އައިސީސީ ވޯލްޑް ޓެސްޓް ޗެމްޕިއަންޝިޕްގައި އިންގްލެންޑްގައި ކުޅެމުންދާ މެޗުތަކުގެ ތެރެއިން ހަތަރު ވަނަ މެޗުން އެ ޓީމު ބަލިކޮށް 2-1 ގެ ލީޑެއްނަގައި އިންޑިއާ އިން ޓެސްޓް ސީރީޒް ކާމިޔާބުކުރުމާ ގާތަށް ޖެހިލައިފިއެވެ. މި މެޗު އިންޑިއާ އިން ކާމިޔާބުކުރީ 157 ލަނޑުގެ ތަފާތަކުންނެވެ.

މިއީ އިންގްލެންޑްގެ އޯވަލްގައި ކުޅެވުނު ޓެސްޓް މެޗަކުން އިންޑިއާ މޮޅުވި ދެވަނަ ފަހަރެވެ. އެ ޓީމު އެންމެ ފަހުން އޯވަލްގައި ކުޅުނު ޓެސްޓް މެޗަކުން މޮޅުވީ 1971 ވަނަ އަހަރު އެވެ. އެ ފަހަރު އިންގްލެންޑްގެ މައްޗަށް ކުރިހޯދީ ހަ ކުޅުންތެރިން ނުބައިވެގެން 173 ލަނޑުގެ ޓާގެޓެއް ފުރިހަމަކޮށްގެންނެވެ. މީގެއިތުރުން، މިއީ 1986 ވަނަ އަހަރުގެ ފަހުން އިންގްލެންޑްގައި ކުޅުނު ޓެސްޓް ސިރީޒްގެ ދެ މެޗުން މޮޅުވި ފުރަތަމަ ފަހަރެވެ.

ލަންޑަންގެ އޯވަލްގައި ކުޅުނު މި މެޗުގެ ޓޮސް ދިމާވުމުން އިންގްލެންޑުން ގަސްދުކުރީ ހޮވަން އަރާށެވެ. އިންޑިއާ އިން ކުޅެން އަރައި 61.3 އޯވަރުގެ ތެރޭގައި ހުރިހާ ކުޅުންތެރިން ނުބައިވެގެން ހެދުނީ 191 ލަނޑެވެ. އެ ޓީމުން އެންމެ ރަނގަޅަށް ކުޅުނީ 36 ބޯޅައިން 57 ލަނޑުހެދި ޝަރްދުލް ޓާކުރް އާއި 50 ލަނޑުހެދި ކެޕްޓަން ވިރާތު ކޯލީ އެވެ. އިންގްލެންޑުން އެންމެ ރަނގަޅަށް އުކި ކްރިސް ވޯކްސް ހަތަރު ވިކެޓްނެގިއިރު، އޯލީ ރޮބިންސަން ތިން ވިކެޓް ނެގިއެވެ.

އިންގްލެންޑުގެ ފުރަތަމަ އިނިންގްސްގައި 84 އޯވަރުގެ ތެރޭގައި ހުރިހާ ކުޅުންތެރިން ނުބައިވެގެން 290 ލަނޑުހެދިއެވެ. މި އިނިންގްސްގައި އެ ޓީމުން އެންމެ ރަނގަޅަށް ކުޅުނު އޯލީ ޕޯޕް 81 ލަނޑުހެދިއެވެ. ދެން އެންމެ ރަނގަޅަށް ކުޅުނު ކްރިސް ވޯކްސް ނުބައިވީ 50 ލަނޑަށެވެ. އިންޑިއާގެ އުކުންތެރިންކަމަށްވާ އުމޭޝް ޔާދަވް ތިން ވިކެޓްނެގިއިރު، ޖަސްޕްރީތު ބުމްރާ އާއި ރަވިންދްރަ ޖަދޭޖާ ކުރެން ކޮންމެ ކުޅުންތެރިއަކު ދެ ވިކެޓްނެގިއެވެ.

އިންޑިއާ އިން ދެވަނަ އިނިންގްސްގައި ކުޅެން އަރައި 148.2 އޯވަރުގެ ތެރޭގައި ހުރިހާ ކުޅުންތެރިން ނުބައިވެގެން 466 ލަނޑުހެދިއެވެ. އެ ޓީމުން އެންމެ ރަނގަޅަށް ކުޅުނު ރޯހިތު ޝަރުމާ 127 ލަނޑުހެދިއިރު، ޗެތޭޝްވަރު ޕުޖާރާ އާއި ރިޝަބް ޕަންތު އަދި ޝަރްދުލް ޓާކުރް ކުރެން ކޮންމެ ކުޅުންތެރިއަކު ބައި ސައްތަ ހެދިއެވެ. މި އިނިންގްސްގައި އިންގްލެންޑުން އެންމެ ރަނގަޅަށް އުކި ކްރިސް ވޯކްސް ތިން ވިކެޓް ނެގިއެވެ.

ޖަވާބުގައި އިންގްލެންޑަށް މި މެޗު ކާމިޔާބުކުރުމަށް ހަދަންޖެހިފައިވާ 368 ލަނޑުގެ ޓާގެޓަށް ވާސިލްނުވެވި 92.2 އޯވަރުގެ ތެރޭގައި ހުރިހާ ކުޅުންތެރިން ނުބައިވީ 210 ލަނޑަށެވެ. އިންގްލެންޑްގެ ރޯރީ ބާންސް އާއި ހަސީބް ހަމިދު ފިޔަވައި އެހެން ކުޅުންތެރިއަކަށް ރަނގަޅު ސްކޯއެއް ނުހެދުނެވެ. ބާންސް 50 ލަނޑުހެދިއިރު، ހަސީބް ވަނީ 63 ލަނޑު ހަދާފައެވެ. އެ ޓީމުގެ ކެޕްޓަން ޖޯ ރޫޓް ނުބައިވީ 36 ލަނޑަށެވެ.

މި ސީރީޒްގެ ފަސްވަނަ މެޗު ކުޅުމަށް ހަމަޖެހިފައިވަނީ އަންނަ ހުކުރު ދުވަހު އިންގްލެންޑްގެ މެންޗެސްޓާގައި ހުންނަ އެމިރޭޓްސް އޯލްޑް ޓްރެފޯޑް ގްރައުންޑްގައެވެ. މި މެޗުން އިންޑިއާ ބަލިނުވެ ފަރުޖައްސާލައިފިނަމަ 2007 ވަނަ އަހަރުގެ ފަހުން ފުރަތަމަ ފަހަރަށް އިންގްލެންޑް އަތުން އެ ގައުމުގައި ޓެސްޓް ސީރީޒްއެއް ކާމިޔާބުކުރުމުގެ ޝަރަފު ލިބޭނެއެވެ.