ގަތަރުގައި 2022 ވަނަ އަހަރު ބާއްވާ ވޯލްޑް ކަޕް ކޮލިފައިންގައި ރޭ ރަށުން ބޭރުގައި ޔޫކްރޭނާ ދެކޮޅަށް ކުޅުނު މެޗުން 1-1 އިން ފްރާންސް އެއްވަރުވިއިރު، ނެދަލެންޑްސް އިން ވަނީ ފަސޭހަކަމާއެކު 4-0 އިން މޮންޓެނީގްރޯ ބަލިކޮށްފައެވެ.

ރޭގެ މެޗަކީ ފްރާންސުން ޖެހިޖެހިގެން އެއްވަރުވި ފަސްވަނަ މެޗެވެ. ވޯލްޑް ކަޕް ކޮލިފައިންގައި އެންމެ ފަހުން އަމިއްލަ ދަނޑުގައި ބޮސްނިއާ އެންޑް ހާޒެގޮވީނާއާ ދެކޮޅަށް ކުޅުނު މެޗުން 1-1 އިން އެއްވަރުވިއިރު، އޭގެކުރީން އެންމެ ފަހުގެ ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ގްރޫޕް ސްޓޭޖުގައި ކުޅުނު ދެ މެޗުގެ އިތުރުން ދެވަނަ ބުރުގައި ކުޅުނު މެޗުގެ ފުރިހަމަވަގުތު ހަމަވިއިރު ނިމުނީ އެއްވަރުވެގެންނެވެ.

ކޮލިފައިންގައި ފްރާންސް ހިމެނޭ ގްރޫޕް ޑީ ގެ އެއްވަނައިގައި އެ ޓީީމު އޮތީ ފަސް މެޗުން ހޯދީ ނުވަ ޕޮއިންޓާއެކު އެވެ. އޭގެ ހަތަރު ޕޮއިންޓް ފަހަތުން ތިން މެޗު ކުޅެގެން ދެވަނައިގައި އޮތީ ފިންލެންޑް އެވެ. ތިންވަނައިގައި އޮތް ޔޫކްރޭނަށް ވެސް މި އަދަދަށް ޕޮއިންޓް ލިބިފައިވާއިރު، ފިންލެންޑަށް ކުރިލިބެނީ ފައިދާ ގޯލްގެ ތަފާތުންނެވެ. ހަތަރުވަނައިގައި އޮތް ބޮސްނިއާ އާއި އެންމެ ފުލުގައި އޮތް ކަޒަކިސްތާނަށް ލިބިފައިވާ ދެ ޕޮއިންޓެވެ.

ކިއޭވްގެ އޮލިމްޕިކް ސްޓޭޑިއަމްގައި ރޭ ކުޅުނު މެޗުގައި ޔޫކްރޭނުން ލީޑްނެގީ ފުރަތަމަ ހާފު ނިމެން މިނެޓަކަށްވެފައިވަނިކޮށް މިކޯލާ ޝަޕަރެންކޯ ވައްދާލި ލަނޑުންނެވެ. ޑީނަމޯ ކިއޭވްގެ މިޑްފީލްޑަރު ޝަޕަރެންކޯ މި ލަނޑުޖެހީ ގޯލާއި 20 ޔާޑު ދުރުން ފޮނުވާލި ހަމަލާއަކުންނެވެ. މިއީ ޔޫކްރޭން ގައުމީ ޓީމަށް އޭނާ ކުޅެދިން 19 މެޗުގައި ކާމިޔާބުކުރި ފުރަތަމަ ގޯލެވެ.

ދެވަނަ ހާފުގައި ފްރާންސަށް އެއްވަރުކޮށްދިނީ މެންޗެސްޓާ ޔުނައިޓެޑްގެ ފޯވާޑް އެންތަނީ މާޝިއަލް އެވެ. މިއީ 2016 ވަނަ އަހަރުގެ ފަހުން ފްރާންސް ޓީމަށް މާޝިއަލް ޖަހައިދިން ފުރަތަމަ ގޯލެވެ. އަދި ފްރާންސްގެ ޖާޒީގައި އޭނާ ކާމިޔާބުކުރި ދެވަނަ ލަނޑެވެ. އޭގެފަހުން، ފްރާންސަށް މި މެޗުން ތިން ޕޮއިންޓް ކަށަވަރުކޮށްދޭން މޫސާ ޑިއާބީ އަށް ރަނގަޅު ފުރުޞަތެއްލިބި ވަނީ ބޭކާރުވެފައެވެ. ރެއާލް މެޑްރިޑްގެ އިތުބާރު ފޯވާޑް ކަރީމް ބެންޒެމާ ދިން ބޯޅައަކުން ޑިއާބީ ފޮނުވާލި ބޯޅަ އަމާޒުވީ ގޯލްގެ ދަނޑިއަށެވެ.

ތިންވަނަ ފަހަރަށް ނެދަލެންޑްސްގެ ކޯޗުކަމާ ހަވާލުވި ލުއީ ވެން ހާލްގެ އިރުޝާދުގެ ދަށުން އެ ޓީމުން ފުރަތަމަ މޮޅު ހޯދީ އަމިއްލަ ދަނޑުގައި 4-0ގެ ތަފާތު ބޮޑު ނަތީޖާއަކުން މޮންޓެނީގްރޯ ބަލިކޮށްގެންނެވެ. މި މެޗުގައި އެ ޓީމުން ޖެހި ހަތަރު ލަނޑުގެ ތެރެއިން ދެ ގޯލް ޖެހީ މެމްފިސް ޑިޕާއީ އެވެ. އަނެއް ދެ ލަނޑުޖަހައިދިނީ ޖޯޖީނިއޯ ވައިނަލްޑަމް އާއި ކޯޑީ ގަކްޕޯ އެވެ.

މި ގްރޫޕުގެ އެއްވަނައިގައި އޮތީ ރޭ ރަށުން ބޭރުގައި ޖިބްރާލްޓާ އަތުން 3-0 އިން ހޯދީ މޮޅާއެކު ތުރުކީ އެވެ. އެ ޓީމަށް ކުޅުނު ފަސް މެޗުން 11 ޕޮއިންޓް ލިބިފައިވާއިރު، ދެވަނައިގައި އޮތް ނެދަލެންޑްސް އާއި ތިންވަނައިގައި އޮތް ނޯވޭ އަށް ލިބިފައިވަނީ 10 ޕޮއިންޓެވެ. ނެދަލެންޑްސް އަށް ކުރިލިބެނީ ފައިދާ ގޯލްގެ ތަފާތުންނެވެ. ހަތަރުވަނައިގައި މޮންޓެނީގްރޯ އޮތީ ހަތް ޕޮއިންޓާއެކު އެވެ.

ޔޫރަޕްގެ ވޯލްޑް ކަޕް ކޮލިފައިންގައި ރޭ ކުޅުނު ބައެއް މެޗުތަކުގެ ނަތީޖާއަށް ބަލާއިރު، ރިޕަބްލިކް އޮފް އަޔާލެންޑުން 1-1 އިން އަޒަރުބައިޖާންއާ އެއްވަރުވިއިރު، ނޯވޭ އިން ވަނީ ރަށުން ބޭރުގައި 2-0 އިން ލެޓްވިއާ ބަލިކޮށްފައެވެ. ސާބިއާ އިން 4-1ގެ ނަތީޖާއަކުން ލަގްޒެމްބާގް ބަލިކުރިއިރު، ޑެންމާކުން ވަނީ ރަށުން ބޭރުގައި ފެރޯ އައިލެންޑްސް އަތުން 1-0 އިން މޮޅުވެފައެވެ. ސްލޮވޭކިއާ އަތުން 1-0 އިން ކްރޮއޭޝިއާ މޮޅުވިއިރު، މޮލްޑޯވާ އަތުން ސްކޮޓްލެންޑް މޮޅުވީ ވެސް ހަމަ މިނަތީޖާއިންނެވެ.