ފްރާންސްގެ ރައީސް އެމަނުއެލް މެކްރޯންގެ ކަންކަށިމަތީގައި ޖެހުނީތީ އެކަމާއި ފަހުރުވެރިވާ ކަމަށް އެކަން ކުރި ޒުވާނާ ބުނެފިއެވެ.
ޑަމިއެން ޓަރެލް ނަމަކަށް ކިޔާ އުމުރުން 28 އަހަރުގެ މި ޒުވާނާ މެކްރޮންގެ ކަންކަށިމަތީގައި ޖަހާފައިވަނީ މިދިޔަ ޖޫން މަހު މެކްރޯން އާންމު ރައްޔިތުންތަކަކާއި ސަލާމް ކުރަމުން ގެންދަނިކޮށް އާންމުންގެ ތެރޭގައި ހުރެއެވެ. އޭނާ ވަނީ ވަގުތުން ހައްޔަރުކޮށް ދައުވާ އުފުލައި ޖަލަށްވެސް ލާފައެވެ. އޭނާގެ ޖަލުހުކުމް މިދިޔަ ހަފްތާގެ ތެރޭގައި ވަނީ ނިމިފައެވެ.
ޖަލުން ސަލާމަތްވުމުން ދިން އިންޓަވިއުއެއްގައި ޑަމިއެން ބުނީ އޭނާ ބޭނުންވީ މެކްރޮން އަށް ބޮޑު އަނިޔާއެއް ދޭން ނޫންކަމަށާއި އޭނާ ކުރި ކަންތައްތަކަކީ ސިޔާސީ ކަމެއް ކަމަށެވެ. އެއީ މެކްރޮންގެ ސިޔާސަތުތަކާއި ދެކޮޅު ހެދުމުގެ ގޮތުން ކުރިކަމެއް ކަމަށާއި ކުރެވުނު ކަންތަކާއި މެދު އެއްވެސް ވަރަކަށް ދެރަނުވާކަމަށް އޭނާ ވަނީ ބުނެފައެވެ. އަދި އެތައް ބައެއްގެ ތައުރީފު އެކަމަށް ލިބުނުކަމަށާއި އެކަމާއި މެދު ފަހުރުވެރިވާކަމަށް އޭނާ ވަނީ ބުނެފައެވެ.
ޑަމިއެން ބުނީ މެކްރޮންގެ ސިޔާސަތުތަކާއި ދެކޮޅަށް އޭނާ އަޑުއުފުލުން އަދިވެސް ކުރިއަށް ދާނެއެވެ. ކޮވިޑް-19 ކޮންޓްރޯލް ކުރުމުގައި މެކްރޮންގެ ސަރުކާރު ފެއިލްވެފައި ވުމުން މެކްރޮން އާއި ދެކޮޅަށް ކުރާ މުޒާހަރާތަކުގައި ވަރަށް އަވަހަށް ބައިވެރިވާނެ ކަމަށް ވެސް އޭނާ ވަނީ ބުނެފައެވެ.
