ފްރެންޗް ލީގުގައި ރޭ ކުޅުނު މެޗުގައި އަމިއްލަ ދަނޑުގައި އޮލިމްޕިކް ލިޔޯން ކޮޅަށް މައުރޯ އިކާޑީ ވައްދާލި ލަނޑާއެކު ޕީއެސްޖީން ސައްތައިން ސައްތައިގެ ރެކޯޑް ދަމަހައްޓައިފިއެވެ. މި މެޗުން ޕީއެސްޖީ މޮޅުވީ 2-1 އިންނެވެ.

ރޭގެ މެޗުތަކަށްފަހު ޕީއެސްޖީ އޮތީ ކުޅުނު ހަ މެޗުން ހޯދީ 18 ޕޮއިންޓާއެކު އެއްވަނައިގައެވެ. އެއް މެޗު މަދުން ކުޅެގެން އޭގެ ފަސް ޕޮއިންޓް ފަހަތުން ދެވަނައިގައި އޮލިމްޕިކް މާސޭ އޮތްއިރު، ތިންވަނައިގައި އޮތް ލެންސް އަށް ލިބިފައިވަނީ 12 ޕޮއިންޓެވެ. ހަތަރުވަނައިގައި އޮތް އޭންޖާސް އަށް ލިބިފައިވަނީ 11 ޕޮއިންޓެވެ.

ޕެރިހުގެ ޕާކް ޑެސް ޕްރިންސެސްގައި ރޭ ކުޅުނު މި މެޗުގެ ފުރަތަމަ ހާފުގައި ޕީއެސްޖީ އަށް ލީޑްނަގައިދޭން އާޖެންޓީނާގެ ތަރި ލިއޮނަލް މެސީ އަށް ލިބުނު ރަނގަޅު ދެ ފުރުޞަތެއްވަނީ ބޭކާރުވެފައެވެ. ހިލޭޖެހުމަކުން މެސީ ފޮނުވާލި ބޯޅައެއް ގޯލްގެ ހުރަސްދަނޑިއަށް އަމާޒުވެފައިވާއިރު، ދެން ފޮނުވާލި ބޯޅަ ލިޔޯންގެ ކީޕަރު އެންތަނީ ލޮޕޭޒް މަތަކުރިއެވެ.

މި މެޗުގައި ފެނިގެންދިޔަ ފުރަތަމަ ލަނޑު، ދެވަނަ ހާފުގެ ކުޅުން ފެށިގެން ނުވަވަނަ މިނެޓުގައި ލިޔޯނަށް ކާމިޔާބުކޮށްދިނީ ބްރެޒިލްގެ މިޑްފީލްޑަރު ލޫކަސް ޕަކޭޓާ އެވެ. އެ ޓީމުގެ ފޯވާޑް ކާލް ޓޯކޯ އެކަމްބީ ނަގައިދިން ހުރަހަކުން ލިބުނު ބޯޅަ ޕަކޭޓާ ވަނީ ޕީއެސްޖީގެ ގޯލް ބަލަހައްޓަމުންދިޔަ އިޓަލީގެ އެއްވަނަ ގޯލްކީޕަރު ޖިއަންލުއިޖީ ޑޮންނަރުއްމާ ކައިރިން ގޯލްގެ ކައިރި ކަނަށް އަމާޒުކޮށްލާފައެވެ.

ޕީއެސްޖީން އެއްވަރުކުރީ އޭގެ 12 މިނެޓުފަހުން، ލިޔޯންގެ ޒުވާން ޑިފެންޑަރު މާލޯ ގުސްޓޯ، ޕީއެސްޖީގެ ގެ ބްރެޒިލް ތަރި ނޭމާ އަށް ޕެނަލްޓީއޭރިޔާތެރެއިން ފައުލްކުރިކަމަށް ނިންމައި ރެފްރީ ދިން ޕެނަލްޓީއަކުންނެވެ. މި ޕެނަލްޓީ ކާމިޔާބުކޮށްދިނީ ނޭމާ އެވެ. މިއީ މި ފަހަރުގެ ސީޒަނުގައި ނޭމާ ޖެހި ފުރަތަމަ ގޯލެވެ. އޭގެފަހުން، މެޗުގެ އިތުރުވަގުތުގައި ޕީއެސްޖީ މޮޅުވި ލަނޑުޖަހައިދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނިކުތް އިކާޑީ އެވެ. އިކާޑީ މި ލަނޑުޖެހީ އެ ޓީމުގެ ފްރާންސް ތަރި ކިލިއަން އެމްބާޕޭ ނަގައިދިން ހުރަހަކުން ލިބުނު ބޯޅައެއް ގޯލްގެ ދުރުކަނަށް އަމާޒުކޮށްލައިގެންނެވެ.

މި މެޗުގެ ފަހު ކޮޅުގައި މެސީ ބަދަލުކުރުމުން އޭނާ ހުރީ ހިތްހަމަނުޖެހިފައެވެ. މެސީގެ ބަދަލުގައި އަޝްރަފް ހަކީމީ ކުޅެން އެރިއިރު، ބަދަލުކުރި ވަގުތު މެސީ ވަނީ ޕީއެސްޖީގެ ކޯޗު މައުރީސިއޯ ޕޮޗެޓީނޯ ދެއްކި ވާހަކަތަކަށް މާ ބޮޑު ސަމާލުކަމެއް ނުދީ ބެންޗަށް ގޮސްފައެވެ. މިހާތަނަށް އެ ޓީމުގެ ޖާޒީގައި މެސީ ކުޅުނު އެއްވެސް މެޗެއްގައި ގޯލެއް ކާމިޔާބުކުރެވިފައެއްނުވެއެވެ.

ލީގުގައި ޕީއެސްޖީ އަށް ދެން އޮތީ އަންނަ ބުދަ ދުވަހު ރަށުން ބޭރުގައި މެޓްޒްއާ ދެކޮޅަށް ކުޅޭ މެޗެވެ. މެޓްޒް އަކީ މިވަގުތު ޕޮއިންޓް ތާވަލްގެ އެންމެ ފުލުގައި އޮތް ޓީމެވެ. އެ ޓީމަށް މިހާތަނަށް ކުޅުނު ހަ މެޗުން ލިބިފައިވަނީ ތިން ޕޮއިންޓެވެ.