ދުނިޔޭގެ އެންމެ ބޮޑު ގަސް ކަމަށް ބުނެވޭ ގަސް، އަލިފާނުން ސަލާމަތް ކުރުމަށްޓަކައި، އެގަހުގެ ވަށައިގެން އަލިފާން ނުހިފާ ކަރުދާހެއް އޮޅައިފިއެވެ.

އެމެރިކާގެ ކެލިފޯނިއާގެ ސުކޯޔާ ނޭޝަނަލް ޕާކްގައި ހުރި މި ގަހަށް ދީފައިވާ ނަމަކީ "ޖެނެރަލް ޝާރމަން" އެވެ.

މިދުވަސްވަރަކީ ކެލިފޯނިއާ ހިމެނޭގޮތުން އެމެރިކާގެ ހުޅަނގު ބިތްތަކަށް ހަނަފަސް ދުވަސްވަރެކެވެ. ހަމަ އެއާއެކު މިއަހަރު ފެށުނީއްސުރެ ބައެއް ޖަންގަލިތަކުގައި އަލިފާން ރޯވެފައިވެއެވެ.

މިއަހަރުގެ މިހާތަނަށް އެތައް މިލިއަން އޭކަރެއްގެ ޖަންގަލިތައް އަނދާފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.

"ޖެނެރަލް ޝާރމަން" ހުރި ޕާކަކީ، ދުނިޔޭގައި ހުރިކަމަށް ގަބޫލުކުރެވިފައިވާ އެންމެ ބޮޑެތި ގަސްތަކުގެ ތެރެއިން 5 ގަސް ހުރި ޕާކެވެ.

ސުކޯޔާ ނޭޝަނަލް ޕާކްގައި ހުރި ގަސްތަތަކީ ދުނިޔޭގެ އެންމެ އުސް ގަސްތަކެއް ނޫނެވެ. ދުނިޔޭގެ އެންމެ ބިޔަގަހުގެ ގޮތުގައި އެ ގަސްތައް ގުނަނީ ގަސް ހެދިފައި ހުންނަ ފަލަމިނަށް ބަލައިގެންނެވެ.

މި ގަސްތައް ބަލާލަން ދުނިޔޭގެ އެކި ކަންކޮޅުތަކުން އަހަރެއްގެ މައްޗަށް އެތައްހާސް ފަތުރުވެރިން ޒިޔާރަތްކުރެއެވެ.

ފަޔަރ ފައިޓަރުން ތަފާތު ގޮތްތައް ބޭނުންކޮށްގެން މި ގަސްތައް އަލިފާނުން ސަލާމަތް ކުރުމުގެ މަސައްކަތް ފެށީ، ޖަންގަލިތަކުގައި ރޯވެފައިވާ ދެ އަލިފާންގަނޑެއް، މިދިޔަ ބުރާސްފަތި ދުވަހުން ފެށިގެން އެ ގަސްތައް ހުރި ދިމާއަށް އަންނަން ފެށުމުންނެވެ.

މިގޮތަށް އަމަލުކޮށްގެން ސުކޯޔާގެ ގަސްތައް ސަލާމަތް ކުރެވޭނެ ކަމަށް އެކަމުގައި ހަރަކާތްތެރިވާ ޓީމުން ދެކިލައްވައެވެ.