މޮޑަރނަރ ވެކްސިންގެ ހުސްފުޅިތަކެއް ބޭނުންކޮށްގެން ކޮލޮރާޑޮގެ ޕަބްލިކް ހެލްތުގައި މަސައްކަތް ކުރާ ނަރުހެއް ރީތި ޝޭންޑަލިއަރ އެއް ތައްޔާރުކޮށްފިއެވެ.

ލައުރާ ވީސް އުފެއްދި މި ޝޭންޑަލިއަރ ގެ ފޮޓޯ ތައް ވަނީ ސޯޝަލް މީޑިއާގެ ސަމާލުކަމަށް އައިސް ގިނަބައެއް އަޖައިބުކޮށްލާފައެވެ. ލައުރާގެ މިމަސައްކަތުގެ ފުރިހަމަކަމުން ގިނަބަޔަކުވެނީ އޭނާއަށް ތައުރީފްކޮށްފައެވެ.
" ލައިޓް އޮފް އެޕްރިސިއޭޝަން " ގެ ނަންދީފައިވާ މި ރީތި ޝެންޑަލިއަރ ތައްޔާރުކުރީ ވަރުބަލިކަމެއްނެތި ހަމަ އެހެންމެ އެއްވެސް ޝަކުވާއެއްނެތި ހެލްތު ދާއިރާގެ މަސައްކަތްތެރިންނާއި ވޮލެންޓިއަރުން ކުރަމުން އައި ބުރަމަސައްކަތް ގާތުން ފެނި އެމީހުންގެ ފަރާތުން ފެނުނު ހިތްވަރުގެ ސަބަބުންކަމަށް ލައުރާ ވަނީ ބުނެފައެވެ.

ލައުރާގެ އުންމީދަކީ މިމަސައްކަތުން، ގިނަބައެއްގެ ފުރާނަ ސަލާމަތް ކުރުމުގައި އެހީތެރިވެދިން މީހުންނާއި ވެކްސިން ޖަހައިގެން ރައްކާތެރިކަން ހޯދުމަށް އެއްބާރުލުންދިން އެންމެންނަށް ފޯރުކޮށްދޭން ބޭނުންވި ޝުކުރާއި ގަދަރު ދައްކުވައިދޭނެކަމަށެވެ.
އޭނަ ބުނެފައިވަނީ ކޯވިޑް-19 ގެ ތެރެއިން އެންމެންމިވަނީ ގުޅިލާމެހިފައިކަމަށާއި، ހިތާމަޔާއި، ގެއްލުމާއި ނާއުންމީދުގެ ދުވަސްތަކަކަށްފަހު އަދަށްވުރެން އުޖާލާ މުސްތަގުބަލެއްގެ އުންމީދު އަލިވެގެންދާނެކަމަށެވެ.
