ގަތަރުގައި 2022 ވަނަ އަހަރު ބާއްވާ ފީފާ ވޯލްޑް ކަޕް ކޮލިފައިންގައި ރޭ ތުރުކީ ކޮޅަށް މެމްފިސް ޑިޕާއީ ވައްދާލި ހެޓްރިކާއެކު ނެދަލެންޑްސް އިން 6-1ގެ ތަފާތު ބޮޑު ނަތީޖާއަކުން މޮޅުވިއިރު، ފްރާންސުން ވަނީ އަމިއްލަ ދަނޑުގައި 2-0 އިން ފިންލެންޑް ބަލިކޮށްފައެވެ.
ރޭގެ ނަތީޖާއާއެކު ގްރޫޕް ޖީ ގެ އެއްވަނައިގައި ނެދަލެންޑްސް އޮތީ ހަ މެޗުން 13 ޕޮއިންޓް ހޯދައިގެންނެވެ. ހަމަ މި އަދަދަށް ދެވަނައިގައި އޮތް ނޯވޭ އަށް ޕޮއިންޓް ލިބިފައިވާއިރު، ނެދަލެންޑްސް އަށް ކުރިލިބެނީ ފައިދާގޯލްގެ ތަފާތުންނެވެ. ނޯވޭ ވަނީ އާލިން ބްރައުޓް ހާލަންޑްގެ ހެޓްރިކާ އެކު 5-1 އިން ގިބްރޯލްޓާ ބަލިކޮށްފައެވެ. 11 ޕޮއިންޓާއެކު ތިންވަނައިގައި ތުރުކީ އޮތްއިރު، ހަތަރުވަނައިގައި އޮތް މޮންޓެނީގްރޯ އަށް ލިބިފައިވަނީ 8 ޕޮއިންޓެވެ.
ނެދަލެންޑްސްގެ އެމްސްޓެޑަމް އެރީނާގައި ރޭ ކުޅުނު މި މެޗު ފެށިގެން ފުރަތަމަ މިނެޓުގައި އެ ޓީމުން ލީޑްނެގީ ޑޭވީ ކްލާސަން ކާމިޔާބުކުރި ގޯލުންނެވެ. މިއީ ޑިޕާއީ ދިން ބޯޅައަކުން ކްލާސަން ކާމިޔާބުކުރި ގޯލެކެވެ. އޭގެފަހުން، މެޗުގެ 16 ވަނަ މިނެޓުގައި ނެދަލެންޑްސްގެ ދެވަނަ ލަނޑު، ޑިޕާއީ ކާމިޔާބުކުރީ ކްލާސަން ދިން ބޯޅައަކުންނެވެ. ފުރަތަމަ ހާފު ނިމެން ހަތް މިނެޓަށްވެފައިވަނިކޮށް ނެދަލެންޑްސް އަށް ލިބުނު ޕެނަލްޓީއަކުން ޑިޕާއީ ވަނީ ނަތީޖާ 3-0 އަށް ބަދަލުކޮށްލާފައެވެ. ތުރުކީ އަށް އިތުރު މައްސަލަތައް ކުރިމަތިވީ މެޗުގެ 44 ވަނަ މިނެޓުގައި އެ ޓީމުގެ ޑިފެންޑަރު ޝަގްލާ ސޮޔުންޗޫ އަށް ދެވަނަ ރީނދޫ ކާޑާއެކު ރަތެއް ދެއްކުމުންނެވެ.
ދެވަނަ ހާފުގެ ކުޅުން ފެށިތާ ނުވަ ވަރަކަށް މިނެޓުގެ ތެރޭގައި ޑިޕާއީ ވަނީ ހެޓްރިކް ފުރިހަމަކޮށްފައެވެ. މިއީ ނެދަލެންޑްސްގެ ޖާޒީގައި އޭނާ ހެޓްރިކް ހެދި ފުރަތަމަ ފަހަރެވެ. މި ގޯލާއެކު ޑިޕާއީ ވަނީ ނެދަލެންޑްސްގެ ތާރީޚުގައި މިހާތަނަށް އެންމެ ގިނަ ލަނޑުޖެހި ކުޅުންތެރިންގެ ލިސްޓުގެ 8 ވަނައިގައި އުޅޭ ކުރީގެ ލެޖެންޑް ޔޯހަން ކްރައިފް އާއި އޭބް ލެންސްޓްރާއާ އެއްވަރުކޮށްފައެވެ. މި ތިން ކުޅުންތެރިން ވެސް ޖަހާފައިވަނީ 33 ގޯލެވެ.
މި މެޗުގައި ނެދަލެންޑްސް އިން ކާމިޔާބުކުރި އަނެއް ދެލަނޑުޖެހީ ފަހު 10 މިނެޓުގެ ތެރޭގައެވެ. އެ ޓީމުގެ ފަސްވަނަ ލަނޑު، މެޗުގެ 80 ވަނަ މިނެޓުގައި ގޫސް ޓިލް ކާމިޔާބުކޮށްދިނީ ޓެއުން ކޫޕްމެއިނާސް ދިން ބޯޅައަކުންނެވެ. އަދި އޭގެފަހުން، މެޗުގެ ފުރިހަމަވަގުތުގެ އެންމެ ފަހު މިނެޓުގައި ނެދަލެންޑްސްގެ ހަވަނަ ލަނޑުޖެހީ ޑޮންޔެލް މާލެން އެވެ. އޭނާ މި ލަނޑުޖެހީ އުމުރުން 18 އަހަރުގެ ޑިފެންޑަރު ޑެވީން ރެންޝް ދިން ބޯޅައަކުންނެވެ. ތުރުކީގެ ހަމައެކަނި ލަނޑު، މެޗުގެ އިތުރުވަގުތުގައި ކާމިޔާބުކޮށްދިނީ ޗެންގީޒް އުންޑާ އެވެ.
ކޮލިފައިންގައި ރޭ ފްރާންސްގެ ދަނޑުގައި 2-0 އިން ފިންލެންޑް ބަލިކުރިއިރު، އެ ޓީމުގެ ދެ ލަނޑުވެސް ޖެހީ ދާދިފަހުން ބާސެލޯނާ ދޫކޮށް އެތުލެޓިކޯ މެޑްރިޑަށް ބަދަލުވި ފޯވާޑް އެންޓޮއިން ގްރީޒްމަން އެވެ. މި މެޗުގައި ޖެހި ދެ ގޯލާއެކު ގްރީޒްމަން ވަނީ ފްރާންސްގެ ތާރީޚުގައި މިހާތަނަށް އެންމެ ގިނަ ލަނޑުޖެހި ކުޅުންތެރިންގެ ލިސްޓުގެ ތިންވަނައިގައި އޮތް ކުރީގެ ލެޖެންޑް މިޝޭލް ޕްލެޓިނީއާ އެއްވަރުކޮށްފައެވެ. މި ދެ ކުޅުންތެރިން ވެސް ވަނީ 41 ގޯލް ޖަހާފައެވެ. ގްރީޒްމަން އަށް ވުރެ ލަނޑުލިސްޓުގެ ކުރީގައި އޮތީ 46 ލަނޑުޖަހާފައިވާ އޮލިވިއޭ ޖިރޫ އާއި 51 ގޯލް ކާމިޔާބުކޮށްފައިވާ ތިއެރީ އޮންރީ އެވެ.
ދެ ކާޑު ހަމަވުމުގެ ސަބަބުން ޕޯޗުގަލްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ ނުލައި އެ ޓީމު ކުޅުނު މެޗުން 3-0 އިން ވަނީ އަޒަރުބައިޖާން ބަލިކޮށްފައެވެ. މި މެޗުގައި އެ ޓީމުގެ ލަނޑުތައް ޖަހައިދިނީ ބެނާޑޯ ސިލްވާ އާއި އަންދްރޭ ސިލްވާ އަދި ޑިއޯގޯ ޔޮޓާ އެވެ.
މި ފަހަރުގެ ކޮލިފައިންގައި ސައްތަ އިން ސައްތައިގެ ރެކޯޑެއް ދަމަހައްޓަމުން އަންނަ ޑެންމާކުން ވަނީ އިޒްރޭލްގެ މައްޗަށް 5-0 ގެ ތަފާތު ބޮޑު ނަތީޖާއަކުން ކުރިހޯދާފައެވެ. ކޮލިފައިންގައި ރޭ ކުޅުނު އެހެން މެޗުތަކުގެ ނަތީޖާއަށް ބަލާއިރު، ސްލޮވީނިއާ އަތުން 3-0 އިން ކްރޮއޭޝިއާ މޮޅުވިއިރު ކަޒަކިސްތާނާ ދެކޮޅަށް ބޮސްނިއާ އެންޑް ހާޒެގޮވީނާ ކުޅުނު މެޗު ނިމުނީ 2-2 އިން އެއްވަރުވެގެންނެވެ. އޮސްޓްރިއާ އަތުން 1-0 އިން ސްކޮޓްލެންޑް މޮޅުވިއިރު، ރިޕަބްލިކް އޮފް އަޔަލެންޑާ ދެކޮޅަށް ސާބިއާ ކުޅުނު މެޗު ނިމުނީ ދެ ޓީމު 1-1 އިން އެއްވަރުވެގެންނެވެ.
