ދިވެހިރާއްޖޭގައި އަންނަ އޮކްޓޫބަރު މަހުގެ އެއްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ސާފް ޗެމްޕިއަންޝިޕްގެ ޓައިޓަލް ސްޕޮންސާޝިޕް، އުރީދޫ މޯލްޑިވްސް އިން ނަގައިފިއެވެ.
އެހެންކަމުން، މިފަހަރުގެ މުބާރާތް ކުރިއަށްދާނީ "އުރީދޫ ސާފް ޗެމްޕިއަންޝިޕް" ގެ ނަމުގައެވެ.
ގަތަރުގެ މަލްޓި ނޭޝަނަލް މުވާސަލާތީ ކުންފުނި އުރީދޫ އިން ރާއްޖޭގައި ހިންގާ އުރީދޫ މޯލްޑިވްސް އަކީ މި މުބާރާތުގެ ތާރީޚުގައި ޓައިޓަލް ސްޕޮންސާ ނެގި ރާއްޖެ އަށް ނިސްބަތްވާ ފުރަތަމަ ކުންފުންޏެވެ. އެފްއޭއެމްގެ ފަރާތުން މި ސްޕޮންސާޝިޕް އެއްބަސްވުމުގައި ސޮއިކުރެއްވީ އެ އެސޯސިއޭޝަންގެ ރައީސް ބައްސާމް އަދީލް ޖަލީލެވެ. އަދި އުރީދޫގެ ފަރާތުން ސޮއިކުރެއްވީ ޗީފް ކޮމާޝަލް އޮފިސަރު (ސީސީއޯ) ހުސެއިން ނިޔާޒް އެވެ.
މިއީ ރާއްޖޭގައި މި މުބާރާތް ބާއްވާ ދެވަނަ ފަހަރެވެ. މީގެކުރިން، 2008 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕް ސްރީ ލަންކާއާ ގުޅިގެން ރާއްޖޭގައި ބޭއްވިއިރު، އެ ފަހަރުގެ މުބާރާތް ހުޅުވި މެޗު މާލޭގައި އޮތްއިރު ފައިނަލް ކުޅެ ރާއްޖެ ތަށި ނެގީ ކޮލަމްބޯގައެވެ.
މީގެއިތުރުން، މިއީ ޓައިޓަލް ސްޕޮންސާއެކު މި މުބާރާތް ކުރިއަށްދާ ހަތަރުވަނަ ފަހަރެވެ. މީގެކުރީން، 1999 ވަނަ އަހަރު އިންޑިއާގެ ގޯއާގައި ބޭއްވި މުބާރާތް ކޮކާކޯލާ އިން ސްޕޮންސާކުރުމުން، އެ މުބާރާތް ބޭއްވީ "ސާފް ކޮކާކޯލާ ކަޕް" ގެ ނަމުގައެވެ. އަދި އޭގެފަހުން، 2015 ގައި ޓްރިވެންޑްރަމްގައި ބޭއްވި މުބާރާތާއި، 2018 ވަނަ އަހަރު ބަންގްލަދޭޝްގެ ޑާކާގައި ބޭއްވުނު މުބާރާތުގެ ޓައިޓަލް ސްޕޮންސާ އަކީ ޖަޕާނުގެ ސުޒުކީ ކުންފުންޏެވެ. މިއާއެކު، އެ ދެ މުބާރާތް ބޭއްވީ "ސާފް ސުޒުކީ ކަޕް" ގެ ނަމުގައެވެ.
މި ފަހަރުގެ މުބާރާތުގައި ވާދަކުރާނީ ރާއްޖޭގެ އިތުރުން އިންޑިއާ، ލަންކާ، ބަންގްލަދޭޝް އަދި ނޭޕާލް އެވެ. ފައިނަލަށް ހޮވޭނީ ލީގު އުސޫލުން އެއް ބުރު ކުޅެ ނިމޭއިރު އެންމެ ގިނަ ޕޮއިންޓް ހޯދާ ދެ ޓީމެވެ.
