހާފުގެ ކުރީކޮޅު ފްރާންސްގެ ކަނާތް ފަޅިން ކުޅެމުންދިޔަ ޑިފެންޑަރު ޖޫލްސް ކޫންޑޭ އަށް ރަތް ކާޑު ދައްކާ ދަނޑުން ފޮނުވާލުމުން އެ ޓީމުން މެޗުގެ ބާކީބައި ފުރިހަމަކުރީ އެއް ކުޅުންތެރިއަކު މަދުކޮށެވެ. ބޮސްނިއާގެ ވިންގްބެކަށް ކުޅުނު ސެއަދު ކޮލާސިނަޗަށް ކުރި ފައުލަކަށް ކޫންޑޭ އަށް ރެފްރީ ފުރަތަމަ ދެއްކީ ރީނދޫ ކާޑެކެވެ. އެކަމަކު، ފަހުން ވީއޭއާރް އިން ބެލުމަށްފަހު ނުރައްކާތެރި ފައުލެއްގެ ގޮތުގައި ބަލައިގަނެ ނިންމީ ރަތް ކާޑަކަށް ބަދަލުކުރާށެވެ.

މި ގްރޫޕްގައި ކުޅުނު ހަތަރު މެޗަށްފަހު ފްރާންސް އެއްވަނައިގައި އޮތީ 8 ޕޮއިންޓާއެކު އެވެ. އޭގެ ހަތަރު ޕޮއިންޓް ފަހަތުން ދެވަނައިގައި އޮތް ޔޫކްރޭނުން ރަށުން ބޭރުގައި ކަޒަކިސްތާނާ ދެކޮޅަށް ކުޅުނު މެޗު ނިމުނީ 2-2 އިން އެއްވަރުވެގެންނެވެ. ފިންލެންޑާއި ބޮސްނިއާގެ އިތުރުން ކަޒަކިސްތާނަށް ވެސް ލިބިފައިވަނީ ދެ ޕޮއިންޓެވެ.