އެސްޓީއޯއިން ޑިޖިޓަލް ބޭންކުގެ ހިދުމަތް ދިނުމުގެ ލައިސަންސަށް އެދި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އަށް ހުށަހަޅައިފި އެވެ.
އެސްޓީއޯއިން ޑިޖިޓަލް ބޭންކިންގެ ލައިސަންސަށް އެދި މަރުކަޒީ ބޭންކަށް ހުށައަޅާފައިވަނީ މިއަދުގެ ވަގުތެއްގައެވެ.
ލައިސަންސަށް ހުށަހެޅުމަށްފަހު އެމްއެމްއޭ ކުރިމަތީގައި ނޫސްވެރިންނަަށް މައުލޫމާތު ދެއްވަމުން އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރ ހުސައިން އަމްރު ވިދާޅުވީ، ލައިސެންސް ހޯދުމުގެ މަރުހަލާގައި ތިން މަސް ނަގާނެ ކަމަށް އެމްއެމްއޭ އިން ބުނެފައިވާ ކަމަށެވެ.
އަމްރު ވިދާޅުވީ، އެސްޓީއޯއިން ގަސްދު ކޮށްފައިވާ ބޭންކިންގް ހިދުމަތަކީ މުޅިން ޑިޖިޓަލްކޮށް ކުރިއަށް ގެންދަން ހަމަޖެހިފައިވާ ހިދުމަތެއްކަމަށާއި އެސްޓީއޯގެ ބޭންކިން ހިދުމަތް ހޯދުމަށް އެކައުންޓު ހުޅުވުމަށް މީހެއްގެ އެހީ ނުލިބިވެސް އޮންލައިންކޮށް ފަސް މިނިޓުތެރޭގައި އެކައުންޓު ހުޅުވިގެންދާނެކަމަށެވެ.
"ޑިޖިޓަލް ބޭންކިންގް މެދުވެރިކޮށް ލޯނަށް އެޕްލައިކޮށް އެކައުންޓަށް އެ ފައިސާ 60 ސިކުންތު ތެރޭގައި ޖަމާ ވާނެ" އަމްރު ވިދާޅުވި އެވެ.
ޑިޖިޓަލް ބޭންކިން ހިދުމަތް ބެނުން ކުރާއިރު އެ ފައިސާ މެނޭޖު ކުރުމަކީ އެކައުންޓުގެ ވެރިފަރާތުގެ ޒިންމާއެއް ކަމަށް ވެސް އަމްރު ވިދާޅުވި އެވެ.
އަމްރު ވިދާޅުވީ ޑިޖިޓަލް ބޭންކިންގެ ހިދުމަތް ފެށޭނީ އިކޮނޮމިކް މިނިސްޓްރީގައި ރަޖިސްޓްރީކޮށް ޑިޖިޓަލް ބޭންކިންގެ ލައިސެންސް ލިބުމުން ކަމަށާއި އެހެންކަމުން މި ހިދުމަތް ފަށަން ހަ މަސް ވަރު އަދި ނަގާނެ ކަމަށެވެ.