ސެނެގޯލްގެ ފޯވާޑް ސަޑިއޯ މާނޭގެ 100 ވަނަ ގޯލާއެކު ލިވަޕޫލުން 3-0ގެ ތަފާތަކުން ކްރިސްޓަލް ޕެލަސް ބަލިކުރިއިރު، މެންޗެސްޓާ ސިޓީން އަމިއްލަ ދަނޑުގައި ސައުތެމްޓަނާ 0-0 އިން އެއްވަރުވެއްޖެއެވެ.
ރޭގެ ނަތީޖާއާއެކު ލިވަޕޫލުން ވަނީ ކުޅުނު 5 މެޗުން ހޯދީ 13 ޕޮއިންޓާއެކު އެއްވަނައިގައި ތިން ޕޮއިންޓްގެ ލީޑެއްނަގާފައެވެ. މިވަގުތު 10 ޕޮއިންޓާއެކު ދެވަނައިގައި ސިޓީ އޮތްއިރު، ހަމަ މި އަދަދަށް ޕޮއިންޓް ލިބިފައިވާ މެންޗެސްޓާ ޔުނައިޓެޑާއި ޗެލްސީ އެއް މެޗު މަދުން ކުޅެފައިވުމުން ތާވަލްގެ ކުރިއަށްޖެހިލުމުގެ ފުރުޞަތު އެބައޮތެވެ.
އެންފީލްޑްގައި ރޭ ކުޅުނު މި މެޗުގެ ފުރަތަމަ ހާފު ނިމެން ދެ މިނެޓަށްވެފައިވަނިކޮށް ލިވަޕޫލުން ލީޑްނެގީ މާނޭ ކާމިޔާބުކުރި ގޯލުންނެވެ. މާނޭ މި ލަނޑުޖެހީ ޕެނަލްޓީއޭރިޔާތެރެއިން މިސްރުގެ ފޯވާޑް މުހައްމަދު ސަލާހު ބޮލުން ފޮނުވާލި ބޯޅައެއް ޕެލަސްގެ ގޯލްކީޕަރު ވިސެންޓޭ ގުއައިޓާ މަތަކުރުމުން ދެވަނަ ފަހަރަށް އެ ބޯޅަ ގޯލްގެ ތެރެއަށް ފޮނުވާލައިގެންނެވެ. މިއީ ލިވަޕޫލްގެ ޖާޒީގައި މާނޭ ޖަހައިދިން 100 ވަނަ ގޯލެވެ. އަދި މި ގޯލާއެކު މާނޭ ވަނީ ޕްރިމިއާ ލީގުގެ ތާރީޚުގައި ޖެހިޖެހިގެން އެންމެ ގިނަ މެޗުގައި އެއް ޓީމު ކޮޅަށް ލަނޑުޖެހި ކުޅުންތެރިޔާގެ ރެކޯޑް ހަދާފައެވެ. މާނޭ ވަނީ ލީގުގައި އެންމެ ފަހުން ޕެލަސްއާ ދެކޮޅަށް ކުޅުނު ނުވަ މެޗުގައި ލަނޑުޖަހާފައެވެ.
ލިވަޕޫލުން ލީޑްނެގުމުގެ ކުރީން ޕެލަސް އަށް ވަނީ ލަނޑުޖަހާނެ ރަނގަޅު ދެ ފުރުޞަތެއްލިބި ބޭކާރުވެފައެވެ. އެ ޓީމުގެ އައިވަރީ ކޯސްޓް ވިންގާ ވިލްފްރައިޑް ޒަހާ ފޮނުވާލި ބޯޅައެއް ލިވަޕޫލްގެ ކީޕަރު އެލިސަން ބެކާ މަތަކުރިއިރު، ބެލްޖިއަމް ފޯވާޑް ކްރިސްޓިއަން ބެންޓެކޭ ފޮނުވާލި ބޯޅަ އަމާޒުވީ އަރިމަތީދަނޑިއަށެވެ. އޭގެފަހުން، ދެވަނަ ހާފުގައި ޕެލަސްގެ ކީޕަރު ގުއައިޓާ ވަނީ މާނޭ އާއި ސަލާހު ފޮނުވާލި ދެ ހަމަލާއެއް މަތަކޮށްފައެވެ. ޕެލަސް އަށް ނަތީޖާ އެއްވަރުކޮށްދޭން އޮޑްސަން އެޑޮއާޑް އަށް ލިބުނު ފުރުޞަތުގެ ވެސް ބޭނުންހިފޭގޮތެއްނުވިއެވެ.
މި މެޗުގައި ލިވަޕޫލުން ޖެހި ދެވަނަ ލަނޑު، މެޗު ނިމެން 12 މިނެޓަށްވެފައިވަނިކޮށް ސަލާހު ކާމިޔާބުކޮށްދިނީ އެ ޓީމުގެ ނެދަލެންޑްސް ޑިފެންޑަރު ވާޖިލް ވެން ޑައިކް ދިން ބޯޅައަކުންނެވެ. އަދި އޭގެފަހުން، މެޗު ނިމެން މިނެޓަކަށްވެފައިވަނިކޮށް ޕެނަލްޓީއޭރިޔާ ބޭރުން ނަބީ ކެއިޓާ ފޮނުވާލި ހަމަލާއަކުން ވަނީ ލިވަޕޫލްގެ ތިންވަނަ ލަނޑުޖަހައިދީފައެވެ.
ސިޓީގެ އެތިހާދު ސްޓޭޑިއަމްގައި ރޭ ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި އިލްކާއި ގުންޑޮގާން އާއި ރަހީމް ސްޓާލިން އަށް ލިބުނު ފުރުޞަތުތަކުގެ ބޭނުންހިފޭގޮތްނުވިއިރު، ދެވަނަ ހާފުގެ ކުރީކޮޅު ސިޓީގެ ޑިފެންޑަރު ކައިލް ވޯކާ އަށް ރަތް ކާޑު ދެއްކުމަށްފަހު ސައުތެމްޓަނަށް ޕެނަލްޓީއެއް ދޭން ރެފްރީ ނިންމިއެވެ. އެކަމަކު، ފަހުން ވީއޭއާރްގެ އެހީ ހޯދުމަށްފަހު ދެ ނިންމުންވެސް ވަނީ ބަދަލުކޮށްފައެވެ. އަދި އޭގެފަހުން، މެޗުގެ އިތުރުވަގުތުގައި ސްޓާލިން ގޯލެއް ކާމިޔާބުކުރިނަމަވެސް ރެފްރީ ވަނީ އޮފްސައިޑްކަމަށް ނިންމައި އެ ލަނޑު ގަބޫލުނުކޮށްފައެވެ.
މި ފަހަރުގެ ސީޒަން ފެށިއިރު ދަށް ނަތީޖާތަކެއް ނެރުމުގެ ސަބަބުން ހޫނުފެނުގައި އޮތް އާސެނަލުން ވަނީ ރަށުން ބޭރުގައި ބާންލީ އަތުން 1-0 އިން މޮޅުވެފައެވެ. މި މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު، ލިބުނު ހިލޭޖެހުމަކުން ކާމިޔާބުކޮށްދިނީ މާޓިން އޮޑެގާޑް އެވެ. މިއީ ލީގުގައި އެ ޓީމުން ޖެހިޖެހިގެން ހޯދީ ދެވަނަ މޮޅެވެ.
ލީގުގައި ރޭ ކުޅުނު އެހެން މެޗުތަކުގެ ނަތީޖާއަށް ބަލާއިރު، ރަފައެލް ބެނީޓޭޒްގެ އިރުޝާދުގެ ދަށުން މި ސީޒަނުގައި މޮޅު ކުޅުމެއްދައްކަމުން އަންނަ އެވަޓަން ވަނީ އެސްޓަން ވިލާގެ ދަނޑުގައި 3-0 އިން ބަލިވެފައެވެ. މި މެޗުގައި ވިލާ އިން ކާމިޔާބުކުރި ތިން ލަނޑުވެސް ޖެހީ ދެވަނަ ހާފުގައެވެ. އެ ޓީމުގެ ތިން ލަނޑުގެތެރެއިން އެއް ގޯލަކީ އެވަޓަންގެ ފުލްބެކް ލޫކަސް ޑީނިއޭ އަތުން ބައިކޮޅަށް ވަތް ގޯލެކެވެ. އަނެއް ދެ ލަނޑުޖަހައިދިނީ މެޓީ ކޭޝް އާއި ލެއޯން ބެއިލީ އެވެ. ނޯވިޗް ސިޓީގެ ދަނޑުގައި 3-1 އިން ވަޓްފޯޑް މޮޅުވިއިރު، 10 ކުޅުންތެރިންނާއެކު ކުޅެމުންދިޔަ ބްރެންޓްފޯޑުން ވަނީ ވުލްވްސްގެ ދަނޑުގައި 2-0 އިން މޮޅުވެފައެވެ.
