30 ވަނަ ގައުމީ ކެރަމް މުބާރާތުގެ ސިންގަލްސް ޗެމްޕިއަންކަން މުޙައްމަދު މުންތަސިރު އާއި އައިމިނަތު ވިދާދު ހޯދައިފިއެވެ.

މިއީ މާލެ އަތޮޅު ގުރައިދޫ އަށް އުފަން ވިދާދު، އަންހެން ސިންގަލްސް އިވެންޓްގެ ގައުމީ މުބާރާތުގެ ޗެމްޕިއަންކަން ޖެހިޖެހިގެން ކާމިޔާބުކުރި 4 ވަނަ ފަހަރެވެ. އެންމެ ފަހުން ދިވެހިރާއްޖޭގެ ގައުމީ ކެރަމް ޓީމު ވާދަކުރި އިންޓަނޭޝަނަލް މުބާރާތުގައިވެސް މޮޅު ކުޅުމެއްދެއްކި ވިދާދު އަކީ މިވަގުތު ދުނިޔޭގެ ފެންވަރުގައިވެސް ފާހަގަކޮށްލެވޭ މޮޅު ކުޅުންތެރިއެކެވެ.

މި އަހަރުގެ މުބާރާތުގެ ޗެމްޕިއަންކަން ވިދާދު ހޯދީ ކުރީގެ ގައުމީ ޗެމްޕިއަން އައިޝަތު ފައިނާޒްއާ ދެކޮޅަށް ކުޅުނު ފޯރިގަދަ ފައިނަލް މެޗު ސީދާ ދެ ސެޓުން ކާމިޔާބުކޮށްގެންނެވެ. މި އިވެންޓްގެ 3 ވަނަ މަގާމް އައިމިނަތު ވިޝާމާ ހޯދިއިރު، ހަތަރުވަނަ އަށް ދިޔައީ އައިޝަތު ޒުލްފިޝާން އެވެ.

ފިރިހެން ސިންގަލްސް އިވެންޓްގެ ޗެމްޕިއަންކަން ހޯދާފައިވަނީ މުޅި މުބާރާތުގައި އާދަޔާ ހިލާފު މޮޅު ކުޅުމެއްދެއްކި މުންތަސިރެވެ. މިއީ ހޯރަފުއްޓަށް ނިސްބަތްވާ މުންތަސިރުގެ ކެރަމް ކެރިއަރުގައި ގައުމީ މުބާރާތް ކާމިޔާބުކުރި ފުރަތަމަ ފަހަރެވެ.

ފިރިހެން ޑަބަލްސް ޗެމްޕިއަންކަން ހޯދި އާދަމް އަދީލް (ކ) އާއި ޔަމާން އަބްދުލް ޖަލީލް. 

މިފަހަރުގެ މުބާރާތުގެ ފައިނަލުން މުންތަސިރު ޖާގަ ހޯދީ ކުރީގެ ގައުމީ ދެ ޗެމްޕިއަނުން ބަލިކުރުމަށްފަހު އެވެ. މި އިވެންޓްގެ ޗެމްޕިއަންކަން މުންތަސިރު ހޯދީ ފައިނަލްގައި ސީދާ ދެ ސެޓުން އަލީ ހަސަން ބަލިކޮށްގެންނެވެ. މި އަހަރުގެ މުބާރާތުގެ ފިރިހެން ސިންގަލްސް އިވެންޓްގެ ތިންވަނަ އަށް އިސްމާއިލް އަޒްމީން ހޮވުނުއިރު، ހަތަރުވަނަ އަށް ދިޔައީ އަލީ އާޒިމް އެވެ.

މިކްސް ޑަބަލްސް އިވެންޓްގެ ފައިނަލްގައި ފޯރިގަދަ ކުޅުމަކަށްފަހު ކާމިޔާބުކުރީ މުންތަސިރު އާއި ވިދާދުގެ ޕެއާ އެވެ. އަންހެން ޑަބަލްސް އިވެންޓްގެ ޗެމްޕިއަންކަން އަފީފުއްނިސާ އާއި ފައިނާޒްގެ ޕެއާ ކާމިޔާބުކުރިއިރު، ފިރިހެން ޑަބަލްސް އިވެންޓްގެ ޗެމްޕިއަންކަން ހޯދީ އާދަމް އަދީލް އާއި ޔަމާން އަބްދުލް ޖަލީލުގެ ޕެއާ އެވެ.

މި އަހަރުގެ މުބާރާތުގެ ފިރިހެނުންގެ ޓީމް އިވެންޓްގެ ޗެމްޕިއަންކަން ކަސްޓަމްސް ރެކްރިއޭޝަން ކްލަބު (ސީއާރްސީ) ހޯދިއިރު، އަންހެނުންގެ ޓީމް އިވެންޓްގެ ޗެމްޕިއަންކަން ހޯދީ އެމްޕީއެލް ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބެވެ.