މާބަނޑު އަންހެނުނަށް ދިމާވާ ހިތާމަވެރި ހާދިސާތަކުގެ ތެރެއިން ބައިގެން ދިއުމަކީ ވަރަށް އާންމު ކަމެކެވެ. އޮންލައިން މަޖައްލާއެއް ކަމަށްވާ މަޔޯ ކްލިނިކުގެ ތަފާސް ހިސާބުތައް ބުނާގޮތުން މާބަނޑު މީހުންގެ 10 އިންސައްތަ އާއި 20 އިންސައްތަ އާ ދެމެދުގެ މީހުން ބައިގެންދެއެވެ. އެހެން ކަމުން ބައިގެން ދިއުމާ ބެހޭގޮތުން ހޭލުންތެރި ބަޔަކަށް އަހަރެމެން ވާން އެބަޖެހެއެވެ.

ބައިގެން ދިއުމަކީ ދަރިމައިވާތާ 20 ހަފްތާގެ ތެރޭގައި ރަހިމުގެ ތެރޭގައި އޮންނަ ނުތުފާ ނުވަތަ ކުއްޖާ ގުދުރަތީ ސަބަބަކާއި ހުރެ ރަހިމުން ނެއްޓި މައިމީހާގެ ހަށިގަނޑުން ބޭރަށް ނުކުތުމެވެ. އާންމުގޮތެއްގައި ގުދުރަތީ ސަބަބަކާއި ހުރެ ބައިގެންދާނަމަ ފުރަތަމަ 12 ހަފްތާގެ ތެރޭގައި ނުތުފާ ނުވަތަ ކުއްޖާ މައިމީހާގެ ރަހިމުން ވަކިވާނެއެވެ.

ބައިގެން ދިއުމުގެ އަލާމާތް ތަކަކީ ކޮންމެ މަޔަކުވެސް ސަމާލުވާންޖެހޭނޭ ކަމެކެވެ. މިކަމުގެ އަލާމާތްތަކުގެ ތެރޭގައި ކުރިމަތިފަރާތުން ލޭ އައުން ހިމެނެއެވެ. މިއީ މައްސަރުގެ ލެއެއް ނޫނެވެ. މިގޮތަށް އަންނަ ލޭ ވަރަށް މަދު މިންވަރަކަށްވެސް އަތުވެދާނެއެވެ. ހަމަ އެއާއި އެކު ކުރިމަތިފަރާތުން ގަނޑު ލޭ ނުވަތަ އާދަޔާ ހިލާފު ފެނެއް އައުން ވެސް ހިމެނެއެވެ. މީގެއިތުރުން ދަށްބަނޑު ކޮޅުގައި ރިހުމާއި ދަށްބަނޑާއި ދިމާލުން އެތެރެހަށީގައި ހަރަކާތްތަކެއް ހިނގާކަމުގެ އިހުސާސް ކުރެވުން ހިމެނެއެވެ.

އެކި މީހުން ބައިގެންދަނީ އެކި ސަބަބުތަކާ ހުރެއެވެ. އެހެން ނަމަވެސް އެންމެ ޢާންމު އެއް ސަބަބަކީ ދަރިމައިވާ އިރު، ނުތުފާގައި ހުންނަން ޖެހޭ ގެނެޓިކް ކުރޮމޮސޯމްސް ތެރެއިން ބައެއް އުނިވުމެވެ. މިކަމުގެ ހަގީގީ ސަބަބެއް ސާފެއް ނުވެއެވެ. ނަމަވެސް ސިއްހީ މާހިރުން ދެކިލައްވާގޮތުގައި މިގޮތަށް ކުރޮމޮސޯމްސް މަދުވުމުގައި ދެ ގޮތެެއް ވެއެވެ. އެއީ މައިމީހާގެ ފަރާތުން މަދު ވުމާއި ފިރިހެންމީހާގެ ފަރާތުން މަދުވުމެވެ. މިކަން ބިނާވުމުގައި ދެ މީހުންގެ ސިއްހީ ދުޅަހެޔޮކަން ބޮޑު ދައުރެއް އަދާކުރާކަމަށް ބައެއް ޑަކްޓަރުން ފާހަގަ ކުރައްވައެވެ.

ބައިގެން ހިނގައިދާނެ އަނެއް ސަބަބަކީ މާބަނޑު އަންހެނާގެ ހިއްސީ ހާލަތެވެ. މާބަނޑު އަންހެނާ އަކީ ހަކުރުމަތިކޮށް ހުރެ ކޮންޓުރޯލު ނުކުރެވޭ މީހެއްނަމަ ބައިގެން ދިއުމުގެ ފުރުސަތު ބޮޑެވެ. ތައިރޮއިޑުގެ ބަލި ހުރުމަކީވެސް މިކަމަށް ނުފޫޒުފޯރުވާ ކަމެކެވެ. އެހެނީ މިކަމުގައި ހޯމޯނުގެ ދައުރުވަރަށް ބޮޑުކަމުންނެވެ. ތައިރޮއިޑަކީ އެތަކެއް ހޯމޯނެއް ކޮންޓުރޯލުކުރާ އެއް މަރުކަޒެވެ. ތައިރޯޑާއި ނުބައްދަލު، ނަމަވެސް ދަރިމައިވުނުވެ ނިޒާމާ ގުޅޭ ހޯމޯނުތަކުގެ ނުބައްދަލު ކަމުންވެސް މިކަން މިގޮތައް ހިނގާފާނެއެވެ. ހަމައެއާއި އެކު މާބަނޑު އަންހެނާގެ ހަށިގަނޑުގައި ގަދަ އިންފެކްޝަނެއް ހުންނަ ނަމަވެސް ބައިގެން ދިއުމުގެ ފުރުސަތު ބޮޑުވެއެވެ. ބައިގެންހިނގައިދާނެ އަނެއް ސަބަބަކީ މައިމީހާގެ ދަރިމައިވުމުގެ ނިޒާމު އުފެދުމުގައި އުނިކަމެއް ނުވަތަ އައިބެއް ހުރުމެވެ. މިކަން ކަމަކީ ސިއްހީ އެހީތެރިއެއްގެ އެހީއާއި އެކީ ނޫނީ ދެނެ ނުގަނެވޭނެ ކަންތައްތަކެކެވެ. ނަމަވެސް މި ސަބަބުތަކަށް ބާރުދޭ މަސްދަރުތައް ދެނެގަނެވޭނެއެވެ.

އެފަދަ މަސްދަރުތަކުގެ ތެރޭގައި އުމުރުން ދޮށިވުމާއި ބަރުދަން އިތުރުވުމާއި ދުންފަތުގެ އިސްތިއުމާލު ކުރުމާއި މަސްތުވާތަކެތި ބޭނުން ކުރުން ހިމެނެއެވެ. ހަމަ އެއާއިއެކު އެނާޖީ ޑްރިންކްސް މާ ގިނައިން ބޭނުން ކުރުންވެސް އެފަދަ މަސްދަރެއްގެ ގޮތުގައި ހިއްސީ މާހިރުން ދެކިލައްވައެވެ. މީގެއިތުރުން އެއްފަހަރު ބައިގެން ގޮސްފައިވާ މީހެއްނަމަ، ދެވަނަ ފަހަރު އެކަންވުމުގެ ފުރުސަތުވެސް ބޮޑުވެއެވެ.

ބައެއް މީހުން ގަބޫލު ކުރާގޮތުގައި "ބުރަ" ކަސްރަތު ކުރުމަކީ ބައިގެން ހިނގައިދާނެ ސަބަބެކެވެ. ނަމަވެސް އެއީ ވަރަށް ނާދިރުކަމެކެވެ. ކަސްރަތު ކުރުމާއި މޫދަށް އެރުމާއި، ގޭތެރޭގެ މަސައްކަތްތައް ކުރުމަކީ ބައިގެން ދިއުމަށް މެދުވެރިވާ ސަބަބެއް ނޫނެވެ. އަދި ހަމަ އެއާއި އެކު އަނބިފިރިކަމުގެ ގުޅުން ހިންގުމަކީވެސް މައިމީހާގެ ބަނޑުގައި ވާ ނުތުފާ ނުވަތަ ކުއްޖާ ބައިގެން ދާނެ ސަބަބެއް ނޫނެވެ.

މިފަދަ ހިތާމަވެރި ހާދިސާއަކުން ސަލާމަތްހުރުމަށްޓަކައި ގަވައިދުން ޑަކްޓަރަށް ދެއްކުމާއި ފޯލިކް އެސިޑު ކެއުމާއި ޑަކްޓަރު ބޭހެއް ދެއްވާނަމަ އެބޭހެއް ބޭނުން ކުރުން ވަރަށްވެސް މުހިންމެވެ. ހަމަ އެއާއިއެކު އިސްވެ ދެންނެވުނު މަސްދަރުތަކަށް ސަމާލުވެ ދިރިއުޅުން ތަރުތީބުކުރުންވެސް ވަރަށް މުހިންމެވެ. އަޅަމެން އެންމެންނީ މިފަދަ ހިތާމަތަކުން ދިންނަވާފައިވާ ބަޔަކު ކަމުގައި ލައްވާށިއެވެ!