ޗިކެން ނަގެޓްސް އަކީ ވަރަށް ގިނަ ކުޑަކުދިންނާއި ބޮޑެތި މީހުންގެ މެދުގައިވެސް ވަރަށް މަޤްބޫލު ކަމެއް ލިބިފައިވާ ކުކުޅު ބޭނުންކޮށްގެން ތައްޔާރުކުރެވޭ ފާސްޓްފުޑްގެ ބާވަތެކެވެ. ޗިކެންނަގެޓްސް އޭ ބުނުމުން އެއީ ކޮންއެއްޗެއްކަން ނޭގޭ މީހަކު މަދުވާނެއެވެ. ނަމަވެސް 3D ޗިކެން ނަގެޓްސް އުފެއްދިދާނެކަން އެއީ ގިނަމީހުންނަށް ގަބޫލުކުރެވޭނެ ކަމެއްނޫނެވެ. އަދި 3D ކޮށް އެކިބާވަތުގެ ތަކެތި ޕްރިންޓްކުރި ކަމުގައިވިޔަސް މިކަހަލަ ހަރު ކާއެއްޗެއް ޕްރިންޓްކުރެވިދާނެ ކަމަށް ޤަބޫލުކުރަން ދައްޗެވެ. ނަމަވެސް ދުނިޔޭގެ ނަން މަޝްހޫރު ފާސްޓްފުޑް ޗެއިން ކަމަށްވާ ކޭ.އެފް.ސީ އިން އަންނަނީ 3D ޗިކެން ނަގެޓްސް ޕްރިންޓްކުރެވޭ ޕްރިންޓަރ އެއް ތައްޔާރުކޮށް ޓެސްޓް ކުރަމުންނެވެ.
ކޭ.އެފް.ސީ އިން ބުނާގޮތުގައި އެމީހުން މިފަދަ ކަމަކަށް ތައްޔާރުވީ ވަރަށް ގިނަ ރިސާރޗް ހެދުމަށްފަހު ތިމާވެއްޓާއި ރައްޓެހި އުސޫލެއްގެ ދަށުން ކުރެވޭކަމަކަށް ވާތީ ކަމުގައެވެ. ބައެއް ވިޔަފާރިތަކުން ގަސްހެއްދުމާއިބެހޭ ތަފާތު ތަކެތި 3Dކޮށް ޕްރިންޓްކުރަމުން އަންނައިރު ކޭ.އެފް.ސީ އިން ދަނީ 3D ޗިކެން ނަގެޓްސް އުފެއްދުމުގެ މަސައްކަތްކުރަމުންނެވެ. އެހެންކަމުން ކޭ.އެފް.ސީ އަކީ ފާސްޓްފުޑް ވިޔަފާރި ތެރެއިން އެންމެ ފުރަތަމަ ލެބޯރޓަރީގައި ޗިކެން ނަގެޓްސް އުފައްދާ ބަޔަކަށްވާނެއެވެ. މިގޮތަށް ނަގެޓްސް އުފެއްދުމަށްޓަކައި ކޭ.އެފް.ސީ އިން ބޭނުންކުރާނީ ބައޯޕްރިންޓިންގ ޓެކްނިކެވެ. މާނައަކީ ނަގެޓްސް ތައްޔާރުކުރެވޭނީ ކުކުޅާއެކު ބައެއް ފަތްޕިލާވެލީގެ ބާވަތް ހިމަނައިގެން ލެބޯރޓަރީއެއްގައެވެ. މިދެންނެވުނު ބައޯޕްރިންޓިންގ އަކީވެސް 3D ޕްރިންޓިންގ ގައި ބޭނުންކުރާ ޓެކްނިކެކެވެ. ކޭ.އެފް.ސީ އިން ބުނާގޮތުގައި އަލަށް ތަޢާރަފްކުރަން ތައްޔާރުވަމުން އަންނަ 3D ޗިކެން ނަގެޓްސްއަކީ އާންމުކޮށް ކޭ.އެފް.ސީ އިން ލިބެންހުންނަ އާދައިގެ ނަގެޓްސްއާއި ހުރިހާގޮތަކުންވެސް އެއްގޮތް ބަލާބެލުމަށްވެސް އަދި ރަހަވެސް އާދައިގެ ނަގެޓްއެކޭ އެއްވެސް ތަފާތެއް ނުހުންނަ ނަގެޓްސްއެކެވެ. އެހެންކަމުން މި 3D ޗިކެން ނަގެޓްސް ކާމިޔާބުކަމާއެކު އުފެއްދިއްޖެނަމަ ކޭ.އެފް.ސީގެ ހުރިހާ ބާވަތެއް 3Dކޮށް ތައްޔާރުކުރަން ފެށުމަކީ އެކަށީގެންވާ ކަމެކެވެ.
ކޭ.އެފް.ސީ ސައިންޓިސްޓުން ބުނާގޮތުގައި އެމީހުންގެ އުންމީދަކީ 2020ވަނަ އަހަރު ނިމުމުގެ ކުރިން މިއުފެއްދުން ޓެސްޓްކޮށް ނިންމާ މާރކެޓަށް ނެރުމެވެ. އަދި ފުރަތަމަ ރަޝިޔާގައި މިއުފެއްދުން ތަޢާރަފްކޮށް ކާމިޔާބުވެއްޖެނަމަ މުޅިދުނިޔޭގެ ހުރިހާ އައުޓްލެޓްތަކަށް މިއުފެއްދުން ތަޢާރަފް ކުރުމެވެ.
