އިންސާނާ ބޭނުން ކޮންމެ ތަނެއްގައި އޭނާއަށް ކިނބިހި އެޅިދާނެއެވެ. އެކަމުގާ އަހުލާގީގޮތުން ހުތުރުކަމެއް ނެތެވެ. ނަމަވެސް ބޭނުން ކޮންމެ ތަނަކަށް ބޭނުން ވަގުތަކު ކުޑަކަމުދިއުމަކީ އިންސާނެއްނަމަ ކުރާނޭ ކަމެއް ނޫނެވެ. އެއީ އިންސާނާގެ އަދަބާއި އަހުލާގުން ބޭރު ކަމެކެވެ. އެސަބަބަށްޓަކައި އިންސާނާ ކުޑަކަމު ނުގޮސް ހިފަހައްޓަން ޖެހޭ ހާލަތްތަކެއް މެދުވެރިވެއެވެ. މިކަމުގައި ވިސްނަން ޖެހޭ ކަންތައްތަކެއް އެބަހުއްޓެވެ. މިކަންކަމާ ވިސްނާލަނީ ކިތައް ކިތައް މީހުންތޯއެވެ.
ކުޑަކަމު ދަވައިގަތުމުން އިރުކޮޅަކަށް ހިފަހައްޓާލުމަކީ އާންމުކަމެކެވެ. އަދި އެއީ އާދައިގެވެސް ކަމެކެވެ. ނަމަވެސް މާގިނައިރު ހިފަހައްޓައިގެން ހުރުމަކީ ހަގީގަތުގައި ވަރަށް ނުރައްކާތެރި ކަމެކެވެ. އެކަމުގެ ސަބަބުން ކުރުމުއްދަތުގައި ލިބޭ ގެއްލުން ތަކާއި ދުރުމުސްތަގުބަލުގައި ދިމާވާ ސިއްހީ މައްސަލަތައް ހުރެއެވެ.
މަސާނާއަށް ކުޑަކަމުދާތަކެތި އެޅި މަސާނާގެ މަސްތަކަށް ވާންވުމުން ކުޑަކަމުދަވައެވެ. މިގޮތަށް ކުޑަކަމު ދެވުމުން ހިފަހައްޓާނަމަ އޭގެ މާނައަކީ މަސާނާގައި ހުންނަ ކުޑަކަމުދާތަކެތީގެ މިންވަރު ގިނަ އިރުތަކެއް ވަންދެން މަސާނާގައި ހުންނާނެއެވެ. މިކަމުގެ ނަތީޖާއަކަށް ވެގެން ދަނީ ކުޑަކަމުދާތަކެތީގައި ޖަރާސީމު އަށަގަނެ، ކުޑަކަމުދާ ތަކެއްޗާއި އެ ނިޒާމުގައި ޖަރާސީމު އަށަގަތުމެވެ. މިކަމުގެ ސަބަބުން ކުޑަކަމުދާން އުނދަގޫވުމާއި ކުޑަކަމުދާއިރު ދިލަނެގުމާއި މަސާނާގައި ހިލަ އުފެދުން ފަދަ ނުރައްކާތެރި ކަންކަމާއި ކުރިމަތިލާން ޖެހެއެވެ.
މީގެ އިތުރުން ކުޑަކަމު ދަވައިގަނެ، ހިފަހައްޓައިގެން ހުންނަ ނަމަ މަސާނާގައި ކުޑަކަމުދާތަކެތި ހުންނަ މިންވަރު ދާނީ ކޮންމެ މިނެޓަކުން އިތުރުވަމުންނެވެ. ކަން މިހެން ދިމާވާނަމަ މަސާނާގެ މަސްތަކަށް ވާންޖެހި، ވާން ބޮޑުވާނެއެވެ. މިގޮތަށް މަސާނާގެ މަސްތަކަށް ވާންބޮޑުކޮށް ގިނަ ވަގުތު ހުންނަނަމަ މަސާނާގެ މަސްތަކުގެ ވާންކަން ކެނޑޭނެއެވެ. އެކަމުގެ ސަބަބުން ބޭ އިޚްތިޔާރުގައި ކުޑަކަމުދެވުމާއި މަސާނާ ސާފުނުވުމާއި، އަވަސް އަވަހަށް ކުޑަކަމުދެވުމާއި ކުޑަކަމު ދިއުމުގެ ހިއްސު ކުޑަވުން ފަދަ ކަންކަން ދިމާވެދާނެއެވެ.
އިސްވެ ދެންނެވު ކަންކަން އެމޭރުމުން ތަރުތީބު ވެފައި ހުރުމުން، ކުޑަކަމު ދަވައިގަނެ، ކުޑަކަމު ނުގޮސް ގިނައިރު ހިފެހެއްޓުން ރަނަގަޅެއް ނޫނެވެ. ކުރިން ދެންނެވިހެން ކުޑަ ވަގުތުކޮޅަކަށް އެކަން އެހެން ކުރުމަކުން ގޯހެއް ނެތެވެ. ނަމަވެސް ގިނަ ވަގުތަށް، ގިނަ އިރު ހިފެހެއްޓުން ރަނގަޅެއް ނުވާނެއެވެ. އެކަން އެގޮތަށް ކުރެވޭ މީހެއްނަމަ އެކަމަށް ސަމާލުކަން ދޭށެވެ. ކަމުގެ ގޮތުން އާދައިގެ ކަމަކަށް ވީނަމަވެސް، ހަގީގަތުގައި މިއީ ކުޑަ ނުވަތަ އާދައިގެ ކަމެއް ނޫނެވެ.
