ޖަޕާނުގެ ކުރިއަށް އޮތް އިންތިޚާބުގައި އެ ގައުމުގެ ގިނަ ބަޔަކު ތާއީދު ކުރާނީ މިހާރުގެ ވެކްސިން މިނިސްޓަރ ޓަރޯ ކޯނޯ އަށް ކަމަށް  އެ ގައުމުގައި އިއްޔެ ނެގި ޓެސްޓް ވޯޓުން ދައްކައިފިއެވެ. އެ ގައުމުގައި މިހާރު ވެރިކަންކުރާ ޕާޓީ، ލިބެރަލް ޑިމޮކްރަޓިކް ޕާޓީ އިންވަނީ މިހާރުގެ ބޮޑު ވަޒީރު ޔޮޝިހިޑެ ސޫގާ އެ ޕާޓީގެ ލީޑަރޝިޕްއިން އިސްތިއުފާ ދިންކަން އިއުލާންކުރުމާއެކު ކުރިއަށް އޮތް އިންތިޚާބުގައި އެ ޕާޓީގެ ފަރާތުން ވާދަކުރާނެ ކެނޑިޑޭޓެއް ނެރުމަށް ޕާޓީގެ އެތެރޭގެ އިންތިޚާބުތައް ފަށާފައެވެ.

ޖަޕާނުގެ ޤާނޫނު ހަދާ މަޖިލީހުގެ ސުޕަރ މެޖޯރިޓީ އެ ގައުމުގެ ލިބެރަލް ޑިމޮކްރަޓިކް ޕާޓީއަށް އޮތުމާއި އެކު ގިނަ ބަޔަކު ގަބޫލުކުރާގޮތުގައި އެ ޕާޓީގެ އިންތިޚާބު ކާމިޔާބު ކުރާ ފަރާތެއްވެގެން ދާނީ ކުރިއަށް އޮތް އަހަރުތަކުގައި އެ ގައުމުގެ ބޮޑު ވަޒީރު ކަން ކުރައްވާނެ ބޭފުޅަކަށެވެ.

ވެކްސިން މިނިސްޓަރ ކޯނޯ އަކީ މީގެ ކުރިން އެގައުމުގެ ފޮރިން މިނިސްޓަރ އަދި ޑިފެންސް މިނިސްޓަރކަންވެސް ކުރައްވާފައިވާ ބޭފުޅެކެވެ. މައުލޫމާތު ލިބޭގޮތުގައި ކޯނޯ އަށް ބޮޑަށް ތާއީދުކުރަނީ އެގައުމުގެ ޒުވާނުންނެވެ. އަދި އޭނާ ދަނީ މީސްމީޑިއާގައި އިނގިރޭސި ބަހުންނާއި ޖަޕާނު ބަހުންވެސް ކެމްޕޭން ކުރައްވަމުންނެވެ. އަދި މިހާރުގެ ބޮޑު ވަޒީރު ސޫގާ ވެސް ކޯނޯ އަށް ތާއީދު ކުރާކަމަށް ބައެއް ރިޕޯޓްތަކުން ވަނީ ބުނެފައެވެ.

ކޯނޯ އާއި އެންމެ ބޮޑަށް ބޮޑުވަޒީރުކަމަށް ވާދަ ކުރަނީ އެ ގައުމުގެ ކުރީގެ ދާޚިލީ ވަޒީރު ކަން ކުރެއްވި ސަނައެ ޓަކައިޗީ އެވެ. ޓަކައިޗީ ހޮވިއްޖެނަމަ ވެގެންދާނީ ޖަޕާނުގެ ތާރީޚުގައި ބޮޑުވަޒީރުކަމުގެ ހުވާ ކުރައްވާ އަންހެން ކަނބަލަށެވެ. ޓަކައިޗީ އަށް ވަނީ މިހާރުގެ ބޮޑު ވަޒީރު ސޫގާގެ ކުރިއަށް ހުންނެވި ވަޒީރު ޝިންޒޯ އޭބްގެ ތާއީދުވެސް ލިބިފައެވެ.