އިޚުލާސްތެރިކަމާއެކު ﷲ އަށް ވަކީލު ކުރުމަކީ މުއުމިނު އަޅުތަކުންގެ މައްޗަށް ވާޖިބެއް ކަމަށް މިއަދުގެ ހުކުރު ޚުތުބާގައި ބުނެފިއެވެ.
"ހައްގު ގޮތުގައި ﷲ އަށް ވަކީލުކުރުން" މި މައުޟޫއަށް ކުރިއަށްގެންދިޔަ މިއަދުގެ ޚުތުބާގައި ބުނީ، ވަކީލުކުރުން ހައްގުގޮތުގައި ﷲ އަށް ވަކީލު ކުރުމަކީ އިސްލާމް ދީނުގެ ރިވެތި އަހުލާގުގެ ތެރެއިން ހިމެނިގެންވާ މަތިވެރި މާތް ސިފައެއް ކަމަށެވެ.
އެއީ އީމާންކަމުގެ ޝަރުތުތަކުގެ ތެރެއިން ޝަރުތެއްގެ އިތުރުން އީމާންކަން ފުރިހަމަވުމަށްޓަކައި ކޮންމެހެން ލާޒިމު ކަމެއް ކަމަށްވެސް ޚުތުބާގައި ބުނެފައިވެއެވެ. އަދި ވަކީލުކުރުން ހައްގުގޮތުގައި ﷲ އަށް ވަކީލުކުރުމަކީ ސަބަބުތަކުގައި ހިފައި، ﷲ ތަޢާލާ އަށް ބަރޯސާވުން ކަމަށްވެސް ބުންޏެވެ.
އޭގެ އިތުރުން ﷲ އަށް ވަކީލު ކުރުމަކީ ގަދަރު އުފުލިގެންވާ އަމަލެއް ކަމަށާއި ﷲގެ ލޯބިވެވޮޑިގަތުން ހާސިލު ކުރެވޭނޭ މަގެއް ކަމަށްވެސް ޚުތުބާގައި ބުންޏެވެ. އަދި މާތް ﷲ މި ކާއިނާތުގެ ކަންކަން ތަދުބީރު ކުރައްވައި ރާއްވަވައި، ހިންގަވަނީ އެކަލާނގެ ލައްވާފައިވާ ކައުނީ ސުންނަތްތަކާ އެއްގޮތްވާ ގޮތުގެ މަތިންކަންވެސް ޚުތުބާގައި ފާހަގަކޮށްފައިވެއެވެ.
"ކޮންމެ ކަމެއްވެސް ވުމަށްޓަކައި އެކަލާނގެ ލައްވާފައިވާ ދުންޔަވީ ސަބަބުތަކެއްވޭ. އެ ސަބަބުތަކުގައި ހިފުމަކީ މާތް ﷲ އަށް ކިޔަމަންތެރިކަން އަދާކޮށް، އެކަލާނގެއަށް އީމާންވުމުގެ ތެރޭގައި ހިމެނޭ ކަމެއް. އަދި އެ ސަބަބުތަކަކީ ކަމެއް ހާސިލުކުރުމުގައި މުހިންމު ކަމެއް ނޫން ކަމުގައި ދުށުމަކީ ސިކުނޑީގެ އުނިކަމެއް." ޚުތުބާގައި ބުންޏެވެ.
އެއާއެކު ހަމައެކަނި އެ ސަބަބުތަކަށް ބަރޯސާވުމަކީ އިސްލާމީ އަގީދާއާ ފުށުއަރާ ކަމެއް ކަމަށާއި އެހެންކަމުން އިންސާނުންނަށް އޮތީ ސަބަބުތަކުގައި ހިފައި، ﷲ ތަޢާލާ އަށް ބަރޯސާވުން ކަމަށްވެސް ޚުތުބާގައި ބުންޏެވެ.
