އިންސާނާއަށް ކުރިމަތިވާ އެކި އެކި ބަލިތަކުގެ ތެރޭގައި ފިޓު ޖެހުމަކީ އާންމު ބައްޔެކެވެ. ފިޓު ޖެހުން އެއީ ބައްޔެއްގެ ގޮތުގައި ނުބުނެވޭ ހާލަތްތަކެއްވެސް ހުރެއެވެ. އެހެނީ އިންސާނެއްގެ ހަޔާތުން އެއް ފަހަރު ނުވަތަ ދެފަހަރު ޖެހޭ ފިޓަކުން އެ އިންސާނަކީ ފިޓުޖެހޭ މީހެކޭ ނުވަތަ އެ ބަލި ހުންނަ މީހެކޭ ނުބުނެވެއެވެ. އެއަށް "ކޮންޑިޝަން" އެކޭ ނުވަތަ ހާލަތެކޭ ކިޔައެވެ. ފިޓު ޖެހުން ބައްޔެއްގެ ގޮތުގައި ބަލަނީ އެ އިންސާނަކަށް ތަކުރާރުކޮށް އެކަން ދިމާވާނަމައެވެ. އެންމެ ފުރަތަމަ އެ ބަލި "ޑައިގުނޯސް" ކުރާނީ ނުވަތަ ދެނެގަންނާނީ 24 ގަޑި އިރު ތެރޭ ދެފަހަރަށްވުރެ ގިނަ ފަހަރު ފިޓު ޖެހިއްޖެ ނަމައެވެ.

ފިޓުގެ އެކި ވައްތަރުތައް ހުރެއެވެ. ކޮންމެ ވައްތަރެއްގެ ފިޓަކަށްވެސް ވަކި ހާއްސަ ނަމެއް ދީފައި އޮވެއެވެ. އެ ނަމެއް ބިނާވެފައި ވަނީ ފިޓު ޖެހޭ ގޮތަކާއި ހާލަތަކާއި އަދި ދިގުމިނެއްގެ މައްޗަށެވެ. ކަން އޮތީ މިހެން ކަމުގައި ވުމުން ވަކި ވަކިން ކޮންމެ ވައްތަރެއްގެ ފިޓެއްގެ ވާހަކަ ދެއްކުމުގެ ބަދަލުގައި ޖުމުލަކޮށް އާންމުކޮށް ފިޓުގެ މައްޗަށް ބަލައިލާނަމެވެ.

ފިޓު ޖެހުމަށް، އިނގިރޭސިން "ސީޒާސް" އޭ ކިޔައެވެ. މިއީ އިންސާނާގެ ސިކުނޑީގައި ދައުރުވާ މެސެޖުތަކަށް އަންނަ ކުއްލި ބުރޫއެރުމެއްގެ ސަބަބުން ދިމާވާ ކަމެކެވެ. ނުވަތަ ސިކުނޑީގެ މެސެޖުތަކުގެ ތަރުތީބަށް އަންނަ ކުއްލި އޮޅުމެއްގެ ސަބަބުން ދިމާވާ ކަމެކެވެ. މިކަމުގެ ސަބަބުން އިންސާނާގެ ހޭވެރިކަމަށް ބަދަލު އަންނާނެއެވެ. މީހާގެ އުޅުމަށާއި ހަރަކާތް ތަކަށާއި އަދި ވާހަކަދެއްކުމަށް ކުއްލި ބަދަލުތަކެއް އަންނާނެއެވެ. މި ބަދަލު ތަކުގެ ސަބަބުން އިންސާނާގެ ހަރަކާތްތަކަށް އާދަޔާހިލާފު ގޮތްތަކެއް ވާންފަށައެވެ.

އިސްވެ ދެންނެވުނު ފަދައިން ފިޓުގެ އެކި ވައްތަރުތައް ހުންނައިރު އަލާމާތްތައްވެސް ތަފާތުވެދެއެވެ. އެހެންނަމަވެސް އާންމުކޮށް ފިޓުގެ އަލާމާތްތަކުގެ ތެރޭގައި ހޭވެރިކަން ކުޑަވުމާއި، ކަޅި ވިދުމާއި، ހަތަރެސް ފައިގެ ކުދިކުދި އަވަސް ހަރަކާތްތަކެއް ހިނގުމާއި ހަތަރެސްފައި "ހަރުވެފައި" ހުރުމާއި މީގެ އިތުރުން ކުއްލި ހާސްކަމަކާއި ނުތަނަވަސްކަމެއް ފެންނާނެއެވެ. ހަމަ އެއާއިއެކު އަނގައިން ސޮނި ނުވަތަ ފޮނު އައުމަކީ ވެސް ވަރަށް އާންމު އަލާމާތެކެވެ.

ފިޓު ޖެހެން މެދުވެރިވާ ސަބަބުތަކުގެ ގޮތުގައި ސިއްހީ މާހިރުން ދެކިލައްވާ ބައިވަރު ސަބަބުތަކެއް ވެއެވެ. އޭގެތެރެއިންް ބައެއް އާންމު ސަބަބުތަކަށް ބަލައިލާނަމެވެ. ސިކުނޑީގެ ދުލިފަށަލައިގެ އިންފެކްޝަނުގެ ސަބަބުން ފިޓު ޖެހިދާނެއެވެ. މައިތިރު ނުވާ، ގަދަ ހުމެއްގެ ސަބަބުން ވެސް ފިޓުޖެހިދާނެއެވެ. ނިދިމަދުވުމަކީވެސް ފިޓު ޖެހުމަށް މެދުވެރިވާ އާންމު ސަބަބެކެވެ. ލޭގައި ހުންނަ ލޮނުގެ މިންވަރު މަދުވުމާއި ސިކުނޑީގެ ލޭހޮޅިތަކުގެ "ކަސިޔާރުކަމުން" ނުވަތަ އެ ލޭހޮޅިތަކަށް ޖެހޭ ބައްޔެއްގެ ސަބަބުން ފިޓު ޖެހިދާނެއެވެ. ބޮލަށް ލިބޭ އަނިޔާއެއްގެ ސަބަބުން ސިކުނޑިއަށް ލޭ އެޅިއްޖެނަމަވެސް ފިޓު ޖެހިދާނެއެވެ. ކެވޭ ބައެއް ބާރުގަދަ ބޭސްތަކެއްގެ ސަބަބުން ސިކުނޑީގެ މެސެޖުތަކަށް އަންނަ ކުދި ކުދި ބަދަލުތަކުގެ ސަބަބުން ފިޓު ޖެހުމަށް މަގުފަހި ކޮށްދެއެވެ. ހަށިގަނޑުގެ ދިފާއީ ނިޒާމަށް ޖެހޭ އެކި އެކި ބަލިތަކުގެ ސަބަބުން ސިކުނޑީގެ މެސެޖުތަކަށް ބުރޫއަރާ ހާލަތްތަކެއް އާދެއެވެ. އެހެން ކަމުން އެފަދަ ބައްޔެއް ހުންނަ ނަމަ ފިޓު ޖެހުމުގެ ފުސަތު ވަރަށް ބޮޑުވާނެއެވެ. މީގެ އިތުރުންވެސް ފިޓު ޖެހިދާނެ ކިތަންމެ ސަބަބުތަކެއް ހުރެދާނެއެވެ.

ފިޓަކީ އޭގެ އަމިއްލަ ޒާތަށް ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ރަނގަޅުވާ އެއްޗެކެވެ. އެހެން ނަމަވެސް ބައެއް ހާލަތް ތަކުގައި ލަސްނުކޮށް ސިއްހީ އެހީތެރިއެއްގެ އެހީތެރިކަން ހޯދަން ޖެހޭ ހާލަތްތަކެއް އާދެއެވެ. އޭގެ ތެރޭގައި ފިޓު ޖެހިފައި ހުންނަ ވަގުތު 5 މިނެޓަށް ވުރެ ދިގުލައިގެން ދިއުމާއި ފިޓު ޖެހުން ހުއްޓުމަށްފަހު މީހާގެ ހޭވެރިކަން އާންމު ހާލަތަށް ނާންނަ ހާލަތްތައް ހިމެނެއެވެ. އަވަސް އަވަހަށް ދެ ފިޓު ޖެހުމާއި ފިޓު ޖެހޭ މީހަކީ ހަކުރުބަލި ހުންނަ މީހެއް ނަމަވެސް ލަސްނުކޮށް ޑޮކްޓަރަށް ދައްކަން ވާނެއެވެ. ހާއްސަކޮށް ފިޓު ޖެހުނު މީހަކީ މާބަނޑު މީހެއްނަމަ ވީ އެންމެ އަވަހަކަށް ޑަކްޓަރެއްގެ އެހީތެރިކަން ބޭނުން ވާނެއެވެ.

ފިޓާއި ބެހޭގޮތުން އަދިވެސް ކިތަންމެ ވާހަކައެއް ދެއްކިދާނެއެވެ. ނަމަވެސް މި ހިއްސާކޮށްލެވުނު މައުލޫމާތު ކޮޅަކީ ފައިދާ ކުރަނިވި މައުލޫމާތުކޮޅެއް ކަމުގައި އުންމީދު ކުރަމެވެ.