ސްޕެނިޝް ލީގުގައި ރޭ އަމިއްލަ ދަނޑުގައި ސެލްޓާ ވިގޯ ކޮޅަށް ފްރާންސްގެ ފޯވާޑް ކަރީމް ބެންޒެމާ ވައްދާލި ހެޓްރިކާއެކު ރެއާލް މެޑްރިޑުން ތާވަލްގެ އެއްވަނަ އަށް ޖެހިލައިފިއެވެ. މި މެޗުން ރެއާލް މޮޅުވީ 5-2 އިންނެވެ.
މިއީ މިދިޔަ އަހަރުގެ މާރިޗް މަހު މަރާމާތަށް ރެއާލްގެ ރަސްމީ ދަނޑުކަމަށްވާ ސަންޓިއާގޯ ބާނެބެއު ބަންދުކުރި ފަހުން ވޭތުވެދިޔަ 560 އެއްހާ ދުވަހުގެ ތެރޭގައި އެ ދަނޑުގައި ކުޅުނު ފުރަތަމަ މެޗެވެ.
ރޭގެ ނަތީޖާއާއެކު އެއްވަނައިގައި އުޅޭ ރެއާލްގެ އިތުރުން ވެލެންސިއާ އަދި އެތުލެޓިކޯ މެޑްރިޑަށް ހަތަރު މެޗުން ހަތް ޕޮއިންޓް ލިބިފައިވާއިރު، ރެއާލަށް ކުރި ލިބެނީ ޖެހި ގޯލްގެ ތަފާތުންނެވެ. އޭގެ އެއް ޕޮއިންޓް ފަހަތުން ހަތަރުވަނައިގައި އޮތީ ރެއާލް ސޮސިއެޑާޑް އެވެ.
ސަންޓިއާގޯ ބާނެބެއުގައި ރޭ ކުޅުނު މި މެޗުގައި ކުރީން ލީޑްނެގީ ސެލްޓާ އިންނެވެ. މި މެޗު ފެށިތާ ހަތަރުވަނަ މިނެޓުގައި އެ ޓީމަށް މިލަނޑުޖަހައިދިނީ ސަންޓި މީނާ އެވެ. އޭގެ ވިހި މިނެޓުފަހުން، ރެއާލަށް އެއްވަރުކޮށްދިނީ ބެންޒެމާ އެވެ. މިއީ އެ ޓީމުގެ އުރުގުއޭ މިޑްފީލްޑަރު ފެޑެރީކޯ ވަލްވާޑޭ ދިން ބޯޅައަކުން ބެންޒެމާ ކާމިޔާބުކުރި ގޯލެކެވެ. އޭގެފަހުން، މެޗުގެ 31 ވަނަ މިނެޓުގައި ފްރޭންކޯ ސާވީ ކާމިޔާބުކުރި ގޯލާއެކު ސެލްޓާ އިން ފުރަތަމަ ހާފު ނިންމާލީ 2-1 އިން ކުރީގައި އޮވެގެންނެވެ.

ދެވަނަ ހާފުގެ ކުޅުން ފެށިތާ މިނެޓެއްގެ ތެރޭގައި ތެރޭގައި ބެންޒެމާ ވަނީ ރެއާލަށް އެއްވަރުކޮށްދީފައެވެ. އަދި އޭގެ 8 މިނެޓުފަހުން، ބްރެޒިލްގެ ޒުވާން ތަރި ވިނީޝަސް ޖޫނިއާ ވަނީ ރެއާލަށް ފުރަތަމަ ފަހަރަށް ލީޑްނަގައިދީފައެވެ. އޭގެފަހުން، މެޗުގެ 72 ވަނަ މިނެޓުގައި އެޑުއާޑޯ ކަމަވިންގާ ވަނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނިކުމެ ނަތީޖާ 4-2 އަށް ބަދަލުކޮށްލާފައެވެ. ރެއާލްގެ ފަސްވަނަ ލަނޑު، މެޗު ނިމެން ތިން މިނެޓަށްވެފައިވަނިކޮށް ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކޮށްދީ ބެންޒެމާ ވަނީ ހެޓްރިކް ފުރިހަމަކޮށްފައެވެ.
ލީގުގައި ރޭ އެންމެ ފަހުގެ ޗެމްޕިއަން އެތުލެޓިކޯ މެޑްރިޑުން ވަނީ ރަށުން ބޭރުގައި ފަހަތުންއަރައި 2-1 އިން އެސްޕަންޔޯލް ބަލިކޮށްފައެވެ. މި މެޗުގެ ފުރަތަމަ ހާފުގެ ކުޅުން ނިމެން ފަސް މިނެޓަށްވެފައިވަނިކޮށް އެސްޕަންޔޯލްގެ ފޯވާޑް ރައުލް ޑެ ތޯމަސް ބޮލުން ވައްދާލި ލަނޑުން އެ ޓީމު ލީޑްނަގާފައިވަނިކޮށް، މެޗު ނިމެން 11 މިނެޓަށްވެފައިވަނިކޮށް އެތުލެޓިކޯ އަށް އެއްވަރުކޮށްދިނީ ޔަނިކް ފެރޭރާ ކަރަސްކޯ އެވެ. އަދި މެޗުގެ އިތުރުވަގުތުގައި އެތުލެޓިކޯ އަށް ތިން ޕޮއިންޓް ކަށަވަރުކޮށްދިނީ ތޯމަސް ލެމާ އެވެ.
އޮސަސޫނާގެ ދަނޑުގައި 4-1 އިން ވެލެންސިއާ މޮޅުވިއިރު، އެއް ކުޅުންތެރިއަކު މަދުކޮށް ކުޅެމުންދިޔަ ކަޑީޒް އަތުން ރެއާލް ސޮސިއެޑާޑް މޮޅުވީ 2-0 އިންނެވެ. އަދި އެތުލެޓިކް ބިލްބާއޯގެ ދަނޑުގައި އެ ޓީމުން ރެއާލް މަޔޯކާ ބަލިކުރީ ވެސް 2-0 އިންނެވެ.
