މިސްރުގެ ފޯވާޑް މުހައްމަދު ސަލާހު ކާމިޔާބުކުރި 100 ވަނަ ލަނޑާއެކު, އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުން ރަށުން ބޭރުގައި ލިވަޕޫލުން 3-0 ގެ ނަތީޖާއަކުން ލީޑްސް ޔުނައިޓެޑް ބަލިކޮށްފިއެވެ.
ރޭގެ ނަތީޖާއާއެކު ލިވަޕޫލަށް މިހާތަނަށް ކުޅުނު ހަތަރު މެޗުން 10 ޕޮއިންޓް ލިބިފައިވާއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޗެލްސީ އަށް ވެސް މިއަދަދަށް ޕޮއިންޓް ލިބިފައިވެއެވެ. ޔުނައިޓެޑަށް ކުރިލިބެނީ ޖެހި ގޯލްގެ ތަފާތުންނެވެ. ހަތަރުވަނައިގައި އޮތް އެންމެ ފަހުގެ ޗެމްޕިއަން މެންޗެސްޓާ ސިޓީ އަށް ލިބިފައިވަނީ ނުވަ ޕޮއިންޓެވެ.
ލީޑްސްގެ އެލަންޑް ރޯޑްގައި ރޭ ކުޅުނު މެޗުގައި ލިވަޕޫލުން ޖެހި ފުރަތަމަ ލަނޑު، 20 ވަނަ މިނެޓުގައި ސަލާހު ކާމިޔާބުކޮށްދިނީ އިނގިރޭސި ފުލްބެކް ޓްރެންޓް އެލެގްޒެންޑާ-އާނޯލްޑް ދިން ބޯޅައަކުންނެވެ. މި ގޯލާއެކު ސަލާހު ވަނީ ލީގުގައި 100 ލަނޑު ހަމަކުރި 30 ވަނަ ކުޅުންތެރިޔާގެ ޝަރަފު ހޯދާފައެވެ. އޭނާ މިއަދަދަށް ލަނޑުޖެހީ 162 މެޗުންނެވެ.
ދެވަނަ ހާފުގެ ކުޅުން ފެށިތާ ފަސްވަނަ މިނެޓުގައި ލިވަޕޫލްގެ ލީޑް ފުޅާކޮށްދިނީ ބްރެޒިލްގެ މިޑްފީލްޑަރު ފަބީނިއޯ އެވެ. އޭގެފަހުން، މެޗުގެ 60 ވަނަ މިނެޓުގައި ލިވަޕޫލްގެ އުއްމީދީ މިޑްފީލްޑަރު ހާވީ އެލިއަޓް އަށް ކުރި ނުރައްކާތެރި ޓެކުލަކާ ގުޅިގެން ލީޑްސްގެ ޑިފެންޑަރު ޕަސްކާލް ސްޓްރުއިކް އަށް ރެފްރީ ސީދާ ރަތެއް ދެއްކުމުން އެ ޓީމުން މެޗުގެ ބާކީބައި ފުރިހަމަކުރި އެއް ކުޅުންތެރިއަކު މަދުކޮށެވެ. މި ޓެކުލްގެ ސަބަބުން އެލިއަޓްގެ ކުޑަހުޅަށް ވަރަށް ބޮޑަށް އަނިޔާވެ، ސްޓްރެޗަރުގައި ދަނޑުން ބޭލީ އޮކްސިޖަން ދީގެންނެވެ.
ލިވަޕޫލުން މި މެޗުގައި ޖެހި ތިންވަނަ ލަނޑު، އިތުރުވަގުތުގައި ކާމިޔާބުކޮށްދިނީ ސެނެގޯލްގެ ފޯވާޑް ސަޑިއޯ މާނޭ އެވެ. މިއީ އެ ޓީމުގެ ސްޕެއިން މިޑްފީލްޑަރު ތިއާގޯ އަލްކަންތާރާ ތަނަވަސްކުރި ފުރުޞަތަކުން މާނޭ ކާމިޔާބުކުރި ގޯލެކެވެ. މި ގޯލްގެ ކުރީން، މާނޭ އަށް ވަނީ ލަނޑުޖަހަން ރަނގަޅު ދެ ފުރުޞަތެއްލިބި ބޭކާރުވެފައެވެ.
ލީގުގައި ލިވަޕޫލަށް ދެން އޮތީ މިވަގުތު ރަނގަޅު ފޯމެއްގައި އޮތް ކްރިސްޓަލް ޕެލަސްއާ ދެކޮޅަށް އެންފީލްޑްގައި މި މަހުގެ 18 ވަނަ ދުވަހު ކުޅޭ މެޗެވެ. ޕެލަސް ވަނީ އެންމެ ފަހުން ޓޮޓެންހަމް ހޮޓްސްޕާއާ ދެކޮޅަށް ކުޅުނު މެޗުން 3-0ގެ ތަފާތަކުން މޮޅުވެފައެވެ.
