މެންޗެސްޓަރ ޔުނައިޓެޑްގެ މިޑްފީލްޑަރު ޕޯލް ޕޮގްބާ ކޮވިޑް-19 އަށް ޕޮޒިޓިވްވެ، ކުޅުމާ ދުރަށްދާން ޖެހިއްޖެއެވެ.

ފްރާންސްގެ ގައުމީ ޓީމުގެ ކޯޗު ޑިޑިއޭ ޑެޝޯމްޕް ބުނީ ފްރާންސްގެ މިޑްފީލްޑަރ ޕޮގްބާ ކޮވިޑަށް ޕޮޒިޓިވްވުމުން ޕޮގްބާ 14 ދުވަހަށް އައިސޮލޭޝަނުގައި ބަހައްޓާފައިވާ ކަމަށެވެ.

އޭނާ އައިސޮލޭޝަނަށް ދާން ޖެހުމުން ޔޫއެފާ ނޭޝަންސް ލީގުގައި ފްރާންސުން ކުރިއަށް އޮތް ދެ މެޗުގައި އޭނާއަށް ނުކުޅެވޭނެއެވެ.

އެހެންކަމުން އޭނާގެ ބަދަލުގައި ޢުމުރުން 17 އަހަރުގެ މިޑްފީލްޑަރު އެޑުއާޑޯ ކަމަވިންގާ ވަނީ ފްރާންސްގެ ގައުމީ ޓީމަށް ނަގާފައެވެ.

ގައުމީ ޓީމުގެ މެޗުތައް ޕޮގްބާއަށް ގެއްލުނު ނަމަވެސް ޕްރިމިއަރ ލީގުގެ ޔުނައިޓެޑުން ކުޅޭ ފުރަތަމަ މެޗުގައި އޭނާ ފެނުމުގެ ފުރުސަތު އޮންނާނެއެވެ.

ލީގުގެ ފުރަތަމަ މެޗުގައި އަންނަ މަހުގެ 19 ގައި ޔުނައިޓެޑް ނިކުންނާނީ ކްރިސްޓަލް ޕެލެސްއާ ދެކޮޅަށެވެ.