އިސްރާއީލުގެ ޖަލެއްގައި ތިބި ފަލަސްތީނުގެ 6 މީހަކު އެ ޖަލުން ފިލައިފިއެވެ.

އެ މީހުން ފިލާފައިވަނީ ޖަލު ތެރެއިން ބިންގަރާހެއް ކޮނެގެންނެވެ. އެމީހުން ޖަލުން ފިލުމަށްޓަކައި ބިންގަރާހެއް ކޮންނަތާ ގިނަ ދުވަސްތަކެއް ވެފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ. އިސްރާއީލުގެ ގިލްބޯ ޖަލުގައި ތިބި އެ 6 މީހުންނަކީވެސް ސިޔާސީ ކުށްވެރިންގެ ގޮތުގައި ހައްޔަރު ކުރެވިފައިވާ 6 މީހުންނެވެ. އޭގެ ތެރޭގައި ހިމެނެނީ އަލް އަޤްސާ ބްރިގޭޑްގެ ކުރީގެ ލީޑަރެއް ކަމަށްވާ ޒަކަރިއާ ޒުބެއިދީ އާއި އިސްލާމިކް ޖިހާދަށް ނިސްބަތްވާ 5 މެމްބަރުންނެވެ.

އެމީހުން ޖަލުން ފިލުމާއި ގުޅިގެން ފަލަސްތީނުގެ ގިނަ އާންމުން ގެންދަނީ އުފާ ފާޅުކުރަމުންނެވެ.

ގިލްބޯ ޖަލަކީ ސަލާމަތީ ގޮތުން އެންމެ ވަރުގަދަ އެއް ޖަލެވެ. އެ ޖަލުން ބަޔަކު ފިލުމާއި ގުޅިގެން އިސްރާއީލުގެ ޖާސޫސީކަންކަން ފެއިލްވެފައިވާ މިންވަރު ފެންނަ ކަމަށް ގިނަބަޔަކު ދެކެއެވެ.

އެ 6 މީހުން ޖަލުން ފިލީ ޖަލުގެ ފާހަނާގައި ތެރެއިން ބިންގަރާހެއް ކޮނެގެންކަމަށް ރިޕޯޓުތައް ބުނެއެވެ. އަދި އެކަންކޮށްފައިވަނީ ސަމުސާއެއް ބޭނުންކޮށްގެން ކަމަށްވެއެވެ.

ޖަލުން ފިލި މީހުންގެ ތެރެއިން 5 މީހުންނަކީ އުމުރު ދުވަހުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުން ދިޔަ ގައިދީންތަކެކެވެ. އަނެކާގެ މައްޗަށް ދަނީ ޝަރީޢަތެއް ކުރަމުންނެވެ.

އެމީހުން ހޯދުމަށް އިސްރާއީލު ސިފައިން މިހާރު ވަނީ ބޮޑު އޮޕަރޭޝަނެއް ފަށާފައެވެ.