ގަތަރުގައި 2022 ވަނަ އަހަރު ބާއްވާ ފީފާ ވޯލްޑް ކަޕް ކޮލިފައިންގައި ރޭ ރަށުން ބޭރުގައި ސްވިޒަލެންޑާ ދެކޮޅަށް ކުޅުނު މެޗުން ލަނޑެއްނުޖެހި 0-0 އިން އެއްވަރުވިއިރު، ޔޫރަޕްގެ ޗެމްޕިއަން އިޓަލީން ދުނިޔޭގެ ފުޓްބޯޅައިގައި ރެކޯޑެއް މުގުރާލައިފިއެވެ.
ރޭގެ މެޗާއެކު އިޓަލީން ވަނީ ޖެހިޖެހިގެން ބަލިނުވެ 36 މެޗު ފުރިހަމަކޮށްފައެވެ. މީގެކުރިން، މި ރެކޯޑް އޮތީ ބްރެޒިލާއި ސްޕެއިން އަތުގައެވެ. އެ ދެ ޓީމުވެސް ވަނީ ބަލިނުވެ 35 މެޗު ހަމަކޮށްފައެވެ. މީގެއިތުރުން، ރޭގެ މެޗަކީ އިޓަލީން ކޮލިފައިންގައި ޖެހިޖެހިގެން އެއްވަރުވި ދެވަނަ މެޗެވެ.
މި ނަތީޖާއާއެކު އިޓަލީ ހިމެނޭ ގްރޫޕް ސީ ގެ އެއްވަނައިގައި އެ ޓީމު އޮތީ ފަސް މެޗުން 11 ޕޮއިންޓް ހޯދައިގެންނެވެ. ދެ މެޗު މަދުން ކުޅެގެން ހަތް ޕޮއިންޓާއެކު ދެވަނައިގައި ސްވިޒަލެންޑް އޮތްއިރު ފަސް ޕޮއިންޓާއެކު ތިންވަނައިގައި އޮތީ ބަލްގޭރިއާ އެވެ. ނޯދަން އަޔަލެންޑަށް ތިން މެޗުން ލިބުނު ހަތަރު ޕޮއިންޓާއެކު ހަތަރުވަނައިގައި އޮތްއިރު، އެންމެ ފުލުގައި އޮތް ލިތުއޭނިއާ އަށް ޕޮއިންޓެއްނުލިބެއެވެ.
ބަސެލްގައި ހުންނަ ސެއިންޓް ޖޭކޮބް ޕާކްގައި ކުޅުނު މި މެޗުގައި އިޓަލީ އަށް ލީޑްނަގަން ލިބުނު ގިނަ ފުރުޞަތުތަކެއް ނާކާމިޔާބުކޮށްލުމުގައި މުހިއްމު ދައުރެއް އަދާކުރީ ސްވިޒަލެންޑްގެ ކެޕްޓަން ބޭންޑް އަޅައިގެން ކުޅުނު ގޯލްކީޕަރު ޔެން ސޮމާ އެވެ. ފުރަތަމަ ހާފުގައި އިޓަލީ އަށް ލީޑްނަގައިދޭން ޑޮމެނިކޯ ބެރާޑީ އާއި ލޮރެންޒޯ އިންސީނިއޭ އަށް ލިބުނު ފުރުޞަތުތަކުގެ ބޭނުންހިފޭގޮތްނުވިއިރު، ފަހު ހާފުގައި އެ ޓީމަށް ލިބުނު ޕެނަލްޓީއެއް ވެސް ސޮމާ ވަނީ މަތަކޮށްފައެވެ. ޕެނަލްޓީއޭރިޔާތެރެއިން އިޓަލީގެ ފޯވާޑް ބެރާޑީ އަށް ސްވިޒަލެންޑްގެ ޑިފެންޑަރު ރިކާޑޯ ރޮޑްރިގޭޒް ކުރި ފައުލަކަށް ރެފްރީ ދިން މި ޕެނަލްޓީ އިޓަލީގެ މިޑްފީލްޑަރު ޖޯޖީނިއޯ ފޮނުވާލުމުން ސްވިޒަލެންޑްގެ ކީޕަރު ސޮމާ މަތަކުރިއެވެ.
ކޮލިފައިންގައި ރޭ ކުޅުނު އެހެން މެޗުތަކުގެ ނަތީޖާއަށް ބަލާއިރު، ސްޕެއިނުން 4-0 ގެ ތަފާތު ބޮޑު ނަތީޖާއަކުން ޖޯޖިއާ ބަލިކުރިއިރު އެ ޓީމުގެ ލަނޑުތައް ޖަހައިދިނީ ހޯސޭ ގަޔާ އާއި ކާލޯސް ސޮލެއާގެ އިތުރުން ޕަބްލޯ ސަރާބިއާ އަދި ފެރާން ޓޮރޭޒް އެވެ. ހަންސީ ފްލިގްގެ ޖަރުމަނުން ވަނީ އަރުމީނިއާ ކޮޅަށް ހަ ލަނޑުޖެހިއިރު، އެ ޓީމުގެ ހަ ލަނޑުގެ ތެރެއިން ދެ ގޯލް ޖަހައިދިނީ ސާޖް ނެބްރީ އެވެ. އަނެއް ލަނޑުތައް ޖަހައިދިނީ މާކޯ ރެއުސް، ޓިމޯ ވާނާ އާއި ޖޯނަސް ހޮފްމަން އަދި ކަރީމް އަޑޭމީ އެވެ.
ދާދިފަހުން ޗެލްސީ އަށް ބަދަލުވި އިތުބާރު ފޯވާޑް ރޮމެލޫ ލުކާކޫ ގައުމީ ޓީމަށް ކުޅެދިން 100 ވަނަ މެޗުގައި ބެލްޖިއަމުން ވަނީ 3-0 އިން ޗެކް ރިޕަބްލިކް ބަލިކޮށްފައެވެ. އެ ޓީމުގެ ލަނޑުތައް ޖަހައިދިނީ ލުކާކޫ އާއި އެޑެން ހަޒާޑް އަދި އަލެކްސިސް ސަލެމޭކާ އެވެ.
މިފަހަރުގެ ކޮލިފައިންގައި ސައްތަ އިން ސައްތައިގެ ރެކޯޑެއް ދަމަހައްޓަމުން އަންނަ އިންގްލެންޑުން ވަނީ 4-0 އިން އެންޑޯރާ ބަލިކޮށްފައެވެ. ރޭގެ މެޗަށް ގިނަ ބަދަލުތަކާއެކު ނިކުތް އިންގްލެންޑްގެ ހަތަރު ލަނޑުގެ ތެރެއިން ދެ ގޯލް ކާމިޔާބުކޮށްދިނީ ޖެސޭ ލިންގާޑް އެވެ. އެ ޓީމުގެ އަނެއް ދެ ލަނޑުޖަހައިދިނީ ހެރީ ކޭން އާއި ބުކާޔޯ ސަކާ އެވެ.
ގްރޫޕް އީ ގައި ހިމެނޭ ވޭލްސް އިން ރަށުން ބޭރުގައި ބެލާރުސް އަތުން 3-2 އިން މޮޅުވިއިރު އެ ޓީމުގެ ތިން ލަނޑުވެސް ޖަހައިދިނީ ރެއާލް މެޑްރިޑްގެ ވިންގާ ގަރެތު ބޭލް އެވެ. ޕޮލެންޑުން 7-1 ގެ ނަތީޖާއަކުން ސެން މެރީނޯ ބަލިކުރިއިރު، ކޮސޮވޯ އިން ވަނީ ގްރީސްއާ 1-1 އިން އެއްވަރުކޮށްފައެވެ. އައިސްލެންޑްގެ ދަނޑުގައި 2-2 އިން ނޯތު މެސެޑޯނިއާ އެއްވަރުވިއިރު، ރޫމޭނިއާ އިން ވަނީ 2-0 އިން ލީޗްޓެންސްޓެއިން ބަލިކޮށްފައެވެ.
