ބޮލީވުޑްގެ އެކްޓަރު އިޝާން ކައްތަރު ފެނިގެންދާ ފިލްމު “ޕިއްޕާ”ގެ ޝޫޓިން ފެށިގެން ބާރު ސްޕީޑުގައި ކުރިއަށްދާ ކަމަށް ރިޕޯޓްތަކުން ބުނެފިއެވެ. މި ފިލްމުގެ ފަސްޓު ލުކްވެސް މިހާރު ވަނީ ބެލުންތެރިންނަށް ދައްކާލާފައެވެ.

ރޯނީ ސްކްރޫވާލާ ޕްރޮޑިއުސްކުރާ “ޕިއްޕާ” ގައި އިޝާން އާއެކު ދެން ފެނިގެންދާނީ މުރްނާލް ތާކުރް އެވެ. މުރްނާލް އަކީ ފިލްމު “ޖާޒީ” ގެ ވެސް ބަތަލާ އެވެ.

މިފިލްމަކީ އިންޑިއާ އާއި ޕާކިސްތާނާ ދެމެދު 1971 ގައި ކުރި ހަނގުރާމައިގައި އަސްކަރިއްޔާގެ 45 ވަނަ ކަވަލްރީ ޓޭންކް ސްކޮޑްރަންގައި މަސައްކަތްކުރި ބްރިގޭޑިއާ ބަލްރާމް ސިންގް މެހެތާގެ ވާހަކަ ކިޔައިދޭ ބައޮގްރަފިކަލް ހަނގުރާމަ ފިލްމެކެވެ.

އެފިލްމު ޑައިރެކްޓް ކުރަނީ 2016 ވަނަ އަހަރު އަކްޝޭ ކުމާރު ލީޑަށް ލައިގެން ނެރުނު ފިލްމު “އެއާލިފްޓް” ގެނެސްދިން ރާޖާ ކްރިޝްނާ މެނަން އެވެ. މި ފިލްމު އާންމުންނާއި ހަމައަށް އަންނާނެ ދުވަހެއް އަދި އިއުލާނުކޮށްފައިއެއްނުވެއެވެ.