ހަށިގަނޑުގެ ބައެއް ތަންތަނަށް ތަދުވުމަކީ އާދައިގެ ކަމަށް ވެދާނެއެވެ. ނަމަވެސް ދޭތެރެ ދޭތެރެއިން މެއަށް ތަދުވާނަމަ އެއީ ކޮންމެވެސް ބިރުވެރި ކަމެއްގެ އިންޒާރަކަށް ވެދާނެއެވެ. އާދެ! އެންޖައިނާ ޕެކްޓޯރިސް އެވެ. މިއީ ހިތުގެ ބައްޔެކެވެ. ނުވަތަ ހިތުގެ ބޮޑު ބައްޔެއްގެ އިންޒާރެކެވެ.
މިއީ ވަގުތުކޮޅަށް މެއަށް ތަދުވެފައި ހުންނަ ބައްޔެކެވެ. އިރުކޮޅެއް ތެރޭ އެތަދު ފިލައިގެން ހިނގައިދާނެއެވެ. އަނެއްކާ ދުވަސްކޮޅެއް ފަހުން ހަމަ އެގޮތަށް މެއަށް ތަދުވެދާނެއެވެ. އަނެއްކާވެސް ހިނގައިދާނެއެވެ. މިއީ ވައިގެ ސަބަބުން ވާ އުނަދަގުލަކަށްވެސް ވެދާނެއެވެ. އެހެން ނަމަވެސް މިއީ ހިތުގެ ބައްޔަކަށްވުން ވެސް ވަރަށް ގާތެވެ. ނުވަތަ ދޭ ނުރައްކަލުގެ އިންޒާރަކަށް ވެދާނެއެވެ.
އެންޖައިނާ ޕެކްޓޯރިސް އަކީ ހިތުގެ މަސްތަކަށް ލޭފޮނުވައިދޭ ކުދި ކުދި ލޭހޮޅިތަކުން ލޭ ހޮޅިއެއް ނުވަތަ އެއަށް ވުރެ ގިނަ ލޭހޮޅި ބެދިފައި ހުރުމުން ދިމައިވާ ކަމެކެވެ. މި ކުދި ކުދި ލޭހޮޅިތަކަށް ކޮރޯނަރީ އާޓަރީސްއޭ ކިޔައެވެ. މި ލޭހޮޅިތަކުން ލޭހޮޅިއެއް ނުވަތަ ދެތިން ލޭހޮޅި ބެދުމުގެ ސަބަބުން ހިތުގެ މަސްތަކަށް ބޭނުންވާ މިންވަރަށް އޮކްސިޖަން ލިބުމުގައި ދަތިތަކެއް ދިމައިވެއެވެ. މެއަށްވާ މި ތަދަކީ ހިތުގެ މަސްތަކަށް ބޭނުންވާ މިންވަރަށް އޮކްސިޖަން ނުލިބުމުން ވާ ތަދެކެވެ. ކުޑަވަގުތުކޮޅަކުން އެ ތަދު ފިލަނީ، އެކަން ހަމައަކަށް އެޅުނީމައެވެ.
އެންޖައިނާ ޕެކްޓޯރިސް ގެ އަލާމާތްތައް އެކި މީހުންގެ ތަފާތުވެދާނެއެވެ. އެހެންނަމަވެސް އާންމު ބައެއް އަލާމާތްތަކުގެ ވާހަކަ ހިއްސާކޮށްލާނަމެވެ. އެގޮތުން ކުއްލި ގޮތަކަށް ނިކަން ތޫނު ތަދެއް މެއަށް ވެދާނެއެވެ. ހަމަ އެއާއި އެކު މެއަށް ވެފައި ހުންނަ ތަދު، ކަނދުރާއަށާއި ކޮނޑަށާއި މޫނުމަތީގައިވެސް ހުރެފާނެއެވެ. މީގެ އިތުރުން ވާތް ފަޅީގެ ހިއްސު ކުޑަވުމާއި އައްސިކަން އިހުސާސް ކުރެވިދާނެއެވެ. ބޯއެނބުރުމާއި ނޭވައި ކުރުވުމާއި، ހާސްވެ ނުތަނަވަސް ވުމާއި ކުއްލިއަކަށް ވަރުބަލިވުމާއި މޭނުބައިކުރުމަކީވެސް މިކަމުގެ އަލާމާތްތަކުގެ ތެރޭގައި ބަލާ ކަންކަމެވެ.
އިސްވެ ދެންނެވުނުފަދައިން މިއީ ބައްޔެކެވެ. ނުވަތަ ބޮޑު ބައްޔެއްގެ އިންޒާރެކެވެ. ހަގީގަތުގައި މިއީ ބައްޔެކެވެ. ފަރުވާ ނުކުރެވި ނުވަތަ އަޅާނުލެވި ހުރެއްޖެ ނަމަ، ހިތުގެ މަސްތަކަށް ބޭނުންވާ އޮކްސިޖަން ނުލިބި ހިތް ހުއްޓޭގޮތް ވެދާނެއެވެ. ނުވަތަ އިތުރު ނާރުތަކެއް ބެދޭގޮތްވެސް ވެދާނެއެވެ. އެހެންކަމުން މިފަދަ ކަމެއް ތަކުރާރުވާނަމަ ލަސްނުކޮށް ސިއްހީ އެހީތެރިއެއްގެ ލަފާހޯދަން ވާނެއެވެ. ޓެސްޓުތައް ހަދާ ކަމެއް ގޯސްކޮށް އުޅޭތޯބަލަން ވާނެއެވެ.
