މިމަހުގެ 26 ވަނަ ދުވަހު ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާ ކުރީގެ ރައީސް އަލް އުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމުގެ ހާލުކޮޅު ރަނގަޅުވަމުން އަންނަކަމަށް އެމަނިކުފާނު ދަރިކަނބަލުން ޔުމްނާ މައުމޫން ވިދާޅުވެއްޖެއެވެ.

ޔުމްނާ ކުރައްވާފައިވާ ޓްވީޓެއްގައި ވިދާލުވެފައިވަނީ ބައްޕާފުޅު މައުމޫންގެ ހާލުކޮޅު ރަނގަޅުވަމުން އަންނަ ކަމަށާއި މަންމާފުޅު ނަސްރީނާ އިބްރާހިމްގެ ހާލުކޮޅުވެސް ރަނގަޅު ކަމަށެވެ. 

ހެރިޓޭޖް މިނިސްޓަރުކަންވެސް ކުރައްވާ ޔުމްނާ މައުމޫން މިވަގުތު ހުންނެވީ ބައްޕާފުޅު ޕޮޒިޓިވްވުމާ ގުޅިގެން 14 ދުވަހުގެ ހޯމް ކަރަންޓީނުގައެވެ.

ޢުމުރުން 82 އަހަރުފުޅުގެ މައުމޫނަށް ފަރުވާދެމުންދަނީ ދަރުމަވަންތަ ހޮސްޕިޓަލުގައި ކޮވިޑުގެ ބަލި މީހުންނަށް ޚާއްސަކޮށްފައިވާ ފަންގިފިލާގައެވެ.