ދުނިޔޭގައި ހިނގާ އެކި އެކި ބޮޑެތި ކަންތައްތައްކާއި ބެހޭގޮތުން މަޝްވަރާކޮށް ހައްލު ހޯދުމަށް އ.ދ. ގައި ބާއްވާ ޢާއްމު ބައްދަލުވުން މިއަދު ފަށާނެއެވެ. މި ބައްދަލުވުމަކީ އ.ދ. ގެ 193 މެމްބަރ ގައުމުގެ ފަރާތުން އ.ދ. އަށް އައްޔަނުކޮށްފައިވާ މަންދޫބުން ތަޅުމުގައި ވާހަކަދައްކައި، ހައްލު ނުލިބިފައިހުރި ކަންތައްތަކަށް ހައްލު ހޯދައިދިނުމަށް މަސައްކަތްކުރާ ބައްދަލުވުމެކެވެ. ކޮވިޑް-19 އާއި ގުޅިގެން، 75 ވަނަ ބައްދަލުވުން ބާއްވަން ޖެހުނީ އޮންލައިން ކޮށެވެ. ނަމަވެސް މި އަހަރުގެ ބައްދަލުވުން ބޭއްވުމަށް ހަމަޖެހިފައިވަނީ އެމެރިކާގެ ނިޔު ޔޯކް ސިޓީގައި ހުންނަ އ.ދ.ގެ އޮފީހުގައެވެ.

މިއަދުގެ ބައްދަލުވުމުގައި ދިވެހިރާއްޖޭގެ ފޮރިން މިނިސްޓަރ، އަބްދުﷲ ޝާހިދު ރަސްމީކޮށް (ޔޫ.އެން.ޖީ.އޭ.) ގެ ރައީސްކަމަށް އައްޔަނުވެގެންދާނެ އެވެ. މި އަހަރުގެ ބައްދަލުވުމުގައި، ކޮވިޑް-19 ގެ ސަބަބުން ދިމާވި ގޮންޖެހުންތަކުން އަރައިގަތުމާއި، ދުނިޔެއަށް ދިމާވެފައިވާ ޤުދުރަތީ ގޮންޖެހުންތަކުން ސަލާމްތްވުމާއި އަދި އިންސާނީ ޙައްޤުތައް އިޙްތިރާމްކުރުން ފަދަ މުހިއްމު މަޢުލޫތަކަށް ސަމާލްކަންދިނުމަށް ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ވަނީ ކަނޑައަޅާފައެވެ.

އަދި މި ބައްދަލުވުމުގައި، ކުރިއަށް އޮތް އަހަރުގެ ބަޖެޓް ފާސްކުރުމާއި އ.ދ.ގެ އެކި ކޮމިޓީތަކާއި ކައުންސިލްތަކަށް މެމްބަރުން އައްޔަނުކުރުން ފަދަ ކަންތައްތައް ވަނީ އެޖެންޑާ ކޮށްފައެވެ. ފާއިތުވެ ދިޔަ އަހަރު، މި ބައްދަލުވުން އޮންލައިންކޮށް ބޭއްވުނު ނަމަވެސް، އ.ދ. އިން ވަނީ އެތައް ބައިވަރު މަސައްކަތްތަކެއް ނިންމާ 300 އަށް ވުރެ ގިނަ ނިންމުންތައް ފާސްކޮށްފައެވެ. މި އަހަރުގެ ބައްދަލުވުމައި ގިނަ ބައެއްގެ ނަޒަރު ހުއްޓިގެންދާނީ އަފްޣާނިސްތާން އަދި މިޔަންމާރގެ މަންދޫބުންނާއި ހަރަކާތްތަކަށް ކަމަށް ވަނީ ރިޕޯޓްތަކުން ބުނެފައެވެ. މި އަހަރުގެ ފެބްރުއަރީ މަހު މިޔަންމާގެ އަސްކަރިއްޔާއިން އެ ގައުމުގެ ވެރިކަން ވައްޓާލައިފައިވާއިރު އަފްޣާނިސްތާނުގެ ބިމުން އެމެރިކާ ފޭބުމާއެކު އެ ގައުމުގައި މިހާރު ވެރިކަން ކުރަމުންދަނީ ޠާލިބާނުންނެވެ.