ހަކުރު މަތިވެ ކޮންޓުރޯލު ނުވާ ހިސާބަށް ދިއުމަކީ ވަރަށް ގިނަ މީހުންގެ ކަންބޮޑުވުމެކެވެ. ހާއްސަކޮށް ދިވެހިރާއްޖޭގައި ހަކުރު މައްޗަށްދާ މީހުންގެ އަދަދު ވަރަށްވެސް ގިނައެވެ. އެހެންކަމުން ހަކުރު ކޮންޓުރޯލު ކުރުމަށް ނުވަތަ ދަށްކުރުމަށް ކުރެވިދާނެ ކަންކަމާއިމެދު ހޭލުންތެރިވުން ވަރަށްވެސް މުހިންމެވެ.

އާދޭހެވެ! ހަކުރު ދަށްކުރުމަށް ކުރެވިދާނެ ކިތަންމެ ކަމެއް ގިނަ ފަރާތްތަކަށް އެނގިލައްވާނެއެވެ. ނަމަވެސް މި އަލި އަޅުވާލަނީ އޭގެތެރެއިން ވަރަށް އާދައިގެ، ކުރަން ފަސޭހަ ކަމެއްގެ މައްޗަށެވެ.

ހަކުރުދަށްކުރުމަށް ކަސްރަތު ކުރުމަކީ ގިނަބައެއްގެ އާދައެކެވެ. އެހެން ނަމަވެސް އެއީ ގަވައިދުން ކުރަން އުނދަގޫ އަދި ދަތިކަމެއް ކަމަށް ބައެއް މީހުންނަށް ވެދާނެއެވެ. އެހެން ކަމުން ކަސްރަތު ކުރުމާއި އެއްފަދައިން ހަކުރުދަށްކޮށްދޭ ކަމެއް އެބަ އޮތެވެ. އެއީ ގިނައިން ފެން ބުއިމެވެ. ގިނައިން ފެން ބޯނަމަ، ލޭގެ ތެރޭގައި ހުންނަ ހަކުރުގެ "ކޮންސެންޓްރޭޝަން" ނުވަތަ ތާސީރު ދަށްކޮށްދެއެވެ.

ގިނައިން ފެން ބުއިމަކީ ކުއްލިގޮތަކަށް ހަކުރު މަތިވާ މަތިވުން މުޅިންހެން ހުއްޓުވައިދޭ ކަމެކެވެ. ދާއިމީކޮށް ހަކުރުބައްޔަށް ބޭސްކުރާ ފަރާތްތަކުންވެސް ގިނައިން ފެންބޯނަމަ، ހަނދާންނެތިގެން ބޭސް ބޭނުން ނުކުރެވޭ ހާލަތެއްގައި ނަމަވެސް، ކުއްލިގޮތަކަށް ހަކުރު މަތިވެގެންނެއް ނުދާނެއެވެ.

ފެނަކީ މީހާ "ހައިޑްރޭޓު" ކޮށްދީ ބަހައްޓައިދޭ އެއް އަސާސެވެ. މިގޮތަށް ހައިޑްރޭޓުކޮށް ހުންނަ ނަމަ ލޭހޮޅިތަކުން ދައުރުވާ ލޭގެ ކޮންސެންޓްރޭޝަން ނުވަތަ ތާސީރު ހުންނާނީ އެއްހަމައެއްގައި ހިފެހެއްޓިފައެވެ. ހަށިގަނޑުން ފެން މަދު ނަމަ، ލޭގެ ތާސީރުގެ ހަމަ ގެއްލި ލޭގައި ދައުރުވާ ހަކުރުގެ މިންވަރު އިތުރުވާނެއެވެ.

ކިޑްނީ ނުވަތަ ގުރުދާ އަކީ ހަށިގަނޑުގައި ހުންވަ ވިހަ ނުވަތަ ބޭކާރު ބައެއް މާއްދާތައް ބޭރުކުރާ އެއް ގުނަވަނެވެ. އެގޮތުން ހަށިގަނޑަށް ބޭނުންވެ، ފުދި އިތުރުވާ ހަކުރުގެ މިންވަރުވެސް ގުރުދާއިން ބޭރުކޮށްދެއެވެ. މިގޮތަށް ބޭރުކުރާއިރު، ލޭގެ ތެރޭގައި ހަކުރުގެ ތާސީރު އިތުރުނަމަ ކުޑަކަމުދާ ތަކެތީގެ ގޮތުގައި ބޭރުކުރާ ފެނުގެ ނިސްބަތް ގިނަވެއެވެ. މިގޮތަށް ވަކިވަރަކަށްވުރެ ގިނައިން ފެން ބޭރުކުރުމަށްފަހު، ހަށިގަނޑުން ފެންމަދުވުމުގެ އަލާމާތްތައް ފެންނަން ފެށުމުން ގުރުދާއިން ބޭރުކުރާ ކުޑަކަމުދާތަކެތީގެ ނިސްބަތް މަދުކޮށްލައެވެ. ނަތީޖާއަކީ ލޭގެ ތެރޭގައި ހުންނަ، ފުދި އިތުރުވާ ހަކުރުގެ މިންވަރު ކުޑަކަމުދާ ތަކެތީގެ ތެރެއިން ބޭރު ނުވުމެވެ. މީގެ ސަބަބުން ލޭގެ ތެރޭގައި ހުންނަ ހަކުރުގެ މިންވަރު އިތުރުވާން ފަށައެވެ. އެހެން ކަމުން ހަށިގަނޑުގައި ހުންނަ ފެނުގެ މިންވަރު އިތުރުވާނަމަ މިކަން މިގޮތަކަށް ދިމައެއް ނުވާނެއެވެ.

އާދޭހެވެ! ހަކުރުބައްޔަކީ އޭގެ ތަބީއަތުގައިވެސް ކުޑަކަމުދިއުން އިތުރުކުރުވާ ބައްޔެކެވެ. ވީއިރު ގިނައިން ފެން ބޯނަމަ އިތުރަށް ކުޑަކަމުދާން ޖެހުމުގެ ފުރުސަތު އެބައޮތެވެ. އެހެނަސް ދިގު މުއްދަތަކަށް ގިނައިން ފެން ބޯނަމަ، ލޭގެ ތާސީރުން ހަކުރުގެ މިންވަރު މަދުކޮށްދޭނެއެވެ. ނަތީޖާއަކީ ވަކި އިތުރަށް ކުޑަކަމުދާން ނުޖެހުމެވެ.

ފެންބުއިމަކީ އާދަވެ އަހަރެމެން ކުރަމުން އަންނަ ކަމެކެވެ. ވީއިރު ހަކުރުބަލި ހުންނަ މީހުން ފެންބޯ މިންވަރު އިތުރުކޮށްލުން ކީއްތޯއެވެ. އެކަމުން ފައިދާކުރާނީ ހަމަ އެމީހަކަށެވެ. ލޭގެ ތެރޭގައި ހުންނަ ހަކުރުގެ މިންވަރު ކޮންޓުރޯލު ކުރުމަށް ފެން އެހީވެދޭއިރުު، މިކަން ނުކުރާންވީ ކީއްވެހެއްޔެވެ. ދިރިއުޅުމުގެ އާދައަކަށް ގެންނަން ޖެހޭ ކުޑަ ކުޑަ ބަދަލެކެވެ.