މި އަހަރުގެ ޖުލައި މަހުގެ 7 ވަނަ ދުވަހު އަވަހާރަވި، އުތުރު އެމެރިކާ ބައްރުގައި އޮންނަ ގައުމެއް ކަމަށްވާ ހައިޓީގެ ރައީސްއަކަށް ހުންނެވި ޖޮވެނެލް މޮއިޒޭ މަރުގެ ތުހުމަތު އެ ގައުމުގެ ބޮޑު ވަޒީރަށް އަމާޒުވެއްޖެއެވެ. ހައިޓީގެ ޗީފް ޕްރޮސެކިއުޓަރ ބެޑް ފޯރޑް މިދިޔަ އަންގާރަ ދުވަހު ވަނީ ހައިޓީގެ ބޮޑު ވަޒީރު އެރިއެލް ހެންރީގެ ޕާސްޕޯޓް ހިފެހެއްޓެމުގެ އަމުރަކަށް ރައީސް މޮއިޒޭގެ މަރުގެ މައްސަލަ ބަލަމުންދާ ފަނޑިޔާރުގެ އަރިހުގައި އެދިފައެވެ.
ފޯރޑްގެ ތުހުމަތުގައި، ބޮޑުވަޒީރު ހެންރީ ވަނީ ރައީސް މޮއިޒޭ އަވަހާރަކޮށްލުމަށް ހަތިޔާރު ހިފައިގެން ވަން މީހުންނާ ފޯނުން ގުޅާ ވާހަކަ ދައްކާފައެވެ. މައުލޫމާތު ލިބޭ ގޮތުގައި މިދިޔަ ހޮނިހިރު ދުވަހު، ފޯރޑް ވަނީ ބޮޑުވަޒީރުއާއި ބައްދަލުކުރުމަށް އެދި ދަންނަވާ ސިޓީ އެއް ފޮނުވާފައެވެ. އަދި މި ސިޓީގައި ރައީސް މޮއިޒޭ އަވަހާރަކޮށްލިރޭ ބޮޑުވަޒީރު ހެންރީ ހަމަލާދިން ގްރޫޕްއާ ފޯނުން ގުޅާފައިވާ ސަބަބެއް ސާފުކޮށްދިނުމަށް އެދި ދަންނަވާފައިވެސްވެއެވެ.
އެރިއެލް ހެންރީ ހައިޓީގެ ބޮޑު ވަޒީރު ކަމަށް އައްޔަނު ކުރެވިގެން ދިޔައީ ރައީސް މޮއިޒޭ އަވަހާރަކޮށްލިތާ 14 ދުވަސް ފަހުންނެވެ. މި ތުހުމަތުތަކުގެ ބަދަލުގައި ހެންރީ ވިދާޅުވެފައިވަނީ ޕްރޮސެކިއުޓަރ ކުރާ މަސައްކަތްތަކަކީ މަރުގެ އަސްލު ތަހުގީގުގެ މިސްރާބު ބަދަލުކޮށް ވާހަކަ އޮޅުވާލުން ކަމުގައެވެ. އަދި ރައީސް މޮއިޒޭގެ މަރުގެ ފަހަތުގައި ވީ ބަޔަކު އިންސާފުގެ ކުރިމައްޗަށް ގެނެސްދޭންކަމަށް ވައުދުވެ ވަނީ ޓްވީޓްއެއްވެސް ކުރައްވާފައެވެ.
ހައިޓީގެ ސިޔާސީ މަޝްރަޙު ހަލަބޮލިވެ ނާޒުކު ފައްތަރަކަށް ވެއްޓިފައިވާއިރު އެ ގައުމުގެ ރައްޔިތުންދަނީ ގޭންގް މާރާމާރީތައް އިތުރުވާތީ ކަންބޮޑުވުންވެސް ފާޅުކޮށްފައެވެ. އަދި ގިނަ ބަޔަކު ދަނީ ބޮޑު ވަޒީރު ހެންރީ މަގާމުން ވަގުތީގޮތުން އެކަހެރިވެ، ކޯޓަށް ހާޒިރުވެ މައްސަލަ ސާފްކޮށްދިނުމަށް އެދި ގޮވާލާފައެވެ. ބުނެވޭގޮތުގައި ހެންރީގެ ފޯނުން އެރޭ ގުޅާފައިވަނީ ހަމަލާދިން ގްރޫޕްގެ ލީޑަރ ބަޑިއޯ ކިޔާ މީހަކަށް ފަތިހު 4:03 ހާއިރުއެވެ. އަދި މިއީ ބައިޑޯގެ ގުރޫޕް މޮއިޒޭގެ ގެ ކައިރީ ތިބަ ވަގުތު ކަމަށާއި މި ފޯން ކޯލްގައި 7 މިނެޓްވަންދެން ވާހަކަ ދައްކާފައިވާ ކަމަށްވެސް ވެއެވެ.
