ޕްރިންސަސް ޑަޔާނާއާއި ވިޔަފާރިވެރިޔާ ޑޯޑީ އަލްފާއިދްގެ ލޯބީގެ ވާހަކަ އަކީ އެދެމީހުންގެ ހަޔާތުގެ އެންމެ ފަހު ދުވަސްކޮޅު މުޅި ދުނިޔޭގެ ނޫސްތަކުގެ ސުރުޚީތަކުން ފެނުނު އަދި ގިނަ ބަޔަކު އެއަށް ވަރަށް ބޮޑު ސަމާލުކަމެއް ދިން ވާހަކަ ތަކެކެވެ. ޑަޔާނާއަކީ ކުރިންވެސް މުޅި ދުނިޔޭގެ ހިތް ފަތަހަ ކޮށްފައިވާ މީހެއް ނަމަވެސް މުސްލިމަކާއި ގުޅުން ބަދަހި ކުރުމުން ވަރަށް ގިނަ މުސްލިމުން އޭނާއަށް މަރުހަބާކިޔެވެ. ބައެއް ނޫސްތަކުން ޑަޔާނާ އިސްލާމްވިކަމުގެ ޚަބަރުތައް ވެސް ފެތުރިއެވެ.

ޕްރިންސް ޗާލްސްއާއި އެކުގައި ހޭދަކުރި ހިތާމަވެރި ޒަވާޖީ ހަޔާތަށް ނިމުމެއް ގެނެސް އަލުން ޑަޔާނާގެ މޫނުމަތިން ހިނިތުންވުން ފެނުމުން ޝާހީ އާއިލާގެ މެމްބަރުންގެ ނިތްކުރިއަށް އެރި ރުލާއި އެއްވަރަށް އާންމުން ހިތްތަކަށް އުފާވެރިކަން ގެނެސްދިނެވެ. ޑަޔާނާއާއި ޑޯޑީގެ ޖޯޑަކީ ވަރަށް ގުޅޭ ޖޯޑެއް ކަމަށް ބުނެ އާންމުންގެ މެސެޖްތައް އެދެމީހުނަށް ލިބެމުން ދިޔައެވެ. ޑަޔާނާ އާއި ޑޯޑީ މަރުވި އިރު ޑަޔާނާ އިނީ ބަލިވެކަމަށް ބައެއް ނޫސްތަކުން ބުނި އިރު އަނެއްބައި ނޫސްތަކުން ބުނީ ސިއްރު އެދެމީހުން ކައިވެނިކޮށްފައިވާ ކަމަށެވެ.

ނަމަވެސް މިދެމީހުންގެ ހަގީގަތް އެންމެ ގާތުން އެނގޭ ބައެއް ފަރާތްތަކުން ވަނީ މިދެމިހުން އުޅުނީ ލޯބިން ނޫން ކަމަށާ، އެއީ ހަމަ ދުނިޔެއަށް ދައްކާލި ދަޅައެއް ކަމަށް ބުނެފައެވެ. ޑަޔާނާ އާއި ޑޯޑީ އެކުގައި ހޭދަ ކުރި އެންމެ ފަހުގެ، ހޫނު މޫސުމުގެ ޗުއްޓީގައި ފެނިގެން ދިޔައީ، ޑޯޑީގެ ބައްޕަގެ ޔޮޓެއްގައި، މެޑިޓެރޭނިއަން ކަނޑުގައި އެކުގައި ވަގުތު ހޭދަ ކުރި މަންޒަރެވެ. ނަމަވެސް އެ ޔޮޓްގެ ފަޅު ވެރިއަކު މީޑިޔާއަށް މައުލޫމާތު ދެމުން ބުނީ، އެދެމީހުން އެކަނި ތިބޭ ނަމަ، ޑޯޑީ ޑަޔާނާ އަށް ގޮވަނީ "މޭމް" ކިޔާފައި ކަމަށާއި، ނިދާ އުޅުނީ ވަކިން ދެ ކޮޓަރި އެއްގައި ކަމަށެވެ. ނަމަވެސް ޕަޕަރާޒީން ތިބޭނަމަ ދެމީހުން ގައިގޯޅިވާ ކަމަށްވެސް މީނާ ކިޔާދިނެވެ. އެހެންކަމުން މިއީ އެހެން މީހެއްގެ ޚަރަދުގައި އަގުބޮޑު ޗުއްޓީއެއް ހޭދަކޮށްލުމަށް ޑަޔާނާ ކުޅުނު ބޮޑު ޑްރާމާއެއް ކަމަށް ވަނީ ސިފަ ކޮށްފައެވެ.
