ބީއެމްއެލް ކޮމިއުނިޓީ ފަންޑުގެ ދަށުން ރ. ފައިނުގައި ލައިބްރަރީއެއް ގާއިމްކޮށްފިއެވެ.

ރ. ފައިނުގެ ފައިނު އެސޯސިއޭޝަން ފޯ ކޮމިއުނިޓީ އެންޑެވާރސް (ފޭސް) ޖަމިއްޔާ އިން އިސްނަގައިގެން ކުރިޔަށް ގެންދިޔަ ޕްރޮޖެކްޓް ގެ ދަށުން މި ލައިބްރަރީ ހުޅުވާފައިވަނީ ފައިނު ކޮމިއުނިޓީ ސެންޓަރު ހުންނަ އިމާރާތުގައެވެ. 

ބީއެމްއެލް ކޮމިއުނިޓީ ފަންޑުގެ ދަށުން ކުރިއަށް ގެންދިޔަ މި ޕްރޮޖެކްޓް ގެ އަމާޒަކީ ރަށުގެ ޒުވާނުން ފޮތް ކިއުމަށް ޝައުގުވެރިކަން އިތުރު ކުރުމާއި އިލްމީ މުޖުތަމައުއެއް ބިނާކުރުންކަމަށް ބީއެމްއިލްއިން މައުލޫމާތު ދެއެވެ.

މި ޕްރޮޖެކްޓްގެ ދަށުން ލައިބްރަރީގައި ތަފާތު ފޮތްތައް ހިމަނައި، ފޮތް ކިޔޭނެ އިންތިޒާމު ހަމަޖެހިފައިވާއިރު ލައިބްރަރީގައި ވަނީ ކޮމްޕިއުޓަރ ލެބެއްވެސް ގާއިމްކޮށްފައެވެ. މިގޮތުން ދަރިވަރުން ސްކޫލުގެ އެކިއެކި މަސައްކަތްތައް ކުރުމާއި، ރިސާރޗް މަސައްކަތް ކުރުމަށް 3 ކޮމްޕިއުޓަރ ސިސްޓަމް ވަނީ ބަހައްޓާފައިވާކަމަށް ބީއެމްއެލްއިން ބުންޏެވެ.

މީގެ އިތުރުން ޕްރޮޖެކްޓްގެ ދަށުން ކޮމިއުނިޓީ ސެންޓަރ ކުރިމަތީގައި އޮތް ހުސް ބިމުގައި ފޮތްކިޔަން ތިބެވޭނެހެން ބެންޗް ބަހައްޓައި ފޮތް ހަރުގަނޑު ބަހައްޓާފައިވާއިރު ރަށުގެ އަތިރިމަތީގައި މީހުން އެއްވެ އުޅޭ 3 ސަރަހައްދެއްގައި މޮބައިލް ފޮތް ހަރުތަކެއް ބަހައްޓައި ގިނަ ރައްޔިތުންނަށް ފޮތް ކިޔޭނެ އިންތިޒާމުވެސް ވަނީ ހަމަޖެހިފައެވެ.

ކޮމިއުނިޓީ ފަންޑުގެ ދަށުން މި ޕްރޮޕޯސަލް ކާމިޔާބު ކުރި ފޭސް ޖަމިއްޔާގެ ރައީސް ޙުސައިން ވަހީދު ވިދާޅުވީ، ޕަބްލިކް ލައިބްރަރީ އަދި ކޮމްޕިއުޓަރ ލެބްގެ ސަބަބުން ސްކޫލް ދަރިވަރުންނާއި، އެކި ކޯސްތަކުގައި ކިޔަވަމުންދާ ފަރާތްތަކާ އަދި މިޖަމިއްޔާއިން ކުރިއަށްގެންދިޔުމަށް ހަމަޖެހިފައިވާ ކުދި ކޯސްތަކުގެ ބައިވެރިންނަށް އިލްމީ ދިރާސާ، އެސައިންމެންޓް އަދި ރިފަރެންސް މެޓީރިއަލް ހޯދުމަށް ވަރަށްބޮޑު އެހީއަކަށްވެގެންދާނެ ކަމަށެވެ.

"މި ޕްރޮޖެކްޓްގެ ސަބަބުން ރަށުގެ އެކި ފަންތީގެ މީހުން ފޮތްކިޔުމަށް އަހުލުވެރިވެ އިލްމީ މުޖުތަމައުއެއް ބިނާ ކުރުމަށް މިޖަމިއްޔާއިން ކުރަމުންދާ މަސައްކަތަށް އިތުރު އެހީއަކަށްވެގެންދާނެ." އޭނާ ވިދާޅުވިއެވެ.

އަހަރެންގެ ބޭންކް ކޮމިއުނިޓީ ފަންޑަށް ހުށަހަޅާ ޕްރޮޕޯސަލްތަކަކީ ހިލޭ ސާބަހަށް ކުރާ މަސައްކަތްތަކާއި ތައުލީމާއި ކުޅިވަރު ހަރަކާތްތަކުގެ އިތުރުން ތިމާވެށި ހިމާޔަތްކުރުން ފަދަ ކަންކަމަށް އަމާޒުކޮށްގެން ހުށަހެޅޭ ޕްރޮޕޯސަލްތަކެކެވެ.