ޖައްވީ އުޅަނދުތަކުގައި އިންސާނުން ދަތުރު ކުރަންފެށިތާ 60 އަހަރު ވެފައިވާއިރު، ފުރަތަމަ ފަހަރަށް ޖައްވީ އުޅަނދު ދުއްވާ ޕައިލެޓް ނުވަތަ ފަޅުވެރިއެއް ނުލާ އާއްމުން ގޮވައިގެން ދަތުރު ފަށަން ސްޕޭސް އެކްސް ތައްޔާރުވެއްޖެއެވެ. މަޝްހޫރު ބިލިއަނަރ ޖަރެޑް އައިސަކްމަން އާއި އެކު އެ ދަތުރުގައި ބައިވެރިވާނީ ސްޕޭސް އެކްސް އިން ޖައްވަށް ދިއުމުގެ ފުރުސަތު ދިނުމަށް ބޭއްވި މުބާރާތުން މޮޅުވި ދެ މީހަކާއި އަދި ކެންސަރ ބައްޔާއި ހަނގުރާމަކޮށް ކާމިޔާބު ހޯދި ޞިއްޙީ މަސައްކަތްތެރިއެކެވެ.
މި ދަތުރުގައި ދުނިޔޭގެ ޖައްވުގައި ހުންނަ ބައިނަލްއަޤްވާމީ ޖައްވީ ބަނދަރު ނުވަތަ 'އިންޓަރނޭޝަނަލް ސްޕޭސް ސްޓޭޝަން' އަށް ވުރެ ދުރަށް ދަތުރު ކުރަން ވަނީ ނިންމާފައެވެ. އަދި މިއަދުގެ ވަގުތެއްގައި މި ދަތުރު ނިންމުމަށްފަހު މި އުޅަނދު އެމެރިކާގެ ފްލޮރިޑާ ސިޓީގެ އާއި ދިމާލުން ކަނޑަށް ޖައްސާނެކަމަށް ސްޕޭސް އެކްސް އިން ވަނީ ބުނެފައެވެ.
ގިނަ ބައެއްގެ މެދުގައި މަޤްބޫލްކަން ހޯދަމުން އަންނަ ޖައްވީ ފަތުރުވެރިކަމުގައި މީގެ ކުރިން ދުނިޔޭގެ އެންމެ މުއްސަނދި މީހުންގެ ގޮތުގައި ހިމެނޭ ރިޗަރޑް ބްރޭންސަން އަދި ޖެފް ބެޒޯސްގެ ކުންފުނިތަކުންވެސް ޖައްވަށް މިގޮތަށް ވަނީ ދަތުރުކޮށްފައެވެ. އެހެންނަމަވެސް، މި ދަތުރުތަކުގައި ސަލާމަތީ ގޮތުން ޖައްވުގައި ހަރަކާތްތެރިވުމުގެ ފަންނީ ގާބިލްކަމާއި އިލްމު ލިބިފައިތިބި އެސްޓްރޮނޯޓް އިން ވަނީ ބައިވެރިވެފައެވެ. އަދި މި ދެ ދަތުރުގައި ވެސް ޖައްވަށް މިސްރާބު ޖެހިނަމަވެސް، ސްޕޭސްއެކްސް އިން ދަތުރުކުރަން ނިންމާފައިވާހާ ދުރަށް ދަތުރުކުރެވިފައެއް ނުވެއެވެ.
ސްޕޭސް އެކްސް އަކީ މަޝްހޫރު ޓެސްލާ ކުންފުނީގެ ވެރިޔާ، އީލޮން މަސްކްގެ އުފެއްދުމެކެވެ. އަދި މި ދަތުރުގެ ހުރިހާ ބައިވެރިންނަށްވެސް، އީލޮން މަސްކްވަނީ ދަތުރު ކާމިޔާބު ވާނެކަމުގެ ވަރަށް ބޮޑަށް ޔަޤީންކަން ދީފައެވެ. އަދި އެމެރިކާގެ ނާސާ އިންވެސް ވަނީ މި ދަތުރު ކާމިޔާބު ވާނެކަމަށް އުއްމީދުކުރާކަން ހާމަކޮށްފައެވެ.
