އަފްޣާނިސްތާންގެ ވެރިކަން ކުރާނީ ޠާލިބާނުންގެ ލީޑަރު ހައިބަތު ﷲ އަހްނަދްޒާދާ ކަން ޠާލިބާނުން ކަށަވަރުކޮށްދީފިއެވެ.
ޠާލިބާނުން އަފްޣާނިސްތާންގެ ވެރިކަން ހޯދި ނަމަވެސް އެޖަމާއަތުގެ ފަރާތުން ގައުމުގެ ވެރިކަން ކުރާނީ ކާކުކަން މިހާތަނަށް އޮތީ އިއުލާން ނުކޮށެވެ.
ރިޕޯޓުތައް ބުނާގޮތުން ޠާލިބާނުން ވަނީ ހައިބަތު ﷲ އަށް ދެން ކިޔަން ވާނީ ރައީސް ހައިބަތު ﷲ ކަމަށް ބުނެފައެވެ.
ޠާލިބާނުން ބުނީ މިހާރު ކުރިއަށް ދަނީ އަފްޣާނިސްތާންގައި ސަރުކާރެއް އެކުލަވާލުމުގެ އެންމެ ފަހުގެ މަޝްވަރާތައް ކަމަށެވެ. ވަރަށް އަވަހަށް ސަރުކާރެއް އެކުލަވާލުމުގެ މަސައްކަތް ނިމި ސަރުކާރެއް ރަސްމީކޮށް އިއުލާން ކުރާނެ ކަމަށް ޠާލިބާނުން ބުނެއެވެ.
ހައިބަތު ﷲ އަކީ ޠާލިބާނުންގެ "އިސްލާމިކް ކޯޓު"ގެ ވެރިޔާގެ މަގާމު ގިނަ ދުވަސްތަކެއް ވަންދެން ކޮށްފައިވާ މީހެކެވެ. ޠާލިބާނުން ނެރުނު ގިނަ ފަތުވާތަކަކީ ސީދާ ހައިބަތުﷲގެ ވިސްނުމާއި ފިކުރާއި އެއްގޮތައް އޭނާ ނެރުނު ފަތުވާތަކެކެވެެ. 1996 ވަނަ އަހަރު ޠާލިބާނުން އަފްޣާނިސްތާންގެ ވެރިކަމަށް އައި ހިސާބުން ހައިބަތުﷲ އަންނަނީ ޠާލިބާން ޖަމާއަތުގެ އެކި މަގާމުތައް ފުރަމުންނެވެ.
