މުއްދަތު ހަމަވެފައިވާ އައިޑީކާޑަށް ޑިސެމްބަރުގެ ނިޔަލަށް ޚިދުމަތް ލިބޭނެކަމަށް ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރަޖިސްޓްރޭޝަނުން ބުނެފިއެވެ.
އެ ޑިޕާޓުމަންޓުން ބުނީ މި މުއްދަތު އިތުރުކުރި ނަމަވެސް ވެބްސައިޓް މެދުވެރިކޮށް އޮންލައިންކޮށް ކާޑު ހެއްދުމަށް ހުށަހެޅޭނެ ކަމަށެވެ.
ކޮވިޑް-19 އާއި ގުޅިގެން އައިޑީކާޑު ހަދައިދިނުމުގެ ޚިދުމަތް މެދުކަނޑާލައިފައިވާތީ އައިޑީކާޑު ނެތުމުން، އައިޑީކާޑު މެދުވެރިކޮށް ދެވޭ އެކިއެކި ޚިދުމަތްތައް ނުލިބުމުގެ ޝަކުވާ އަންނަނީ ލިބެމުންނެވެ.
އެގޮތުން އަލަށް އުފަންވާ ކުއްޖެއް ނަމަ ނުވަތަ އައިޑީކާޑު ގެއްލިފައިވާނަމަ ނުވަތަ މުއްދަތު ހަމަވެފައިވާނަމަ، އުފަންދުވަހުގެ ސެޓްފިކެޓް، ޕާސްޕޯޓް، ޑްރައިވިންގ ލައިސަންސް ނުވަތަ މިއަހަރުގެ ޖެނުއަރީ މަހުގެ އެއްވަނަ ދުވަހުގެ ފަހުން މުއްދަތު ހަމަވެފައިވާ އައިޑީ ކާޑު ނަންބަރަށް ބައްލަވައި ޚިދުމަތް ފޯރުކޮށްދިނުމަށް އެ ޑިޕާޓްމެންޓުން ވަނީ އަންގާފައެވެ.
