އަފްޣާނިސްތާނުގެ ސާނަވީ ސުކޫލުތައް ހުޅުވައި ކިޔަވައިދޭން ފަށާފައިވާ އިރު، އަންހެން ދަރިވަރުންނަށް ކިޔެވުމުގެ ފުރުސަތު އަދި ހުޅުވާލައިފައި ނުވާތީ ދަރިވަރުން ކަންބޮޑުވުން ފާޅު ކުރަން ފަށައިފިއެވެ.
އެ ދަރިވަރުންގެ މުސްތަގްބަލާ މެދު ކަންބޮޑުވާ ކަމަށް ބުނެ އަފްޣާނިސްތާނުގެ އަންހެން ދަރިވަރުން ކަންބޮޑުވުން ފާޅު ކޮށްފައިވަނީ ސާނަވީ ސުކޫލުތަކަށް ކިޔަވަން ދެވޭނީ ހަމަ އެކަނި ފިރިހެން ދަރިވަރުންނަށާއި ކިޔަވައިދޭން ދެވޭނީ ފިރިހެން ޓީޗަރުންނަށް ކަމަށް ތާލިބާނުން ބުނުމުންނެވެ.
އަންހެން ދަރިވަރުންގެ މި ކަންބޮޑުވުންތައް ފާޅުކޮށްފައިވަނިކޮށް ތާލިބާން ޖަމާއަތުގެ ތަރުޖަމާނު ވިދާޅުވީ ވަރަށް އަވަހަށް އަންހެން ދަރިވަރުންނަށް ސުކޫލު ހުޅުވާލަން މަޝްވަރާ ކުރެވެމުންދާ ކަމަށެވެ.
އޮގަސްޓު މަހުގެ 15 ވަނަ ދުވަހު ތާލިބާނުން އަފްޣާނިސްތާނުގެ ވެރިކަމާއި ހަވާލުވުމާއެކު އެ ޖަމާއަތުން ވަނީ އަފްޣާނިސްތާނުގެ އަންހެން ކުދިންނަށް ތައުލީމް ހާސިލް ކުރުމަށާއި، ވަަޒީފާ އަދާކުރުމަށް ހުރަސް ނާޅާނެ ކަމަށް ބުނެފައެވެ. އެ ޖަމާއަތުން ބުނީ އަންހެން ދަރިވަރުންނަށް ނިވައިވާނެ ފަދަ ހެދުން ލައިގެން ޔުނިވާސިޓީތަކަށް ގޮސް ކިޔެވުމުގެ ފުރުސަތުވެސް އޮންނާނެކަމަށެވެ. ނަމަވެސް އަދި އެފަދަ ފެހި ސިގުނަލެއް ލިބިފައެއް ނެތެވެ.
