ދިވެހިންގެ ކެމުގައި ރީނދުލަކީ އާންމުކޮށްބޭނުން ކުރެވޭ ބާވަތެކެވެ. އާންމު ގޮތެއްގައި ރީނދޫ ބޭނުން ކުރެވެނީ ކާއެއްޗެހީގެ ކުލަ އާއި ރަހަ ހެޔޮވަރުކޮށްލުމަށެވެ. އެހެން ނަމަވެސް ރީނދުލަކީ ވަރަށްވެސް ފައިދާހުރި އެއްޗެކެވެ. ރީނދުލުން ލިއްބައިދޭ ފައިދާތަކުގެ އެންމެ ބޮޑު ދައުރެއް އަދާކުރަނީ އޭގައި ހިމެނޭ "ކޫކިއުމިން" ނަމަކަށް ކިޔާ މާއްދާއަކުންނެވެ. ނަމަވެސް މި މާއްދާ ލޭގެ ތެރެއަށް ދެމުމުގައި ލަސްކަމެއް ހުރެއެވެ. އެހެން ނަމަވެސް ރީނދުލާއި އެކުގައި އަސޭމިރުސް ބޭނުން ކުރުމުން މި މާއްދާ ލޭގެ ތެރެއަށް ދަމާ މިންވަރު އިންތިހާއަށް އަވަސްކޮށްދެއެވެ.

ރީނދުލުގައި ހުންނަ މި މާއްދާ އަކީ އޭގައި ގިނަ އަދަދަކަށް އެންޓިއޮކްސިޑަންޓު އެކުލެވޭ މާއްދާ އެކެވެ. ހަމަ އެއާއި އެކު އިންފެކްޝަނާއި ދެކޮޅަށް މަސައްކަތް ކުރާ ގިނަ އަދެދެއްގެ މާއްދާތައް ރީނދުލުގައި ހުރެއެވެ. ހަމަ އެއާއި އިންފެކްޝަނަށް މަގުފަހިކުރުވާ ހަތައިތައް ނުވަތަ ޖަރާސީމުތައް މި މާއްދާގެ ސަބަބުން ބަލިކޮށްލާ ހަލާކުކޮށްލައެވެ. ނަތީޖާއަކަށް ވަނީ ހަށިގަނޑުގައި ހުންނަ އިންފެކްޝަންތައް އަވަހަށް ފަސޭހަ ވުމާއި، އަލަށް އިންފެކްޝަނެއް އުފެދުމުގެ ފުރުސަތު ބޮޑުތަނުން ހަނިވުމެވެ. ހަމަ އެއާއި އެކު ކޫކިއުމިންގައި ހިމެނޭ އެންޓިއޮކްސިޑަންޑުގެ ސަބަބުން އެކި ކަހަލަ ވިހަ މަރާލުމުގެ ގާބިލުކަން މިއަށް ލިބިގެން ވެއެވެ. ރީނދުލަކީ ދިވެހި ބޭހުގެ ގޮތުގައި ހަންގަނޑުގައި އުނގުޅާ ހަދާ އެއްޗެކެވެ. މިކަމުގެ ހެއްކަކީ އިސްވެ ދެންނެވުމު ވިހަ އާއި ދެކޮޅަށް މަސައްކަތް ކުރާ މާއްދާގެ ސަބަބުން އެފަދަ ތަންތަން އަވަހަށް ފަސޭހަވެގެން ދިއުމެވެ.

ހުޅުހުޅުގައި ރިއްސުން ފަދަ "ރާއްޖެބަލީގެ" އެކި އެކި ވައްތަރުތަކަށް ރީނދުލުން ފަސޭހަކަމެއް ފޯރައެވެ. އެއީ އިސްވެދެންނެވުނު އިންފެކްޝަނާއި ދެކޮޅަށް މަސައްކަތްކުރާ މާއްދާގެ ނަތީޖާއެވެ. ހުޅުތަކުގެ އެތެރޭގައި އުފެދޭ އިންފެކްޝަންތައް ކުޑަކޮށްދީ އުފެދުން ހުއްޓުވައިދުނުމަށް މި މާއްދާ އެހީތެރިވެދެއެވެ.

ސިކުނޑީގެ ނާރުތަކަކީ ބަލިވެ ދެރަވާ ނާރުތަކެކެވެ. ހަމަ އެއާއި އެކު އައު ނާރުތައް އުފެދެމުން ދާ ދައުރުވަނިވި ހަޔާތެއް ލިބިގެންވާ ނާރުތަކެއްގެ މައްޗަށް އެކުލެވޭ ތަނެކެވެ. އެގޮތަށް ނާރުތައް އުފެދުމުގައި ބީ.ޑީ.އެން.އެފް ނަމަކަށް ކިޔާ ހޯމޯނެއްގެ ދައުރު ވަރަށްބޮޑެވެ. ރީނދުލުގައި ހުންނަ ކޫކިއުމިން އަކީ ބީ.ޑީ.އެން.އެފް ހޯމޯނުގެ ހަރަކާތްތައް އިތުރުކޮށްދީ ވަރުގަދަކޮށްދޭ މާއްދާއެކެވެ. ނަތީޖާއަކީ ސިކުނޑީގެ އެކި އެކި އުނިކަންތަކުން ސަލާމަތް ވުމުގެ ފުރުސަތު ބޮޑުވުމެވެ. އެގޮތުން ހަނދާންނެތޭ ބައްޔާއި ބުއްދި ހަމަނުޖެހޭ ބައްޔާއި ހާސްވުމާއި ނުތަނަވަސްވުން ފަދަ ބަލިތަކަށް ފަރުވާއެއްގެ ގޮތުގައި ރީނދޫ ބޭނުން ކުރެވިދާނެއެވެ.

ހަމަ އެއާއިއެކު ކޫކިއުމިން ގެ ސަބަބުން ލޭހޮޅިތަކުގެ އެތެރޭގެ ދުލިފަށުގެ ދުޅަހެޔޮކަން އިތުރުކޮށްދެއެވެ. ނަތީޖާއަކީ ލޭހޮޅިތަކަށް ޖެހޭ އެކި އެކި ބަލިތަކުން އިންސާނާ ދުރުކޮށްދިނުމަށް އެހީތެރިވުމެވެ. އެފަދަ ބައެއް ބަލިތަކުގެ ތެރޭގައި ލޭހޮޅި ފަޅައިގެން ދިއުމާއި، ލޭހޮޅީގައި ލޭގަނޑުވުމާއި، ލޭހޮޅި ހިމަވުމާއި ފުފިފައި ހުރުން ހިމެނެއެވެ. މިބަލިތަކަކީ ހިތާއި ސިކުނޑީގެ ބަލިތަކަށް މަގުފަހިކޮށްދޭ އެނެމް ބޮޑު އެއް މަގެވެ. އެހެންކަމުން ހިތާއި ސިކުނޑީގެ ބަލިތަކުން ދުރުވެހުރުމަށް ރީނދުލުން އެހީތެރިކަމެއް ހޯދިދާނެއެވެ.

އިސްވެދެންނެވުނު ކަންކަން މި މޭރުމުން ހުރުމުން، ރީނދޫލުން ލިއްބައިދޭ ތަފާތު ފައިދާތަކެއްވާކަން ހާމަވެގެން ހިނގައްޖެއެވެ. އެހެންކަމުން ރީނދުލަކީ ނުކައި ދޫކޮށްލެވެން ނެތްވަރުގެ އެއްޗެކެވެ.