ތީރު މީޑިޔާ ޕްރައިވެޓް ލިމިޓެޑްގެ އިސް މަޤާމްތަކަށް މީހުުން އައްޔަން ކުރުން މިއަދު ކުރިއަށް ގެންގޮސްފިއެވެ. މަޤާމްތަކަށް މީހުން އައްޔަށް ކުރެވުނީ މިއަދު ބޭއްވުނު އެ ކުންފުނީގެ ބޯޑު މީޓިންގ ގައެވެ. އެގޮތުން ތީރު މީޑިޔާގެ މެނޭޖިން ޑިރެކްޓަރުގެ މަޤާމަށް އައްޔަން ކުރެވުނީ އެ މީޑިޔާގެ އެއް ފައުންޑަރ މޫސާ ޝިފާޒުއެވެ. ޝިފާޒު އަކީ ގްރެފިކް ޑިޒައިންގެ ދާއިރާއިން ތަމްރީނާއި ހުނަރު ލިބިފައި ހުރި އަދި މީޑީޔާގައި މަސައްކަތް ކުރުމުގެ 15 އަހަރުގެ ތަޖުރިބާ ހުރި ޒުވާނެކެވެ. ތީރުމީޑީޔާގެ ޗީފް އެގްޒެކިއުޓިވް އޮފިސަރއަކަށް އައްޔަން ކުރެވުނީ އެ މީޑިޔާގެ އެއް ފައުންޑަރ އަދި ލައިފްސްޓައިލް ލިޔުންތަކަށް ޚާއްސަ ލިޔުންތެރިޔާ ޚަދީޖާ ޢަލީއެވެ. ޚަދީޖާއަކީ ހޮބީއެއްގެ ގޮތުގައި ވައްޓަފާޅިއާ ގުޅުން ހުރި ލިޔުންތައް އެކި މީޑީޔާތަކަށް ލިޔެ އެކަމުގައި 12 އަހަރުގެ ތަޖުރިބާ ހުރި ފަރާތެކެވެ. މިއަދުގެ ޖަލްސާގައި ތީރު މީޑިޔާގެ ޗީފް ބިޒްނަސް ޑިވެލޮޕްމެންޓް އޮފިސަރ އެއްގެ މަޤާމަށް އައްޔަން ކުރެވުނީ ވިޔަފާރި ޚަބަރުތައް ކަވަރުކުރުމުގައި ރާއްޖޭގައި އެންމެ ފާހަގަ ކުރެވޭ މަސައްކަތްތަކެއް ކޮށް، މީޑީޔާގައި 15 އަހަރަށް ވުރެ ގިނަ ދުވަހުގެ ތަޖުރިބާ ލިބިފައިވާ ރިޒްނާ ޒަރީރެވެ. އަދި ހަމަ މި ޖަލްސާގައި މި މީޑިޔާގެ ޗީފް ޓެކްނޮލޮޖީ އޮފިސަރ އައްޔަންކުރުން ވެސް ކުރިއަށް ގެންދިޔައެވެ. މި މަޤާމަށް އައްޔަންކޮށްފައިވަނީ ތީރު މީޑިޔާގެ ވެޓްސައިޓް ޑިޒައިންކޮށް ޓެކްނިކަލް އެންމެހާ ކަންކަން އެ ފަރާތެއްގެ ބެލުމުގެ ދަށުން ހިނގާ، އެ މީޑިޔާގެ 3 ވަނަ ފައުންޑަރ މެންބަރު މުހައްމަދު އައިމަންއެވެ. މިއަދުގެ މީޓީންގައި ދެން އޮތީ ތީރު މީޑިޔާގެ ހެޑް އޮފް ޕްރޮގްރާމް އަދި ކޮންޓެންޓްގެ މަޤާމަށް މީހަކު އައްޔަން ކުރުމެވެ. މި މަޤާމަށް އައްޔަން ކުރެވުނީ ސަން މީޑިޔާ ގްރޫޕް، އެމްވީ ޓީވީ އަދި ރާއްޖެ ޓީވީ ހިމެނޭހެން މީޑީޔާއާއި ގުޅުން ހުރި ތަފާތު އެކި މަސައްކަތްތަކުގައި 7 އަހަރު މަސައްކަތް ކޮށްފައިވާ ޚަދީޖާ ފާޒްއެވެ.
ތީރު މީޑީޔާގެ ހުރިހާ މަޤާމްތަކަކަށް ވެސް މީހުން އައްޔަނު ކުރެވުނީ ބޯޑު މެމްބަރުންގެ ބޮޑު އަޣްލަބިއްޔަތަކުންނެވެ.
ތީރު މީޑީޔާގެ މަޤާމްތަކަށް މީހުން އައްޔަން ކުރުމަށް ބޭއްވި ބައްދަލުވުމަށްފަހު އެ މީޑިޔާގެ ޗީފް އެގްޒެކިއުޓިވް އޮފިސަރ ހާމަ ކުރި ގޮތުގައި ތީރު މީޑީޔާއަކީ ސިޔާސީ ފަރާތެއްގެ ނުވަތަ ވިޔަފާރިވެރިއެއްގެ ނުފޫޒެއްނެތި އަމިއްލަ ޖީބުން ޚަރަދުކޮށްގެން، ކުޑަ މީޑިޔާއެއްގެ ގޮތުގައި ވުދޫޖުވެ، ކުރުމުއްދަތެއްގެ ތެރޭގައި ކުރި އެރުމުގައި މިސާލު ދައްކާފައިވާ މީޑިޔާއެއް ކަމަށެެވެ.
