ސްޕެނިޝް ލީގުގައި ރޭ ރަށުން ބޭރުގައި ވެލެންސިއާ ކޮޅަށް ފަހުވަގުތު ވައްދާލި ދެލަނޑާއެކު ރެއާލް މެޑްރިޑުން ތާވަލްގެ އެއްވަނަ އަށް ޖެހިލައިފިއެވެ. މި މެޗުން ރެެއާލް މޮޅުވީ 2-1 އިންނެވެ.

މިއީ ރެއާލްގެ އައު ކޯޗު ކާލޯ އަންޗެލޮޓީގެ އިރުޝާދުގެ ދަށުން މި ސީޒަނުގައި އެ ޓީމު ކުޅުނު ހަވަނަ މެޗެވެ. މި ފަހަރުގެ ސީޒަނުގައި އެ ޓީމު މިހާތަނަށް ކުޅުނު އެއްވެސް މެޗަކުން ބަލިވެފައެއްނުވެއެވެ.

ރޭގެ ނަތީޖާއާއެކު ރެއާލަށް ކުޅުނު ފަސް މެޗުން 13 ޕޮއިންޓް ލިބިފައިވާއިރު، އޭގެ ދެ ޕޮއިންޓް ފަހަތުން ދެވަނައިގައި އޮތީ އެތުލެޓިކޯ މެޑްރިޑެވެ. ތިންވަނައިގައި 10 ޕޮއިންޓާއެކު ވެލެންސިއާ އޮތްއިރު، ހަތަރުވަނައިގައި އޮތް ރެއާލް ސޮސިއެޑާޑަށް ވެސް މިއަދަދަށް ޕޮއިންޓް ލިބިފައިވެއެވެ. ވެލެންސިއާ އަށް ކުރިލިބެނީ ގޯލްގެ ތަފާތުންނެވެ.

ވެލެންސިއާގެ ދަނޑުގައި ރޭ ކުޅުނު މި މެޗުގައި ޖެހި ހުރިހާ ލަނޑެއްވެސް ފެނިގެންދިޔައީ ދެވަނަ ހާފުގައެވެ. ވެލެންސިއާ އިން މި މެޗުގައި ލީޑްނެގީ 66 ވަނަ މިނެޓުގައި ހޫގޯ ޑޫރޯ ކާމިޔާބުކުރި ލަނޑުންނެވެ. އޭގެކުރީން، ވެލެންސިއާގެ ޑިފެންޑަރު ގެބްރިއެލް ޕައުލިސްޓާ އާއި މެކްސީ ގޯމޭޒް އަށް ލިބުނު ފުރުޞަތުތަކުގެ ބޭނުންހިފޭގޮތްނުވިއިރު، ދެވަނަ ހާފުގައި އެ ޓީމުގެ ލީޑް ފުޅާކުރުމަށް ގޮންކާލޯ ގުއެޑޭސް އަށް ލިބުނު ފުރުޞަތުވެސް ވީ ބޭކާރެވެ.

ރެއާލުން ނަތީޖާ ހަމަހަމަކުރުމަށް ކުރި މަސައްކަތް ކާމިޔާބުވީ މެޗު ނިމެން ހަތަރު މިނެޓަށްވެފައިވަނިކޮށް ބްރެޒިލްގެ ތަރި ވިނީޝަސް ޖޫނިއާ ކާމިޔާބުކުރި ގޯލުންނެވެ. މިއީ އެ ޓީމުގެ ފްރާންސް ފޯވާޑް ކަރީމް ބެންޒެމާ ދިން ބޯޅައަކުން ވިނީޝަސް ކާމިޔާބުކުރި ރީތި ގޯލެކެވެ. އޭގެ ދެ މިނެޓުފަހުން، ބެންޒެމާ ވަނީ ރެއާލަށް ލީޑްނަގައިދީ މި މެޗުން އެ ޓީމަށް ތިން ޕޮއިންޓް ކަށަވަރުކޮށްދީފައެވެ. މިއީ ވިނީޝަސް ނަގައިދިން ހުރަހަކުން ބެންޒެމާ ކާމިޔާބުކުރި ގޯލެކެވެ.