ސްޕެނިޝް ލީގުގައި ރޭ އަމިއްލަ ދަނޑުގައި ގްރަނާޑާއާ ދެކޮޅަށް ބާސެލޯނާ ކުޅުނު މެޗު 1-1 އިން އެއްވަރުވެގެން ނިމިއްޖެއެވެ.
ރޭގެ ނަތީޖާއާއެކު ބާސެލޯނާ އޮތީ ކުޅުނު ހަތަރު މެޗުން ހޯދީ 8 ޕޮއިންޓާއެކު ތާވަލްގެ ހަތްވަނައިގައެވެ. ގްރަނާޑާ އަށް ފަސް މެޗުން ލިބިފައިވަނީ ތިން ޕޮއިންޓެވެ. މިހާތަނަށް ކުޅުނު މެޗުތަކަށްފަހު އެއްވަނައިގައި އުޅޭ ރެއާލް މެޑްރިޑަށް 13 ޕޮއިންޓް ލިބިފައިވާއިރު، އޭގެ ދެ ޕޮއިންޓް ފަހަތުން ދެވަނައިގައި އޮތީ އެންމެ ފަހުގެ ޗެމްޕިއަން އެތުލެޓިކޯ މެޑްރިޑެވެ.
ބާސެލޯނާގެ ދަނޑުގައި ރޭ ކުޅުނު މި މެޗުގައި އެ ޓީމުގެ ފަރާތުން ވަރަށް އާދައިގެ ކުޅުމެއް ފެނިގެންގޮސްފައިވާއިރު، މި މެޗު ފެށިގެން ދެވަނަ މިނެޓުގައި ކުރީން ލީޑްނެގީ ވެސް ގްރަނާޑާ އިންނެވެ. އެ ޓީމަށް މިލަނޑުޖަހައިދިނީ ޕޯޗުގަލްގެ ޑިފެންޑަރު ޑޮމިންގޯސް ޑުއާޓޭ އެވެ. މިއީ އެ ޓީމުގެ ސާޖިއޯ އެސްކުޑޭރޯ ދިން ބޯޅައަކުން ޑުއާޓޭ ބޮލުން ފޮނުވާލައިގެން ކާމިޔާބުކުރި ގޯލެކެވެ. މި ހާފުގައި ބާސެލޯނާގެ ޑިފެންޑަރު ރޮނަލްޑް އަރައޫހޯ އާއި ސާޖީ ރޮބާޓޯ ފޮނުވާލި ހަމަލާތައް ގްރަނާޑާގެ ކީޕަރު ލުއިސް މެކްސިމިއާނޯ މަތަކުރިއެވެ.
ދެވަނަ ހާފުގައި ބާސެލޯނާގެ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނިކުތް ލޫކް ޑި ޔޯން އަށް ލިބުނު ފުރުޞަތުގެ ބޭނުންހިފޭގޮތްނުވިއިރު އެ ޓީމުން އެއްވަރުކުރި ލަނޑު، މެޗުގެ އެންމެ ފަހު މިނެޓުގައި ކާމިޔާބުކޮށްދިނީ އަރައޫހޯ އެވެ. މިއީ ފަހު ހާފުގައި ކުޅެން ނިކުތް ޒުވާން މިޑްފީލްޑަރު ޕައެޒް ގާވީރިއާ ނަގައިދިން ހުރަހަކުން ލިބުނު ބޯޅައެއް ބޮލުން ގޯލްގެ ތެރެއަށް ފޮނުވާލައިގެން އަރައޫހޯ ކާމިޔާބުކުރި ގޯލެކެވެ.
ލީގުގައި ބާސެލޯނާ އަށް ދެން އޮތީ އަންނަ ހުކުރު ދުވަހު ރަށުން ބޭރުގައި ކާޑިޒްއާ ދެކޮޅަށް ކުޅޭ މެޗެވެ. އެއަށްފަހު އަންނަ އާދީއްތަ ދުވަހު އަމިއްލަ ދަނޑުގައި އެ ޓީމު ނިކުންނާނީ ލެވަންޓޭއާ ދެކޮޅަށެވެ.
