މިމަހުގެ 6 ވަނަ ދުވަހުގެ ދަންވަރު، ޖަލްބޫއު ޖަލުން ފިލި ހަ ގައިދީންގެ ތެރެއިން މިހާތަނަށް އަތުލައިގަތް ހަތަރު ގައިދީން ހައްޔަރުކުރުމަށް ފަހު، އެމީހުންނަށް ޖިސްމާނީ ބޮޑެތި އަނިޔާތަކެއް އިޒްރޭލު ފުލުހުން ދީފައިވާ ކަމަށް، އެމީހުންގެ ގާނޫނީ ވަކީލުން ބުނެފި އެވެ.

އޭގެ ތެރެއިން އިޒްރޭލު ފުލުހުން އެންމެ ބޮޑަށް އަނިޔާކޮށްފައިވަނީ ހަމާސް ޖަމާއަތުގެ ގައްސާމް ބްރިގޭޑްގެ ކުރީގެ ކޮމާންޑަރެއް ކަމަށްވާ ޒަކަރިއްޔާ ޒުބައިދީ އަށް ކަމަށް ރިޕޯޓުތައް ބުނެއެވެ.

ފަލަސްތީނުގެ މިނިވަންކަމަށް މަސައްކަތް ކުރާ ޕެލަސްޓައިން ލިބަރޭޝަން އޯގަނައިޒޭޝަން (ޕީ.އެލް އޯ)ގެ، ގައިދީންނާ ބެހޭ އިދާރާ އިން ބުނި ގޮތުގައި އިޒްރޭލު ފުލުހުން ޒަކަރިއްޔާ ޒުބައިދީ ހައްޔަރުކުރުމުގެ ތެރޭގައި އޭނާގެ ހަށިގަނޑުގެ އެތަންމިތަނުގައި ތަޅައި ވަރަށް ބޮޑަށް އަނިޔާކުރި އެވެ. އެ އަނިޔާތަކުގެ ސަބަބުން އޭނާގެ ކޯ ކަށިގަނޑަކާއި މޭކަށިތަކުން ވެސް ބައެއް ކަށިތައް ވަނީ ބިނދިފަ އެވެ.

ގާނޫނީ ވަކީލާއި ހަވާލާދީ، ގައިދީންނާ ބެހޭ އިދާރާ އިން ބުނި ގޮތުގައި، ޒުބައިދީ މިހާރު ވަނީ ހޮސްޕިޓަލަކަށް ގެންގޮސް ޑޮކްޓަރަށް ދައްކައިފަ އެވެ. އަދި ޑޮކްޓަރު ބަލައި އެކްސްރޭ ނެގި އިރު، ކަށިތަކެއް ބިނދިފައި ހުރިކަން އެނގުނު ނަމަވެސް ތަދުކަނޑުވާ ބޭހެއް ދިނުން ފިޔަވައި އިތުރު ފަރުވާއެއް ނުދޭ ކަމަށް، ގާނޫނީ ވަކީލާއި ހަވާލާދީ އެ އިދާރާ އިން ވަނީ ބުނެފައެވެ.

ޒުބައިދީގެ ހަށިގަނޑުގެ އެކި ތަންތަން ނޫފައިގެންފައި ހުރުމުގެ އިތުރުން ބައެއް ތަންތަން ވަރަށް ބޮޑަށް ދުޅަވެ އަދި ޒަހަމްވެފައިވެސް ހުރި ކަމަށް އެ އިދާރާ ގެ ރިޕޯޓުގައި ވެއެވެ.

އިޒްރޭލުގެ ދެކުނުގައި ހުންނަ ޖަލްބޫއު ޖަލުން ފިލި ހަ ގައިދީންގެ ތެރެއިން މިހާތަނަށް ހައްޔަރު ނުކުރެވޭ ދެ މީހުން އަދި އެބަތިއްބެވެ. މި ގައިދީން ފިލުން ވެގެން ދިޔައީ މުޅި ދުނިޔޭގެ ކުރިމަތީގައި އިޒްރޭލު ލަދުގަންނުވާލި ކަމަކަށެވެ.