އިޓާލިއަން ސެރިއޭގައި ރޭ އަމިއްލަ ދަނޑުގައި ބޮލޯނިއާގެ މައްޗަށް 6-1 ގެ ތަފާތު ބޮޑު ނަތީޖާއަކުން މޮޅުވެ އިންޓަ މިލާނުން ތާވަލްގެ ކުރިއަށް ޖެހިލައިފިއެވެ.

މިއީ އައު ކޯޗު ސިމޯނީ އިންޒީގާގެ އިރުޝާދުގެ ދަށުން ލީގުގައި އެ ޓީމުން ބަލިނުވެ ނިންމާލި ހަތަރުވަނަ މެޗެވެ. މިހާތަނަށްއައިއިރު ލީގުގައި 16 ލަނޑުޖަހާފައިވާއިރު، މިއީ 61-1960 ވަނަ އަހަރުގެ ސީޒަނުގެ ފަހުން އެ ޓީމުން މިހާ ގިނަ އަދަދަކަށް ލަނޑުޖެހި ފުރަތަމަ ފަހަރެވެ.

ރޭގެ މެޗާއެކު އިންޓަ އަށް ވަނީ ކުޅުނު ހަތަރު މެޗުން 10 ޕޮއިންޓް ލިބިފައެވެ. ދެވަނައިގައި އޮތް އޭއެސް ރޯމާގެ އިތުރުން ތިންވަނައިގައި އޮތް އޭސީ މިލާނާއި ހަތަރުވަނައިގައި އޮތް ނަޕޯލީ އަށް އެއް މެޗު މަދުން ކުޅެގެން ލިބިފައިވަނީ 9 ޕޮއިންޓެވެ.

އިންޓަގެ ސެން ސީރޯގައި ރޭ ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި އެ ޓީމުން ވަނީ ތިން ލަނޑުޖަހާފައެވެ. މި މެޗު ފެށިތާ ހަ މިނެޓުގެ ތެރޭގައި އެ ޓީމުން ލީޑްނެގީ ލޮޓާރޯ މާޓިނޭޒް ކާމިޔާބުކުރި ގޯލުންނެވެ. މިއީ މި ފަހަރުގެ ސީޒަނަށް އެ ޓީމަށް ގެނައި ފުލްބެކް ޑެންޒެލް ޑަމްފްރީޒްގެ ހުރަހަކުން މާޓިނޭޒް ކާމިޔާބުކުރި ގޯލެކެވެ.

އޭގެފަހުން، މެޗުގެ 30 ވަނަ މިނެޓުގައި ސްލޮވާކިއާގެ ޑިފެންޑަރު މިލާން ސްކްރިނިއާރް ވަނީ އިންޓަގެ ދެވަނަ ލަނޑުޖަހައިދީފައެވެ. ސްކްރިނިއާރް މި ލަނޑުޖެހީ ފެޑެރީކޯ ޑިމާކޯގެ ކޯނަރަކުން ލިބުނު ބޯޅައެއް ބޮލުން ގޯލްގެ ތެރެއަށް ފޮނުވާލައިގެންނެވެ. އަދި އޭގެ ހަތަރު މިނެޓުފަހުން، އިޓަލީގެ އުއްމީދީ މިޑްފީލްޑަރު ނިކޯލޯ ބަރެއްލާ ކާމިޔާބުކުރި ގޯލާއެކު އިންޓަ އިން ފުރަތަމަ ހާފު ނިންމާލީ 3-0 އިން ކުރީގައިއޮވެގެންނެވެ.

ދެވަނަ ހާފުގެ ކުޅުން ފެށިގެން ނުވަވަނަ މިނެޓުގައި މަޓިއަސް ވެސީނޯ ކާމިޔާބުކުރި ގޯލުން ހަތަރު ލަނޑުގެ ލީޑެއްނެގިއިރު، ބޮސްނިއާ އެންޑް ހާޒެގޮވީނާގެ ފޯވާޑް އެޑިން ޖެކޯ ވަނީ ހަ މިނެޓުގެ ތެރޭގައި ދެލަނޑުޖަހައިދީ އެ ޓީމަށް ފަރަގު ބޮޑުކޮށްދީފައެވެ. މި މެޗުގައި ބޮލޯނިއާ އިން ކާމިޔާބުކުރި ހަމައެކަނި ލަނޑު، މެޗު ނިމެން ހަތަރު މިނެޓަށްވެފައިވަނިކޮށް ޖަހައިދިނީ އާތަރ ތީޓޭ އެވެ.

ލީގުގައި ރޭ ކުޅުނު އެހެން މެޗުތަކުގެ ނަތީޖާއަށް ބަލާއިރު، ޖެނޯއާގެ ދަނޑުގައި 2-1 އިން ފިއޮރެންޓީނާ މޮޅުވިއިރު ސަލާނިޓާނާ އަތުން އެޓަލާންޓާ މޮޅުވީ 1-0 އިންނެވެ.