ގަތަރުގައި 2022 ވަނަ އަހަރު ކުޅޭ ފީފާ ވޯލްޑް ކަޕް ކޮލިފައިންގައި ރޭ ބްރެޒިލާއި ވާދަވެރި އާޖެންޓީނާ ބައްދަލުކުރި މެޗު ފެށިތާ 10 މިނެޓު ނުވަނީސް ބްރެޒިލްގެ ސިއްހީ އޮފިޝަލުންނާއި ފުލުހުން ދަނޑަށް އެރުމުން މެޗުގެ ކުޅުން ހުއްޓާލައިފިއެވެ.

ބްރެޒިލްގެ ސިއްހީ އޮފިޝަލުން ފުލުހުންނާ އެކު ދަނޑަށް އެރީ މެޗަށް ނުކުތް އާޖެންޓީނާ ޓީމުގައި ބްރެޒިލްގެ ކަރަންޓީނު އުސޫލާ ހިލާފުވެފައިވާ ހަތަރު ކުޅުންތެރިން ހިމެނޭ ކަމަށް ބުނެ އެވެ. މި ކުޅުންތެރިންނަކީ އިނގިރޭސި ޕްރިމިއާ ލީގުގެ ޓޮޓެންހަމް ހޮޓްސްޕާ އަށް ކުޅެމުން އަންނަ ކްރިސްޓިއަން ރޮމޭރޯ އާއި ޖިއޮވާނީ ލޮ ސެލްސޯގެ އިތުރުން އެސްޓަން ވިލާގެ ކީޕަރު އެމިލިއާނޯ މާޓިނޭޒް އަދި އެމިލިއާނޯ ބުއެންޑީއާ އެވެ.

މި ކުޅުންތެރިން އިންގްލެންޑް ދޫކުރިތާ 14 ދުވަސް ނުވާތީ ބްރެޒިލްގެ ސިއްހީ އޮފިޝަލުން ނިންމީ އެ ކުޅުންތެރިން ތިބީ ބްރެޒިލްގެ ކޮވިޑް-18 އަށް ހާއްސަކޮށް އަޅާފައިވާ ފިޔަވަޅުތަކުގެ ތެރެއިން ސިއްހީ ޕްރޮޓޮކޯލާ ހިލާފުވެފައިވާ ކަމަށެވެ. އިންގްލެންޑް އޮތީ ބްރެޒިލުން ކަނޑައަޅާފައިވާ ރެޑް ލިސްޓްގައެވެ.

މިދިޔަ ޖޫން މަހު ފަހުކޮޅު ކޮވިޑް-19 އިން ރައްކާތެރިވުމުގެ ގޮތުން ބްރެޒިލްގެ ސިއްހީ ވުޒާރާއިން ނިންމާފައިވަނީ އިންގްލެންޑާއި އިންޑިއާ އަދި ދެކުނު އެފްރިކާ އިން ދަތުރެއް ފަށައި 14 ދުވަސްނުވާ މީހަކު ނަމަ ބްރެޒިލަށް އައިސްފިނަމަ އެ ގައުމުގައި ވަކި މުއްދަތެއްގެ ކަރަންޓީނެއް ފުރިހަމަކުރަން ޖެހޭނެ ކަަމަށެވެ.

ސައޮ ޕައޮލޯގެ ކޮރިންތިއަންސް އެރީނާގައި ރޭ ކުޅުނު މެޗު ފެށިތާ ހަތް މިނެޓުގެ ތެރޭގައި ބްރެޒިލްގެ ސިއްހީ އޮފިޝަލުން ފުލުހުންނާ އެކު ދަނޑަށް އެރި ގޮތަށް ކަރަންޓީނާ އުސޫލާ ހިލާފުވި ކުޅުންތެރިންގެ އިތުރުން މުޅި އާޖެންޓީނާ ޓީމު ވަނީ ދަނޑުން ބާލައިފައެވެ. މިއާއެކު، ދެކުނު އެމެރިކާގެ މައި ފުޓްބޯޅަ އިދާރާ ކޮންމެބޯލް އިން ނިންމީ މެޗު ސަސްޕެންޑްކޮށްފައިވާ ކަމަށެވެ. އަދި މިހާތަނަށްއައިއިރު މި މެޗު ދެން ކުޅޭނެ ތާރީޚެއް ރަސްމީ އިދާރާއަކުން އިއުލާނެއް ނުކުރެއެވެ.