އަފްޣާނިސްތާނުގައި މިހާރު ވެރިކަން ކުރަމުންދާ ޠާލިބާންގެ އިސް އޮފިޝަލުންނާއި އ.ދ. ގެ އިސްއޮފިޝަލުން ވަނީ މިދިޔަ އާދީއްތަ ދުވަހު ބައްދަލުކޮށްފައެވެ. މި ބައްދަލުވުމުގެ ތަފްޞީލްތައް ދެމުން، ޠާލިބާންގެ ތަރުޖަމާނު ސުހައިލް ޝަހީން ބުނިގޮތުގައި އ.ދ. އިންވަނީ އަފްޣާނިސްތާނަށް މީގެކުރިންވެސް ދެމުންގެންދާ އެހީތައް މެދުނުކެނޑޭނެކަމުގެ ޔަޤީންކަން ދީފައެވެ. ޠާލިބާންގެ އެދުމުގެ މަތިން މި ބައްދަލުވުން އިންތިޒާމްކުރިއިރު އެ ގައުމަށް މިހާރުވަނީ އިޤްތިޞާދީ ގޮތުންނާއި ބޮޑު ގޮންޖެހުމަކާއި ކުރިމަތިވެ، ހަނަފަސްކަން ކުރމަތިވެފައެވެ.

ވޭތުވެދިޔަ 20 އަހަރު އެމެރިކާގެ އަސްކަރިއްޔާގެ ބެލުމުގެ ދަށުގައި އޮތް އަފްޣާނިސްތާނަކީ ދުނިޔޭގެ ނިޞްބަތުން މިއަދު ފަޤީރު ގައުމުތަކުގެ ތެރޭގައި ހިމެނޭ ގައުމެކެވެ. އެމެރިކާއިން އަފްޣާނިސްތާނުގައި ހޭދަކުރި ދުވަސްތަކުގައި އެތައް ސަތޭކަ ބިލިއަން ޑޮލަރ ޚަރަދު ކުރިއިރު، މިއަދު އަފްޣާނިސްތާނުގެ އާއްމު ހާލަތު މީގެ ކުރިން ދުވަހަކުވެސް ނުދާހާ ދަށަށްވަނީ ގޮސްފައެވެ.

އެމެރިކާއިން އަފްޣާނިސްތާނުން ދޫކޮށް ދިއުމާއެކު، އެ ގައުމުގެ ގިނަ ރައްޔިތުން ވަނީ އަފްޣާނިސްތާން ދޫކޮށް ހިޖުރަ ކުރަން ފަށާފައެވެ. އަދި އ.ދ. އިންވަނީ މި މަހުގެ 13 ވަނަ ދުވަހު މިހާރު ދުނިޔެއަށް ދިމާވެފައިވާ އިންސާނީ އެކި ކާރިސާތަކާއި ބެހޭ ބައްދަލުވުމެއް ބާއްވަން ނިންމާފައެވެ. އަފްޣާނިސްތާން، ލީބިޔާ އަދި ސީރިއާފަދަ ގައުމުތަކަށް ހަނގުރާމައިގެ ސަބަބުން ކުރިމަތިވެފައިވާ އިޤްތިޞާދީ ގޮންޖެހުންތަކާއި ވިދިގެން އެތައް ބައިވަރު މައްސަލަތައްވަނީ ފެންމަތިވެފައެވެ. އޭގެ ތެރޭގައި ފެނަށް ދަތި ވުމާއި، މިހާރު ކޮވިޑް-19 ގައި ދިމާވެފައިވާ ޞިއްޙީ ގޮންޖެހުންތައް ވެސް ހިމެނެއެވެ.