އިންސާނާ ކާ ތަކެތި، މައިދާއަށް ދިޔުމަށްފަހު ދެން ދަތުރު ކުރަނީ ކުޑަ ގޮހޮރަށެވެ. ކުޑަ ގޮހޮރުން ގޮސް ބޮޑު ގޮހޮރަށް ދަތުރުކުރެއެވެ. ހަޖަމުވުމާއި، ކާތަކެތީގައި ހުންނަ ފައިދާތައް ހަށިގަނޑަށް ނަގަމުން ދާނީ މި މަރުހަލާގައެވެ. ބޮޑުގޮހޮރަށް އެ ތަކެތި ދާހިސާބުން ދެން ހިނގާ މަރުހަލާ އަކީ އެތަކެތި، ބޮޑުކަމުދާ ތަކެއްޗަށް ބަދަލުވާ މަރުހަލާއެވެ. މި މަރުހަލާގައި ބޮޑު ގޮހޮރުގެ ބައެއް ކަމަށްވާ "ކޮލޯން" ނަމަކަށް ކިޔާ ހިސާބަކީ ވަރަށް ބުރަ މަސައްކަތެއް ކުރާ ހިސާބެކެވެ. މިއީ އެ ތަކެތިން ހަށިގަނޑަށް ފެން ދަމާ އެންމެ މައިގަނޑު ހިސާބެވެ. އަދި މި ހިސާބަކީ ނުވަތަ މި ތަނަކީ ވަރަށް ފަސޭހަ ކަމާއެކު އަނިޔާވެ ނުވަތަ ގެއްލުން ލިބޭ ތަނެކެވެ. ކޮލޯނުގެ ކެންސަރަކީ ވަރަށް އާންމު ކޮށް ދިމައިވާ ކަމެކެވެ.
ކޮލޯނުގެ ކެންސަރު ފާހަގަ ކުރެވޭ ނުވަތަ ކެންސަރު ކަމަށް ޝައްކު ކުރެވޭ ބައިވަރު އަލާމާތްތައް ހުރެއެވެ. އޭގެ ތެރެއިން ބޮޑުކަމުދާ ތަކެތީގެ ސިފަ ނުވަތަ ބައްޓަން ބަދަލުވެ ގިނަ މުއްދަތެއްގައި ހުރުމަކީ ކަންބޮޑުވާން ޖެހޭނޭ ކަމެކެވެ. ދައްކަން ހުތުރު، ކިޔަން ފަކުރު ވާހަކައަކަށް މިވާހަކަ ވެދާނެއެވެ. ނަމަވެސް މިއީ އެނގިފައި ހުރުން ވަރަށްވެސް މުހިންމު ވާހަކައެކެވެ.
އާންމުކޮށް ބޮޑުކަމުދާތަކެތި ހުންނަ ބައްޓަކަމީ "ސިލިންޑަރު" ބައްޓަމެވެ. މިއީ އާންމު ހާލަތެވެ. ބައެއް ފަހަރު ބަނޑު ދިޔާވުމުން ފެންކޮށް ނުވަތަ ދިޔާކޮށް ހުރެދާނެއެވެ. މިއިން ކޮންމެ ގޮތެއްގައިވެސް ދުވަސްކޮޅަކު ހުރުމަށްފަހު އަނެއް ގޮތަކަށް ބަދަލުވެ ހިނގައިދާނެއެވެ. އެހެން ނަމަވެސް އާދަޔާ ހިލާފު ބައްޓަމަކަށް ބޮޑުކަމުދާ ތަކެތި ހުންނަތާ ގިނަ ދުވަސްތަކެއް ވާނަމަ ޑަކްޓަރެއްގެ ލަފާ ހޯދުން މުހިންމެހެވެ. އެމީހެއްގެ ސިއްހަތާއި މެދު ވިސްނަންވާނީ އެމީހެކެވެ. ފަހަރުގައި ޑަކްޓަރުގެ ބެލުން ތަކުން ކަމެއް ފާހަގަ ނުވެދާނެއެވެ. އެހެން ނަމަ އެއީ ތިބާއަށް ލިބުނު ރަހުމަތެއް ކަމަށް ހީކުރާށެވެ.
މިހިސާބުން އުފެދޭ ސުވާލަކީ ބޮޑުކަމުދާ ތަކެތި އާދަޔާ ހިލާފު ބައްޓަކަމަށް ހުރުމަކީ ކޮބައިތޯއެވެ؟ މިސުވާލުގެ ޖަވާބު އެންމެ ފަސޭހައިން އެނގޭނީ އެމީހަކަށެވެ. އެހެނީ އެމީހެއްގެ ބޮޑުކަމުދާ ތަކެތި އާދަޔާ ހިލާފު ބައްޓަމެއްގައި ހުންނަ ނަމަ އެކަން އެންމެފުރަތަމަ ރެއަކާ ލާނީ އެމީހަކަށެވެ. ދެން އޮތީ ޖުމުލަކޮށް މިބުނެވޭ އާދަޔާހިލާފު ބައްޓަމުގެ ވާހަކައެވެ. އާދޭހެވެ! މާ ހިމަކޮށް ފޯލިކޮށް ހުންނަ ނަމަ އެއީ އާދަޔާ ހިލާފު ބައްޓަމެކޭ ބުނެވިދާނެއެވެ. ނުވަތަ ކުދިކޮށް އެތި އެތި ކޮޅަށް ހުންނަ ނަމަ އާދަޔާ ހިލާފު ބައްޓަމެކޭ ކިއިދާނެއެވެ. ހަމަ އެއާއިއެކު ފެންކޮށް ހުންނަ ނަމަވެސް މިފަދައިން ބުނެވިދާނެއެވެ. އެހެން ކަމުން މިއިން ބައްޓަމެއްގައި ބޮޑުކަމުދާ ތަކެތި، ދިގު މުއްދަތެއްގައި ހުންނަ ނަމަ އެއީ ކޮލޯނުގެ ކެންސަރުގެ އަލާމާތަކަށް ވެދާނެކަމަށް ޑަކްޓަރުން ބުނެއެވެ.
މިކަމުގެ ސަބަބަށް ބަލައިލަމާ ހިނގާށެވެ. ކޮލޯނުގައި ޓިއުމަރެއް ނުވަތަ ސިސްޓެއް އިންނަ ނަމަ މިކަން މިހެން ދިމައިވެދާނެއެވެ. ކޮލޯނުގެ މަސައްކަތް އާދަޔާ ހިލާފަށް ގަދައަށް ކުރެވޭނަމަވެސް މިކަން މިގޮތައް ހިނގާފާނެއެވެ. ހަމަ އެއާއި އެކު ކޮލޯނުގެ މަސައްކަތް ލަސްވެ ހުއްޓިއްޖެނަމަވެސް މިކަން މި މޭރުމުން ތަރުތީބުވެދާނެއެވެ. މީގެ އިތުރުން ކޮލޯނުގެ ސިފައަށް އަންނަ ބަދަލަކުންވެސް ބޮޑުކަމުދާ ތަކެތީގެ ސިފަ ނުވަތަ ބައްޓަން ބަދަލުވެދާނެއެވެ.
ބޮޑުކަމުދާތަކެތީގެ ސިފަ އާދަޔާހިލާފު ގޮތަކަށް ބަދަލުވެ ގިނަ ދުވަސްތަކެއްގައި ހުންނަ ނަމަ އެއީ ނުރައްކަލެއްގެ އިންޒާރަކަށް ވެދާނެއެވެ. އެހެންކަމުން އެކަމަށް ސަމާލުކަން ދިނުން ވަރަށްވެސް މުހިންމެވެ.
